2018 ނިމުމުގެ ކުރިން ހޯރަފުށީގައި އެއާޕޯޓެއް އޮންނާނެ: ސިޔާމް
(ހއ. ހޯރަފުށި): ދެހާސް އަށާރަ ވަނަ އަހަރު ނިމުމުގެ ކުރިން ހއ. ހޯރަފުށީގައި އެއާޕޯޓެއް ސަރުކާރުން އަޅައިދޭނެ ކަމަށް ސަރުކާރު ހިންގާ ކޯލިޝަނުގެ ޕާޓްނަރު މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ. އަންނަ މަހު އޮތް ލޯކަލް ކައުންސިލް އިލެކްޝަނުގައި ހޯރަފުށީ ރަށު ކައުންސިލަށް ކުރިމަތިލާ އެމްޑީއޭގެ ތިން ކެންޑިޑޭޓުން ތައާރަފުކުރުމަށް ހއ. ހޯރަފުށީގައި ބޭއްވި ޖަލްސާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން، ސިޔާމް ވިދާޅުވީ 2014 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބުގެ ދުވަސްވަރު، ހޯރަފުށީ ދާއިރާއަށް ކުރިމަތިލި އެމްޑީއޭގެ ކެންޑިޑޭޓު މުހައްމަދު އިސްމާއީލު އިންތިޚާބުކޮށްފި ނަމަ ހޯރަފުށީގައި އެއާޕޯޓެއް އަޅާއިދޭނެ ކަމުގެ ވައުދު ވެވަޑައިގެންފައިވާ ކަމަށެވެ. "އަޅުގަނޑު ދެންނެވިން އިހަވަންދިއްޕޮޅާ ހަނިމާދޫއާ މާ ދުރޭ. ދެމެދުގައި ގަދަ ކަނޑޭ އޮތީ. އެހެންވީމާ ހޯރަފުއްޓާއި އިހަވަންދިއްޕޮޅު ރައްޔިތުންނަށް އެއާޕޯޓެއް ހައްގުވެއޭ. އެހެންވީމާ މުހައްމަދު އިސްމާއީލް ހޮވައިދީފި ނަމަ އެއާޕޯޓެއް އަޅައިދޭނަމޭ. ނުވަތަ އެއާޕޯޓެއް އެޅެންދެން ލޯންޗު ދަތުރުތައް ބާއްވައިދޭނަމޭ،" ސިޔާމް ވިދާޅުވި އެވެ. އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދަށް ރޭ ހޯރަފުށީ ރައްޔިތުން މަރުހަބާ ކިޔަނީ -- ސަން ފޮޓޯ/ އާތިފް އެމްޑީއޭގެ ލީޑަރު ވިދާޅުވީ، ސަރުކާޜުން އިހަވަންދިއްޕޮޅުގައި އައިހެވަންގެ މަޝްރޫއު ކުރިޔަށްދާ އިރު، ހޯރަފުށީގެ އެއާޕޯޓު ވެސް އެޅުމުގެ މަސައްކަތް ކުރަމުން އަންނަނީ އެ މަޝްރޫއުގެ ތެރެއިން ކަމަށެވެ. "އިރާދަކުރެއްވިއްޔާ 2018 ނިމުމުގެ ކުރީގައި ހޯރަފުށީގައި އެއާޕޯޓެއް އޮންނާނެ. އެއާޕޯޓެއް ނާންނަ ކަމުގައިވާ ނަމަ މިހާރު ވެސް ޓްރާންސްޕޯޓު އޮތްގޮތަށް ކުރިޔަށް ގެންދާނަން. އަޅުގަނޑުގެ ބޭނުމަކީ އެއާޕޯޓެއް މިރަށުގެ ރައްޔިތުންނަށް ގެނެސްދިނުން،" ސިޔާމް ވިދާޅުވި އެވެ. މީގެ އިތުރުން ސިޔާމް ވިދާޅުވީ، ހޯރަފުށީގައި މިވަގުތު އޮތީ އެންމެ ފުޓްސަލް ދަނޑެއް ކަމަށާއި، އެ ރަށަށް އިތުރު ފުޓްސަލް ދަނޑުތައް ވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ. "ވަރަށް ގިނަ މީހުން އުޅޭ ރަށެއް މިއީ. އެހެންވީމާ އެންމެ ފުޓްސަލް ދަނޑަކުން ނުވާނެ. އިރާދަކުރެއްވިއްޔާ އިތުރު ދަނޑުތައް ވެސް މިރަށަށް ލިބިގެންދާނެ ކަމުގެ އުފާވެރި ޚަބަރު ދެން،" ސިޔާމް ވިދާޅުވީ އެމްޑީއޭއާއި ޕީޕީއެމް ކޯލިޝާން ސަރުކާރުން ހޯރަފުށީގެ ރައްޔިތުންނަށް ގުނައި އަދަދު ނުކުރެވޭހާ ބޮޑެތި މަޝްރޫއުތަކާއި ފައިދާތައް ގެނެސްދީފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ތެރެއިން މިކަންކަން ލިބެމުންދާ އިރު، އިތުރު ބަޔަކަށް ރައްޔިތުން ސަޕޯޓުކުރުމަކީ ތަރައްގީއަށް ހީނަރުކަން އަތުވެދާނެ ކަމުގެ ބިރު އޮތް ކަމެއް ކަމަށް ސިޔާމް ވިދާޅުވި އެވެ. "އަޅުގަނޑުމެންވެސް ބޭނުން ވަނީ ހަމަ ތިޔަ ރައްޔިތުން ބޭނުންވާ ގޮތަށް، ހޯރަފުށީގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ފުރިހަމަގޮތުގައި ކުރުން،" ސިޔާމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ