މެމްބަރު ސައުދުގެ ޅިޔަނަކު މަގާމުން ވަކިކޮށްފި

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ ޅިޔަނު ޝަޒައިލް ސިޔާމް، ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ ގއ. ވިލިނގިލީ ކަނޑުފެހި، ޝަޒައިލް ސިޔާމް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ވަކިކުރި ސަބަބެއް ބުނެފައެއް ނުވެ އެވެ.
ޝަޒައިލް މަގާމުން ވަކިކޮށްފައިވަނީ އޭނާގެ ޅިޔަނު، ސައުދު އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ އިސްލާހީ މަސައްކަތްތަކާ މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ ގުޅިވަޑައިގެން، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަން ފައްޓަވާފައި ވަނިކޮންނެވެ.
"މިހާރު"އާ ވާހަކަދައްކަވަމުން ޝަޒައިލް ވިދާޅުވީ މަގާމުން ވަކިކުރިއަސް މިނިސްޓްރީގައި އެއްވެސް މައްސަލައެެއް ނުޖެހޭ ކަމަށާއި ހަވާލުކުރި މަސައްކަތްތައް ވެސް ރަނގަޅަށް އަދާކުރައްވައިފައިވާ ކަމަށެވެ.
"އަޅުގަނޑަށް ވީ އެންމެ ރަނގަޅަކަށް މި ސަރުކާރަށް ހިދުމަތް ކުރަމުން މި ދިޔައީ. އެކަމާ އަޅުގަނޑު އުފާކުރަން. މައްސަލައެއް ނުޖެހި މަގާމުން ވަކިކުރީމަ ގަބޫލު ކުރެވެނީ، ސައުދުގެ ޅިޔަނަކަށް ވުމުން ވަކިކުރީ ކަމަށް،" ޝަޒައިލް ވިދާޅުވި އެވެ.
ޝަޒައިލް ވަނީ 2013 ވަނަ އަހަރު ކޫއްޑޫ ފިޝަރީޒްްގެ ޗެއާމަންކަން ކުރައްވައިފަ އެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް އެއް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ކުރެއްވި އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ ޓޫރިޒަމް މިނިސްޓްރީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ