މިއަދު ހަވީރު ބާއްވަން އޮތް ތޮލްހަތުގެ ޝަރީއަތް ކެންސަލްކޮށްފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)ބަންދުކުރި މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރު މައްޗަށް ކުރާ ދައުވާގައި މިއަދު ބާއްވަން އޮތް ޝަރީއަތް ކެންސަލްކޮށްފި އެވެ.
އެ މައްސަލައިގައި މިއަދު ހަވީރު 4:00 ގައި ބާއްވަން އޮތް އަޑުއެހުން ކެންސަލްކުރިކަން ޖުޑިޝަރީން ވެސް ކަށަވަރުކޮށްދެ އެވެ. ޖުޑިޝަރީގެ އޮފިޝަލަކު ވިދާޅުވީ މިއަދުގެ އަޑުއެހުން ކެންސަލްކުރީ ދައުވާލިބޭ ފަރާތުގެ ސިއްހީ ހާލަތު ހުރިގޮތުން ކަމަށެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ތޮލްހަތުގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އަށް ތޮލްހަތު ވަނީ އިންކާރު ކުރައްވައިފަ އެވެ. މިހާރު ކުރިއަށް ދަނީ ތޮލްހަތާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިވެރިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.
އެންމެ ފަހުން ބޭއްވުނު އެ މައްސަލައިގެ އަޑުއެހުމުގައި ހެކިބަސްދެމުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު ވިދާޅުވީ އަބްދުﷲ ގާޒީއާމެދު ފިޔަވަޅު އަޅައިދިނުމަށް އެދި ސިފައިންނަށް ސިޓީ ފޮނުވީ ތޮލްހަތު ވިދާޅުވެގެން ކަމަށެވެ.
އެ މައްސަލައިގައި ތޮލްހަތުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ އިތުރުން ބްރިގޭޑިއާ އިބްރާހިމް ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ. އެ ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ ކުށްނުކުރާ މީހަކު ގާނޫނާއި ހިލާފަށް ހިފާ ހައްޔަރު ކުރުމުގެ ދައުވާ އެވެ.
ޖުޑިޝަރީގެ އޮފިޝަލް ވިދާޅުވީ މާދަމާ ހަވީރު ބޭއްވުމަށް ހަމަޖެހިފައި އޮތް ޒިޔާދާއި އިބްރާހިމް ދީދީގެ ޝަރީއަތް މާދަމާ ރޭ ބޭއްވުމަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ