މަސްވެރިކަމަށް ބަންނަ ދޯނި ފަހަރުގައި އަޅަން ގެންނަ އިންޖީނުގެ ޑިއުޓީ އަލުން މައާފްކޮށް ދެނީ

މަސްވެރިކަމަށް ބަންނަ ދޯނިފަހަރުގައި އަޅަން އެތެރެކުރާ އިންޖީނުގެ ޑިއުޓީ މައާފްކޮށްދޭން އަލުން ފެށުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވެއްޖެ އެވެ.
ދިޓީވީގެ "ހަބަރުތެރެއިން" ޕްރޮގްރާމްގައި ޝަފީއު މިރޭ ވިދާޅުވީ މަސްވެރިންނަށް ދެވެން އޮތް ލުޔެއް ދިނުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑު މިމަގާމާ ހަވާލުވިފަހުން މަސްވެރިންގެ ފަރާތުން މިކަމަށް އެދެމުން ދިޔަ. އެކަމާ ގުޅިގެން ކެބިނެޓްގެ އިކޮނޮމިކް ކޮމިޓީގައި މަޝްވަރާކުރުމަށްފަހު މިގޮތަށް ލުޔެއްދޭން ނިންމީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ މަސްވެރިކަމަށް ބަންނަ އުޅަނދު ފަހަރަށް ގެންނަ ތަކެތިން 2006ގެ ކުރިން ޑިއުޓީ މައާފްކޮށްދީފައިވާ ކަމަށެވެ.
"މީގެ ކުރިން ވެސް ދޯނި ފަހަރު ބަންނަން ބޭނުންކުރާ ގިނަ ސާމާނު ޑިއުޓީ މައާފްކޮށްދީފައި އެބަހުރި. ނަމަވެސް 2006ގެ ފަހުން މިވަނީ އެކަން އުވާލާފައި. ވެދާނެ ބޭނުންވާ މިންވަރަށް މަސްދޯނި ފަހަރު ބަނދެވުނީކަމަށް ވެސް. ނަމަވެސް މިއަދު ވެސް ގިނަ އޮޑިވެރިން އިންވެސްޓްކުރަނީ މުޅި އުމުރު ހޭދަކޮށްގެން މަސައްކަތްކޮށްގެން ލިބޭ ފައިސާއިން،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ މަސް ދޯނިފަހަރުގައި އަޅަން ގެންނަ އިންޖީނަށް ދައްކަން ޖެހޭ ޑިއުޓީ މައާފްކޮށްދެނީ ޑިއުޓީ މައާފްކޮށްދިނުމަށް ގާނޫނީ ގޮތުން ރައީސަށް ލިބޭ އިހުތިޔާރުގެ ދަށުން ކަމަށެވެ.
"މަސްވެރިންނަށް ލުޔެއް ދިނުމުގެ ގޮތުން އެ ފުރުސަތު ފަހިކޮށްދިނުމަށް އަޅުގަނޑު އެދުނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ މަސްވެރިކަމަށް ދޯނި ބަނުމަށް ބޭންކުން ނަގާފައިވާ ލޯނުތައް ވެސް އަނބުރާ ދެއްކުމުގައި ޖެހިފައިވާ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
"އެ ދޯނިތަކުގެ މައްސަލަ ހައްލުކުރުމަށް މިދަނީ މަސައްކަތްކުރަމުން. އަދި ޑިއުޓީ މައާފްކޮށް ދިނުމުން އިތުރު ލުޔެއް އެ ފަރާތްތަކަށް ލިބިގެން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ މަސްދޯނީގައި އަޅަން ގެންނަ އިންޖީނުގެ ޑިއުޓީ މައާފްކުރަން ހުށަހަޅާއިރު އެ ފަރާތްތަކުން މަސްވެރިކަން ކުރާ އުޅަނދެއްކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ.
"ޑިއުޓީ މައާފްކޮށްދިނުމުގެ ތަފުސީލް މާދަމާ ގެޒެޓްކުރެވޭނެ. އަޅުގަނޑުމެން ޔަގީންކުރަން ބޭނުންވޭ އެއީ މަސްވެރި އުޅަނދަށް ގެންނަ އިންޖީނެއްކަން. އެއް ޝަރުތެއް މަދުވެގެން އެއް އަހަރުގެ ތެރޭގައި މަހަށް ފުރުން. އޭގެ އިތުރުން ފުރަތަމަ ޝަރުތެއްގެ ގޮތުގައި އޮންނާނެ މަސްވެރިކަމަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށްވުން،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ މަސްވެރިކަމަށް ބަނދެފައިވާ އުޅަނދެއް އެހެން ކަމަކަށް ބަދަލުކުރާ ނަމަ ފުރަތަމަ ފަސް އަހަރު ބޭނުންކުރަން ޖެހެނީ މަސްވެރިކަމަށް އެކަނި ކަމަށެވެ. އަދި އޭގެ ފަހުން އެ ދޯނި އެހެން ކަމަކަށް ބަދަލުކުރާ ނަމަ އިންޖީނުގެ ޑިއުޓީ ދައްކަން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ އޮޑިވެރިޔާއަށް ލިބޭ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ. ޑިއުޓީ މައާފްކުރި ނަމަވެސް ޖީއެސްޓީ ދައްކަން ޖެހޭނީ. މި ލުއި ހަމަޖެއްސުމުން އިންޖީނުގެ ޑިއުޓީގެ ގޮތުގައި ދައްކަން ޖެހޭ 20 ޕަސެންޓް އުނިވެގެންދާނެ،" ޝަފީއު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަސްވެރިކަމަށް ބަންނަ ދޯންޏެއްގައި އަޅާ އިންޖީނެއް ގެންނަން އެއް މިލިއަނާއި 1.5 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ