ޝަމްޢާން އާއި އިމިގްރޭޝަންގެ ކުރީގެ 4 އޮފިސަރަކަށް ދަޢުވާކުރުމަށް އެދި ޕީޖީ އަށް ފުލުހުން ފޮނުވައިފި

ކޮރަޕްޝަންގެ ތުހުމަތުގައި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޝަމްޢާން އާއި އިމިގްރޭޝަންގެ އިތުރު 4 އޮފިސަރަކަށް ދަޢުވާކުރުމަށް އެދި ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ. މި މައްސަލަ ޕީޖީ އޮފީހުން ބަލައިގަނެ، 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އެ އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މި އަހަރުގެ މާރޗް މަހުގެ 12 ވަނަ ދުވަހު މާފަންނު ސަރަހައްދުގެ ގެއެއްގައި ދިރިއުޅެމުންދިޔަ ބިދޭސީންނާ ގުޅޭ އޮޕަރޭޝަނެއް ހިންގާފައިވަނީ ގަވާއިދާއި އުސޫލުތަކާ ޚިލާފަށް ޝަމްޢާންގެ އެނގުމާއެކުގައެވެ.
އެ ރޭ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރެއިން އެއް ފަރާތެއް ދޫކޮށްލާފައިވަނީ "އަރޖެންޓް" ކަމެއްގެ ގޮތުގައި ދައްކައި، ޝަމްޢާންގެ އިރުޝާދުގެ ދަށުންނެވެ. އަދި އެ ބިދޭސީ މީހާގެ އަތުން އިމިގްރޭޝަންގެ އޮފިސަރަކު ނެގި ފައިސާ ޝަމްޢާންގެ ގެއަށް ގެންގޮސްފައިވާކަން ތަޙުޤީޤަށް ހާމަވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން ޝަމްޢާންގެ ގެ ބަލައި ފާސްކުރިއިރު، 257,475 ރުފިޔާ އާއި 10,000 އެމެރިކާ ޑޮލަރުގެ އިތުރުން އެހެނިހެން ބައެއް ޤައުމުތަކުގެ ފައިސާވެސް ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މި މައްސަލައިގައި ދަޢުވާ ކުރެވޭ ފަރާތްތަކާމެދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާ ގޮތެއް ކުރިއަށް އޮތް ދުވަސްތަކުގައި އެނގިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ