މީޑިއާ ކައުންސިލްގެ އިންތިޚާބު ފަސްކުރުމަށް ކޯޓުން އަމުރުކޮށްފި
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ކަމަށް އަބްދުﷲ މުއާޒު ހޮވި ޖަލްސާ އެ ކައުންސިލުން ބާތިލްކުރި މައްސަލާގައި އޭނާ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތް ނުނިމެނީސް އެ އިންތިޚާބު ނުބޭއްވުމަށް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.އިންތިޚާބު ފަސްކުރުމަށް ކޯޓުން އަމުރުކޮށްފައިވާ އިރު، މީޑިއާ ކައުންސިލުން ކުރިން ނިންމާފައިވަނީ މިއަދު ހަވީރު އިންތިޚާބު ބޭއްވުމަށެވެ.މި މަހުގެ 12 ވަނަ ދުވަހު މީޑިއާ ކައުންސިލްގެ ރައީސް ކަމަށް މުއާޒު އައްޔަން ކުރުމަށް ފަހު، އެ ޖަލްސާ ބާތިލުކުރި ކަމަށް އެ ކައުންސިލުން ނިންމީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އެ ޖަލްސާ ބާތިލުކުރީ ރަށުގައި ނެތް މެންބަރެއްގެ ނަން ރައީސް ކަމުގެ މަގާމަށް ހުށަހެޅި ނަމަވެސް އެކަމުން ތަނާޒުލް ވުމާއި ކެމްޕޭން ކުރުން ފަދަ ބައެއް ހައްގުތައް އޭނާ އަށް ގެއްލުމުން ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ. އަދި މީޑިއާ ކައުންސިލްގެ ޖަލްސާއެއް ބޭއްވުމަށް ދޭން ޖެހޭ 72 ގަޑިއިރުގެ ނޯޓިސް ދީފައި ނުވާތީ ކަމަށް ވެސް އެ ކައުންސިލްގެ ބައެއް މެމްބަރުން ވިދާޅުވި އެވެ.މީޑިއާ ކައުންސިލްގެ ރައީސް ކަމަށް މުއާޒު އިންތިހާބުކުރި ޖަލްސާ ބާތިލުކުރަން އެކައުންސިލުން ނިންމި މައްސަލަ އޭނާ ކޯޓަށް ހުށަހެޅުއްވީ އަންގާރުދުވަހު އެވެ. އެ މައްސަލަ ހުށަހެޅުއްވީ މީޑިއާ ކައުންސިލްގެ ގާނޫނާ ހިލާފަށް މަގާމުން ވަކިކުރުމުން ކަމަށް މުއާޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ