ދެވަނަ ބުރުގެ ވޯޓު ލުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރާ ހިލާފަށް އެއްވެސް ފަރާތަކުން އެއްވެސް އަމަލެއް ހިންގާ ނަމަ އެކަން ހުއްޓުވުމަށް ސަލާމަތީ ބާރުތަކަށް ސުޕްރީމް ކޯޓުން ރޭ ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް ފުލުހުންގެ ކޮމާންޑަރުންނާއި ހުރިހާ ފުލުހުންނަށް ޕޮލިސް ކޮމިޝަނަރު އަންގަވައިފި އެވެ.
ކޮމިޝަރު އަބްދުﷲ ރިޔާޒު ސޮއިކުރައްވައި، އާންމުކޮށްފައިވާ ތިން ސޮފުހާގެ "އެންގުމުގައި" މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ އެ އަމުރު ތަންފީޒު ކުރުމުގައި ފުލުހުން އަމަލުކުރަންވީ ގޮތްތަކެވެ.
އެ އެންގުމުގައި ބުނާ ގޮތުން އެފަދަ އަމަލެއް ހިންގަން މަސައްކަތްކޮށްފި ނަމަ އެކަމެއް ފުލުހުން ހުއްޓުވުމާއި، އެކަން ކުރާ ފަރާތްތަކަށް އެކަން ނުކުރަން އަންގައި ނަސޭހަތްތެރިވުމާއި، އިންޒާރުދިނުމަށް ފަހު ވެސް އެފަރާތުން ނުހުއްޓައިފި ނަމަ ފުލުހުން އެކަމެއް ހުއްޓުވައި އެ އަމަލެއް ހިންގި ފަރާތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން ހިމެނެ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ފޮށިތަކާއި ވޯޓާ ގުޅުން ހުރި އެހެނިހެން ތަކެތި ބަހައްޓާފައިވާ ތަންތަނުގައި ކަނޑައެޅިފައިވާ ގޮތަށް ސެކިއުރިޓީ ބަލަހައްޓަމުން ދިއުމަށާއި އަދި ވޯޓުލުން ކުރިއަށް ގެންދިއުމަށް ޓަކައި އެތަކެތި އެއްވެސް ފަރާތަކުން އެހެން ތަނަކަށް ގެންދާނަމަ އެކަމެއް ހުއްޓުވުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން ދެވަނަ ބުރު މާދަމާ ބާއްވަން ނިންމައިފި ނަމަ ނުވަތަ ބާއްވަން މަސައްކަތް ކުރަމުންދާ ނަމަ ކޮމިޝަންގެ މައި އޮފީހާއި ވޯޓު ކަރުދާހާއި ވޯޓު ފޮށި ބަހައްޓާފައި ހުރި ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ފުލުހުން ހަވާލުވެ އެ ތަންތަނުގެ އެކްސެސް ކޮންޓްރޯލް ކުރުމަށާއި އެ ތަންތަނުގައިވާ ތަކެތި ވޯޓު ލުމަށް ޓަކައި އެއްވެސް ތަނަކަށް ނުގެންދެވޭނެހެން ބެލެހެއްޓުން ހިމެނެ އެވެ.
މީގެ އިތުރުން ރަށްރަށާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްތައް ހިނގާ ރަށްރަށުގައި ވެސް ދެވަނަ ބުރުގެ ވޯޓު ލުން ކުރިއަށް ގެންދަން ކުރާ މަސައްކަތްތައް ހުއްޓުވުމަށް ފުލުހުންނަށް ވަނީ ކޮމިޝަނަރު އަންގަވައިފަ އެވެ.
މިފަދައިން އަމަލުކުރާއިރު، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރަކު ހައްޔަރުކޮށްފި ނަމަ އެކަން ކޮމިޝަނާ އޮފް ޕޮލިސް އަށް އެންގުމަށް ވެސް ކޮމިޝަނަރު ވަނީ އަންގަވައިފަ އެވެ. އަދި މި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމުގައި ބާރުގެ ބޭނުންކުރަން ޖެހޭ ހާލަތްތަކުގައި އެންމެ ކުޑަ މިންވަރަކަށް ބާރުގެ ބޭނުން ކުރުމަށާއި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރުމަށް ސަމާލުވުމަށް ވެސް ކޮމިޝަނަރު ވަނީ އަންގަވައިފަ އެވެ.
"... (ސުޕްރީމް ކޯޓުގެ) އަމުރު ތަންފީޒު ކުރުމަށާއި އަދި އެ އަމުރާ ހިލާފަށް ހިންގާ ކޮންމެ ހަރަކާތެއް ވަގުތުން ހުއްޓުވައި އެ އަމުރު ތަންފީޒުވާކަން ކަށަވަރު ކުރުމަށް ކަމާ ބެހޭ ހުރިހާ ކޮމާންޑަރުންނާއި އެންމެހާ ފުލުހުނަށް އެންގީމެވެ،" އެންގުން ނިންމާލަމުން ބުނެފައި ވެ އެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރަން ހުރިހާ ފުލުހުންނަށް ކޮމިޝަނަރު އަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ