ރާއްޖޭގައި ކުރިން ހުންނެވި އިންޑިއަން ހައިކޮމިޝަނަރ ހުންނެވުމަށް ކުއްޔަށްހިފި ހ ދިވެހިގޭގެ ކުއްޔާއި ތަނަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއިއެކު ޖުމްލަ 196101 ޑޮލަރު ހޯދުމަށް ގޭގެ ވެރިފަރާތް ސިވިލްކޯޓްގައިކުރި ދައުވާ ސިވިލްކޯޓުން ނުބެލޭނެކަމަށް ސިވިލްކޯޓުން ނިންމި ނިންމުން ދިވެހި ރާއްޖޭގެ ހައި ކޯޓުން ބާތިލްކޮށްފިއެވެ.
ޝަރީފު މިމައްސަލަ ސިވިލްކޯޓަށް ހުށައެޅުމުން ސިވިލްކޯޓުން 2011 ވަނަ އަހަރުކުރި ހުކުމުގައި ބުނެފައިވަނީ ރާއްޖެއިން "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަން"ގައި ބައިވެރިވެފައި ވުމުން މިފަދަ މައްސަލައެއް ހައިކޮމިޝަނުގެ މައްޗަށް ނުހިންގޭނެކަމުގައެވެ. އަދި ޝަރީފްއާއި ދެކޮޅަށް ސިވިލްކޯޓުން މިމައްސަލަ ނިންމާފައިވަނީ އިންޑިއަން ހައި ކޮމިޝަނުން ޑިޕްލޮމެޓިކް އިމްތިޔާޒްގެ ބޭނުން ހިފުމުންނެވެ.
މިމައްސަލަ ޝަރީފު ހައިކޯޓްގައި އިސްތިއުނާފް ކުރުމުން މައްސަލަ ބެއްލެވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއާއި ފަނޑިޔާރު ޔޫސުފް ހުސައިނާއި ފަނޑިޔާރު އައްބާސް ޝަރީފްގެ ހުކުމުގައި ބުނެފައިވަނީ އެމައްސަލަޔަކީ ސިވިލްކޯޓުން ބެލޭނެ މައްސަލައެއް ކަމުގައެވެ. އަދި ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަނަށް އަމަލުކުރުން ލާޒިމްކޮށް ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށްފައިނުވާތީ އެ މުއާހަދާއަށް އަމަލުކުރުން "ރައްޔިތުން" ގެ މައްޗަށް ލާޒިމް ނުވާނެކަމަށްވެސް ހައިކޯޓްގެ ހުކުމުގައިވަނީ ބުނެފައެވެ.
އަދި ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަނުން ރައްކާތެރިކަން ދީފައިވަނީ ޑިޕްލޮމެޓިކް އޭޖެންޓުންނަށް ކަމަށާއި ޝަރީފް އެ ދައުވާކޮށްފައި ވަނީ ޑިޕްލޮމެޓިކް އޭޖެންޓެއްގެ މައްޗަށް ނޫންކަމުންވެސް އެބައްސަލަ ސިވިލްކޯޓްގައި ހިންގޭނެކަމަށް ހައިކޯޓްގެ ހުކުމުގައިވަނީ ބުނެފައެވެ.
ނަމަވެސް މިމައްސަލައަކީ މައްސަލައިގެ ބާވަތުން ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ބުރޫއަރާފާނެ މައްސަލައެއްކަމަށް ފެންނާތީ ކޯޓުން ބޭރުގައި އެ މައްސަލަ ހައްލު ކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ހައިކޯޓުންވަނީ ދީފައެވެ. އަދި ތިން މަސްދުވަހުގެ ތެރޭގައި ވާހަކަ ދައްކައިގެން މައްސަލަ ހައްލު ވުވެއްޖެނަމަ ޝަރީފަށް މައްސަލަ ހުށައެޅޭނެކަމަށާއި ޝަރީފު މައްސަލަ ހުށައަޅައިފިނަމަ އެމައްސަލަ ސިވިލްކޯޓުން ބަލަންޖެހޭނެކަމަށްވެސް ހައިކޯޓްގެ ހުކުމުގައި ބުނެފައިވެއެވެ.
ހައިކޮމިޝަނާއި ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުން ބެލޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ