ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވަނީ ގާނޫނީ ގޮތުން ކުރަންޖެހޭ އެތައްކަމެއް އަދިވެސް ނުކުރެވި ހުރުމުން ވީހާވެސް އަވަހަށް ރައްޔިތުންނަށް ގާނޫން އަސާސީގެ ފޮނި މީރުކަން ހޯއްދަވައި ދެއްވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިރޭ ބައެއް ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވަނީ މީގެ ކުރިން ލިބިވަޑައިގެންނެވި ތަޖުރިބާގެ އަލީގައި ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަން ބޭނުންފުޅުވާތީ ކަމަށެވެ.
މަޖިލީހުގެ ރައީސްކަން ލިބިވަޑައި ނުގެންނެފިނަމަ ސަރުކާރު ކޯލިޝަންގެ ތެރޭގައި މައްސަލަތައް ކުރިމަތިވާނެތޯ ނޫސްވެރިން ތަކްރާރުކޮށް ސުވާލު ކުރުމުން ގާސިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން އެކުލަވައިލެވުނީ ގިނަ ޕާޓީތައް އެކުވެގެން ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމުގެ މަތިވެރި އުންމީދުގައި ކަމަށާއި
މަޖިލީހުގެ ރައީސްކަމާއި، ކޯލިޝަންގެ ތެރޭގައި ޚިޔާލު ތަފާތުވުންތައް އުފެދުމަކީ މުޅިން ތަފާތު ދެކަމެއް ކަމަށެވެ. މަޖިލީހުގެ ރައީސް ކަމަށް ކޮންމެ ބޭފުޅަކު އިންތިހާބުވި ނަަމަވެސް ކޯލިޝަން ކުރިއަަށްދާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލެއްވުމަށް ނިންމެވީ ވަރަށް ގިނަ ފަރާތްތަކާއި މަޝްވަރާކޮށްފައި ކަމަށާ، މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ނިންމަވާ ކޮންމެ ނިންމުމަކަށް އެމަނިކުފާނު ފުރިހަމައަށް އިޙްތިރާމް ކުރައްވާނެ ކަމަށެވެ.
މީގެ އިތުުރުން ގާސިމް ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް ވަކި ޕާޓީއެއްގެ ބޭފުޅަކު އިންތިޚާބުކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާކަމަށާއި
ކޮންމެ މެންބަރަކީ ވެސް ރައްޔިތުންނާއި، ގައުމަށް ޚިދުމަތް ކުރުމަށް މާތްﷲ ގަންދީ ހުވާކުރައްވައިގެން ހުންނެވި މެންބަރެއްކަމުން އުމަށް ހެވާލާބަ ލިބޭ ކޮންމެ ކަމެއްގައި މެންބަރުން ތިބެންޖެހޭނީ ކުރީ ސަފުގައިކަމަށެވެ.
މަޖިލީހުގެ ރައީސް ކަން ކުރިމަތިލައްވަނީ ގާނޫނީ ގޮތުން ކުރަން ހުރި އެތައް ކަމެއް ނުވެ ހުރުމުން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ