މުސްލިމުން އިންޑިއާގައި އުޅެގެން ނުވާނެ: ބީޖޭޕީ ޕާލަމަންޓް މެމްބަރު

ނިއުދިއްލީ (07 ފެބްރިއަރީ): މުސްލިމުން އިންޑިއާގައި އުޅެގެން ނުވާނެ ކަމަށް އެގައުމުގެ ވެރިކަން ކުރާ ބާރްތިޔާ ޖަންތާ ޕާޓީ (ބީޖޭޕީ)ގެ ޕާލިމެންޓް މެމްބަރެއް ކަމަށްވާ ވިނޭ ކަތިޔާރު ވިދާޅުވެއްޖެ އެވެ. އިންޑިއާގެ މުސްލިމުންނަކީ "ޕާކިސްތާން"ގެ ރައްޔިތުންކަމަށް ބުނުމަކީ ގާނޫނީ ގޮތުން ކުށަކަށް ހެދުމަށް އޯލް އިންޑިއާ މަޖްލިސް އިއްތިހާދުލް މުސްލިމީންގެ ޗީފް އަކްބަރުއްދީން އޮވައިސީ ގޮވައިލެއްވުމުން އެއަށް ރައްދު ދެއްވައި ވިނޭ ވިދާޅުވީ މުސްލިމުން އިންޑިއާގައި އުޅުމުގެ ބޭނުމެއް ނެތް ކަމަށެވެ. "މުސްލިމުން ވަނީ މިގައުމު ބައިބައިކޮށްލައިފައި" ވިނޭ ވިދާޅުވި އެވެ. ވިނޭ ވަނީ އެގައުމުގައި ވަންދޭ މާތުރަމް ނުކިޔައި، އިންޑިއާގެ ދިދަ އަށް ހުރުމަތްތެރިކޮށް ނުހިތައި އަދި ޕާކިސްތާނުގެ ދިދަ ނަގާ ފަރާތްތަކަށް އަދަބު ދިނުމުގެ ގޮތުން ބިލެއް ފާސް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ވަންދޭ މާތުުރަމްއަކީ އިންޑިއާގެ ގައުމީ ލަވައިގެ ގޮތުގައި ހިމެނޭ ލަވައެކެވެ. ނަމަވެސް މުސްލިމުންނާ ދެކޮޅު ޝުއޫރުތައް އެލަވައިގެ ހިމެނޭތީ މުސްލިމުން އެލަވަ ކިޔުމަށް ދެކޮޅު ހަދަ އެވެ. ވިނޭ ވަނީ އިންޑިއާގައި ދިރިއުޅޭ މުސްލިމުން ޕާކިސްތާނަށް ހިޖުރަކުރުމަށް ވެސް ގޮވައިލައިފަ އެވެ. މުސްލިމު ރަސްކަލަކު ބިނާކުރެއްވި ތާޖުު މަހަލް، ހިންދޫންގެ ފައްޅިއަކަށް ވަރަށް އަވަހަށް ހަދާނެ ކަމަށް ވިނޭ މިދިޔަ ހޯމަ ދުވަހު ވިދާޅުވުމުން ވެސް މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފަ އެވެ. އިންޑިއާގެ ބީޖޭޕީގެ ވަރަށް އިސް ބޭފުޅެއް ކަމަށްވާ ސުބްރަމާނިއަން ސުވާމީ މީގެ ކުރިން ވަނީ މުސްލިމުން، އެމީހުންގެ ކާބަފައިންނަކީ ހިންދޫން ކަމަށް އެއްބަސް ނުވާ ނަމަ އިންޑިއާގެ ރައްޔިތުކަން ނުދިނުމަށް ގޮވައިލައިފަ އެވެ. މަސްދަރު : ސްކްރޮލް އިންޑިއާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ