ޖޭޕީއާ ގުޅިވަޑައިގަތުމަށް އުމަރު އަނެއްކާވެސް ނިންމަވައިފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމުހުރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގެންނެވުމަށް ނިންމަވައިފިއެވެ. އުމަރު މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ޖޭޕީއާ ގުޅިވަޑައިގަތުމަށް ނިންމީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެޕާޓީ ތައްޔާރު ވަމުންދާތީ އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ. މީގެ ކުރިން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ އުމަރު ވިދާޅުވީ އަންނަ ހަފްތާ ތެރޭގައި ޖޭޕީ އަށް ސޮއިކުރައްވާނެ ކަމަށެވެ. އުމަރު ވަނީ މީގެ ކުރިންވެސް ޖޭޕީގައި މަސައްކަތް ކުރައްވާފައެވެ. ޖޭޕީއަށް އުމަރު ކުރިން ގުޅިވަޑައިގެންނެވީ އޭނާ ޕީޕީއެމުން ވަކިކުރުމާގުޅިގެން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގަ އެވެ. އުމަރު މި ސަރުކާރުގެ ހޯމް މިނިސްޓަރު ކަމުގެ މަގާމަށް އައީ ޖޭޕީގެ ސްލޮޓެއްގައެވެ. ދާދިފަހުން އުމަރު ވިދާޅުވެފައި ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރޭނަމަ އެކަމަށް އެންމެ އެކަށޭނަ ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ