ރައީސް އާއި ވަޒީރުން ތިއްބެވީ އެލް ބޯޑް އަޅުވައިގެން – އުމަރު

މި ސަރުކާރުން ފެނިގެން ދަނީ މިސްމެނޭޖް ކުރާ މަންޒަރު ކަމަށާ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ވަޒީރު ކަމުގައި ވެސް ތިއްބެވީ "އެލް ބޯޑު" އަޅުއްވައިގެން ތިއްބެވި ބޭފުޅުން ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އޮންލައިން ނޫން "ދަ ޕްރެސް" އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ މި ސަރުކާރުގައި ތިއްބެވީ ގައުމެއް ހިންގުމުގައި ނުވަތަ ގަވަނިންގައި އެއްވެސް ގޮތަކަށް އެއްޗެއް އެނގިވަޑައިގަންނަވާ ބޭފުޅުން ނޫން ކަމަށެވެ. ރައީސް ޞާލިހަކީ ވެސް އޭގެ ބޭފުޅެއް ކަމަށާ ދެންތިބި ބޭފުޅުންނަކީ ވެސް އޭގެ ބޭފުޅުން ކަމަށެވެ. ފެންނަމުން ދަނީ ވަރަށް ބޮޑަށް މިސްމެނޭޖް ކުރަމުންދާ މަންޒަރު ކަމަށް އުމަރު ވިދާޅުވިއެވެ.
"ދަ ޕްރެސް" ގައި އުމަރާއި ހަވާލާ ދެއްވާ ބުނެފައި ވަނީ ކުރީގެ ސަރުކާރެއްގައި މަސައްކަތް ކުރައްވައި ތަޖުރިބާ ލިބިވަޑައިގެންނެވި ބޭފުޅުކަށް ހުންނެވީ ހަމައެކަނި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށާ، އޭނާ ހޯއްދަވާ ތަޖުރިބާ އަކީ މުޅިން އެހެން ކަހަލަ ތަޖުރިބާއެއް ކަމަށެވެ.
"އުފެއްދުންތެރިކަން ދޫކޮށްލާފައި ރިކަރަންޓް ހަރަދަަށް ބަޖެޓުގެ ބޮޑުބައި މިހާރު ވެސް ހޭދަވެގެން މިދިޔައީ. ދެން އެންމެ ބޮޑު ކޮމްޕޯނެންޓެއް މިދިޔައީ ސިޔާސީ ކަންކަމަށާއި، ސިޔާސީ ބޭފުޅުންގެ ދަތުރުތަކަށް. ސޯލިހު ދަތުރުތައް ކުރައްވައިވި. ޝާހިދު ދެފައި އެއްތަނެއްގައި ނުޖެހި ދަތުރު ކުރައްވަނީ. ލިބޭ އެއްވެސް އެއްޗެއް ނޯވޭ އަޅުގަނޑުމެންނަކަށް. ދެން ސިޔާސީ މަގާމްތަކަށް ބަލާއިރު 100 ސްޓޭޓް މިނިސްޓަރުން އެބަ ތިއްބެވި." އުމަރު ވިދާޅުވިއެވެ.
މިހާތަނަށް ބޭރުގެ ގިނަ އެހީތައް ލިބިފައި ވާކަމަށް ސަރުކާރުން ބުނަމުންދާ ވަހަކަތަކާ ގުޅިގެން އުމަރު ވިދާޅުވީ އިންޑިއާއިން ހަގީގަތުގައި އެދެނީ އެހީއެއް ނޫން ކަމަށެވެ. އެއީ ކޮންމެ ނަމެއްގައި ދިނަސް ލޯނު ކަމަށް އުމަރު ވިދާޅުވިއެވެ.
"ފިނޭންސް މިނިސްޓަރު އެ ވިދާޅުވި 1.5 ބިލިއަން ޑޮލަރަކީ ހަގީގަތުގައި ލޯނު. އެއީ އަނބުރާ ދައްކަން ޖެހޭ އެއްޗެއް. އެހެންވީމަ އިންޑިއާއަކުން ރާއްޖެއަށް ބޮޑު އެހީއެއް ނުދޭ. އެމީހުންނަށް ނުދެސް ދެވޭނެ ބޮޑު އެހީއެއް. އިންޑިއާއަކީ ވެސް އެހާ ފުދުންތެެރި ގައުމެއް ނޫން. އެތާގައި ވަރަށް ބައިވަރު ފަގިރުންނާއި މީސް މީހުން އެބަތިބި. އިންޑިއާއަކަށް ވެސް މި މީހުން ބުނާ އަދަދެއް ނުދެވޭނެ." އުމަރު ވިދާޅުވިއެވެ.
އުމަރުގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވިއިރު ސަރުކާރުގެ ސްޕީޑް ދަށްކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ރައްދުގައި ސަރުކާރުން ބުނަނީ ޕްލޭންތައް ތައްޔާރު ކުރަމުން އަންނަ ކަމަށާއި މިސަރުކާރުން ކަންތައްތައް ކުރާނީ ވަރަށް ރޭވުންތެރިކަމާއި އެކުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ