ޕީޕީއެމަށް ފައިސާ ދޫކޮށްފި

މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ސިޔާސީ ޕާޓީތަކަށް ކަނޑައެޅި ފައިސާގެ ތެރެއިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ލިބެންޖެހޭ ފައިސާ ފިނޭންސް މިނިސްޓްރީ ދޫކޮށްފި އެވެ.
ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް ދޭންޖެހޭ 11 މިލިއަން ރުފިޔާގެ ތެެރެއިން ދޫނުކޮށް ފިނޭންސްއިން ހިފެހެއްޓި އަށް މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެމިނިސްޓްރީގެ އޮފިޝަލަކު ވަނީ ސީއެންއެމަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ ބަޖެޓްގެ އެއް ޕަސެންޓް ސިޔާސީ ޕާޓީތަކަށް ކަނޑައަޅަންޖެ އެވެ. އަދި ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ކަނޑައަޅާ ފައިސާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭންޖެހެ އެވެ.
ނަމަވެސް ގާނޫނު ބުނާ މުއްދަތު ކަމަށްވާ މާޗު މަސް ނިމުމުގެ ކުރިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫނުކުރާކަން ފާއިތުވި އަހަރުތަކުގެ ވަނީ ފާހަގަކުރެވިފަ އެވެ.
މިދިޔަ އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައެޅި ފައިސާގެ ތެރެއިން ޕީޕީއެމަށްވީ ފައިސާ އެޕާޓީއަށް ނުދީ އެންމެ ފުރަތަމަ ހިފަހައްޓާފައިވަނީ ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެންނެވެ.
އެގޮތުން ޕީޕިއެމްގެ ރައީސްގެ މަގާމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދުރުކޮށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ރައިސް މައުމޫނަށް އެޕާޓި ހަވާލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެޕާޓިގެ ފައިސާ ހިފަހައްޓާފައި ވެއެވެ. އަދި ސުޕްރީމް ކޯޓުން އެމައްސަލައިގައި ގޮތެއް ނިންމުމުން އިލެކްޝަންސް ކޮމިޝަނުން ވަނީ އެފައިސާ ދޫކޮށްދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިވިއިރު، އެ ޕާޓީ ވަރަށް ބޮޑަށް ދަރަނިވެރިވެފައި ވާކަމުގެ އަޑުތައް ފެތުރުނެވެ. އަދި މީގެ ކުރިން އެޕާޓީގެ ފަރާތުން ބުނެފައިވަނީ، ދަރަނިތައް އަދާކުރެވޭނީ ދައުލަތުގެ ފަރާތުން އެޕާޓިއަށް ލިބެންޖެހޭ ފައިސާ ލިބުމުން ކަމުގައެވެ.
ރިޔާސީ އިންތިހާބަށް ޕީޕީއެމުން ކުރި ކެމްޕޭން ދަތުރުތަކަށް އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ވެސް އަދި ނުދައްކަ އެވެ. ހަމައެކަނި އައިލޭންޑް އޭވިއޭޝަނަށްވެސް 4.8 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ.
ޕީޕީއެމްގެ ލީޑަޝިޕަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. ނަމަވެސް އަދިވެސް އެޕާޓީގެ ރައީސަކީ ދައުލަތުގެ ފައިސާއަށް ހިޔާނާތްވުމާއި މަނީލޯންޑަ ކުރުމުގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ