މި ވެރިކަމުގައި މިހާރު ފެންނަނީ ސަރުކާރުން ފަނޑިޔާރުގެއަށް އަތް ބާނައި، ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ މަންޒަރު ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރު އަހުމަދު އަޒާން މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކި ކުރަން ހުށަހަޅާފައިވާ މައްސަލައިގައި ވާހަކަ ދައްކަވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން ވިދާޅުވީ، ގާނޫނުއަސާސީ އިން ތިން ބާރު ވަކިވެފައި އޮތް ނަމަވެސް މިހާރު މި ފެންނަނީ ވެރިކަމުގެ ބާރުން އަދުލް އިންސާފު ގާއިމް ކުރުމުގެ ބާރަށް ނުފޫޒު ފޯރުވާ މަންޒަރު ކަމަށެވެ.
"[ފެހި] ގާނޫނުއަސާސީ ވުޖޫދި ފަހުން ކޮންމެ ވެރިކަމެއްގައި ވެސް އަޅުގަނޑުމެންނަށް ފެނުނީ ފަނޑިޔާރުގެއަށް އަތް ބާނާ ތަން، ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ތަން. އެއިރު ވެސް މިހާރު ވެސް ފެންނަމުން މި ދަނީ ހަމަ އެ މަންޒަރު،" އަޒާން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގީ ގައިރު ގާނޫނީ ތަހުގީގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، ޖޭއެސްސީގެ އެ ރިޕޯޓު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ވަނީ ފާސްކޮށް ތަޅުމަށް ފޮނުވައިފަ އެވެ.
ފަނޑިޔާރެއް ވަކި ކުރާ ނަމަ އެކަން ކުރަންޖެހޭނީ ގާނޫނުތަކާއި ގަވާއިދުތަކާއި އިޖުރާއަތްތަކާއި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށް އަޒާން ވިދާޅުވި އެވެ.
"އިއްޒަތްތެރި ރައީސް ސުޕްރީމް ކޯޓަކީ އަދުލް އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ މަރުހަލާ. ސުޕްރީމް ކޯޓުގައި ތިއްބަވަންޖެހޭނީ ނަޒާހަތްތެރި ފަނޑިޔާރުން. އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެކަންތައްތައް ބަލަންޖެހޭނެ. އެއީ ނަޒާހާތްތެރިކަން ކަށަވަރު ކުރުމަށްޓަކައި. އެހެންނަމަވެސް އެކަންތައްތައް ކުރަންޖެހޭނީ ދިވެހިރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކާއި ގަވާއިދުތަކާއި އިޖުރާއަތްތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތްވާ ގޮތުގެ މަތިން،" އަޒާން ވިދާޅުވި އެވެ.
އެކަމަކު، ފަނޑިޔާރުން ވަކި ކުރަން ޖޭއެސްސީން ނިންމީ އަދި ޖޭއެސްސީގެ ރިޕޯޓު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސް ކުރީ ގާނޫނުތަކާއި ގަވާއިދުތަކާއި އިޖުރާއަތްތަކާއި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ ހިލާފަށް ކަމަށް އަޒާން ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެން ބަހުސް ކުރަމުންދާ ރިޕޯޓު، މިކަންތައްތަކަށް ބަލައިލާއިރު، އެކަންތައްތައް ހިނގާފައި ވަނީ މުޅިއަކުން އެ މަގުންނޭ ދެންނެވޭކަށް ނެތް. ޖޭއެސްސީއިން މައްސަލަ ބެލިއިރު ހުރިހާ މައްސަލައެއް ސިއްރު. އިއްޒަތްތެރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން އެ ރިޕޯޓު ދިރާސާ ކުރެއްވި އިރު ކޮމިޓީ ސިއްރު،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ، ދިވެހިރާއްޖޭގައި އަދުލް އިންސާފު ލިބެނީ، ވެރިކަމުގައި ތިބޭ ބޭފުޅުން ދެއްވުމުން ކަމަށެވެ.
"އަދުލު އިންސާފަކީ މި ގައުމުގައި ނިކަމެތިންނަށް ލިބޭ އެއްޗެއް ނޫން. އެއީ އެއިރު ވެރިކަމުގައި ތިއްބަވާ ފަރާތަކުން ދެއްވީމަ ލިބޭ އެއްޗަކަށްވެފައި މި އޮންނަނީ. އިއްޒަތްތެރި ރައީސް ދިވެހިރާއްޖޭގައި ގޮސްފި ފުލުސް ކޯޓު ހަދައިގެން ދިވެހި ރައްޔިތުން ޖަލަށްލި ޒަމާނެއް ވެސް. އޭގެ ފަހުން އަޅުގަނޑުމެން ގާނޫނުއަސާސީއެއް ހަދައިގެން ފަނޑިޔާރުގެއާއި ވެރިކަމުގެ ބާރާއި މަޖިލިސް މި ތިން ބާރު ވަކިކޮށް ވެރިކަން ކުރަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ.
މިހާރު ވެސް ފެންނަނީ ސަރުކާރުން ފަނޑިޔާރުގެއަށް އަތް ބާނައި، ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ މަންޒަރު: އަޒާން މިހާރު ވެސް ފެންނަނީ ސަރުކާރުން ފަނޑިޔާރުގެއަށް އަތް ބާނައި، ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ މަންޒަރު: އަޒާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ