ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ދިޔައީ، ޝަރީޢަތެއް ނުބާއްވައި ހުކުމް ނެރެން ތައްޔާރުވަމުން: ޠާރިޤު

ޝަރީޢަތެއް ނުބާއްވައި ހުކުމް ނެރުމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ތައްޔާރުވަމުންދިޔަ ކަމުގެ ތުހުމަތު މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ކޮށްފިއެވެ. 
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަޒަމިރަލްދާ ޒާހިރު އާއި މަހާޒް ޢަލީ ޒާހިރު މަގާމުން ވަކިކުރުމަށް ކޮމިޓީން ނިންމައި، ހުށަހެޅި ރިޕޯޓަށް ބަހުސް ކުރުމެވެ. 
އެ ރިޕޯޓަށް ބަހުސް ކުރައްވަމުން ޠާރިޤް ވިދާޅުވީ، ސްޕްރީމްކޯޓުގެ ފަނޑިޔާރުންގެ ވާހަކަ ދެކެވޭއިރު، މުޅި މައްސަލަ ބިނާވެފައި ވަނީ، އެ ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބާރުތައް އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިފައިވާ ގޮތް ކަމަށެވެ. އެގޮތުން، ޖޭއެސްސީ ކޮންޕޮސިޝަންގެ، މެޖޯރިޓީ މަޖިލީހަށް އޮންނަ އޮތުމަކީ އެންމެ ބޮޑު މައްސަލަ ކަމަށެވެ.
Advertisement
އެކަމަށް ބައެއް ފަރާތްތަކުން އިންކާރުކޮށް ރައްދު ދެއްވި ނަމަވެސް އަސްލު މައްސަލަ އަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއާއެކު ޠާރިޤް ވިދާޅުވީ، މި ސަރުކާރުން ފަނޑިޔާރުން މަގާމުން ވަކިކުރާ ވާހަކަ ދައްކާއިރު، ނިމިދިޔަ އެމްޑީޕީ ވެރިކަން އައިތާ 9 މަސް ދުވަސް ނުވަނީސް ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތްތައް ފެށިކަމަށެވެ. 
”މީގެ ކުރިން ފަނޑިޔާރު އަބްދުالله ސަޢީދާއި، ޢަލީ ހަމީދާއި އެއްވެސް ޝަރީޢަތުގެ މަޖިލީހެއް ނުބާއްވައި، ދަންވަރު ގަޑީގައި ހުކުމް ލިޔާ މައްސަލަ އެމްޑީޕީން، އޭރުގެ ތުޅާދޫ ދާއިރާގެ މެންބަރު (ހިސާން ހުސައިން) ފާހަގަކުރަމުންދިޔައީ. އެއްވެސް ޝަރީޢަތުގެ މަޖިލީހެއް ނުބާއްވައި ހަމައެކަނި ޓުވީޓުން ހުކުމް ނެރޭ ވާހަކަ.“
އިހަކަށްދުވަހު އަޅުގަނޑުމެން ބަހުސް ކުރަމުން ދިޔައީ އޭރު ފަނޑިޔާރަކަށް ހުރި ހުސްނުއް ސުޢޫދުގެ ވާހަކަ. އަޅުގަނޑުމެންނަށް މިހާރު ލިބޭ ބައެއް މައުލޫމާތަކީ، ފަނޑިޔާރުންގެ މަޖިލިހުގައި އެއްވެސް ޝަރީއަތުގެ މަޖިލީހެއް ނުބާއްވައި ހުކުމް ނެރުމަށް ތައްޔާރުވަމުން ދިޔަ ވާހަކަ. 
އަޙުމަދު ޠާރިޤު
ޠާރިޤް މިފަދަ ތުހުމަތެއް ކުރައްވާފައިވާއިރު، ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުޢޫދަކީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށާ އެއީ ސިޔާސީ ބޭފުޅެއް ކަމަށް ވިދާޅުވެ އޭނާ އާއި ޕީއެންސީ މެންބަރުން މީގެ ކުރިންވެސް ވަނީ މަޖިލީހުގައި ވާހަކަދައްކަވާފައެވެ. 
އެގޮތުން، މީގެ ކުރިން ސުޢޫދު އެމްޑީޕީގެ އެކިއެކި ސިޔާސީ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑަައިގެން ސަރުކާރުތަކާ ދެކޮޅަށް މަސައްކަތް ކުރައްވާފައިވާކަން މެންބަރުން ފާހަގަކުރެއްވިއެވެ.
އަދި ދާދިފަހުން ބޭއްވި އަހާ ފޯރަމް ގައި ބަންޑާރަ ނާއިބު އަޙުމަދު އުޝާމްވެސް ވަނީ ސުޢޫދަކީ ސިޔާސީ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ