ދުންފަތް މަނާކުރުމުގެ 'ޖެހިލުން ކުޑަ' ނިންމުމަށް ޑަބްލިއުއެޗްއޯގެ މަރުހަބާ

ދެހާސް ހަތަކުން ފެށިގެން ދުންފަތުގެ 'ޖެނެރޭޝަން ބޭން'އެއް ކަނޑައެޅުމަށް ފާސްކޮށްފައިވާތީ، އެ 'ޖެހިލުން ކުޑަ' ނިންމުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މަރުހަބާ ކިޔައިފި އެވެ.
ވީ ކިހިނެއް؟- ދުންފަތުގެ 'ޖެނެރޭޝަން ބޭން'އެއް ކަނޑައެޅުމަށް ކެބިނެޓުން ފާސްކުރި ސިޔާސަތު ތަންފީޒު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. މި ނިންމުމާ އެކު 2007 އިން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތް ބޭނުން ކުރުމާއި ވިއްކުން މަނާވާނެ އެވެ.
އެކަމަށް މަރުހަބާ ކިޔައި، ޑަބްލިއުއެޗްއޯއިން ބުނީ:
މިއީ ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާ މުހިއްމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށް
އަދި މިއީ ދެކުނު އިރުމަތީ އޭޝިއާގައި ވެސް އެޅި މި ފަދަ ފުރަތަމަ ފިޔަވަޅު ކަމަށް 
އެނގުން މުހިއްމު- ގާނޫނަށް އެންމެ ފަހުން މިދިޔަ އަހަރު ފަހުކޮޅު ގެނައި އިސްލާހާ އެކު 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުމަކީ މަނާކަމެވެ. އެކަން އިތުރަށް ހަރުކަށިކޮށް މިފަަހަރުގެ ބިލުގައި ހިމަނާފައި ވަނީ:
ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް 1 ޖެނުއަރީ 2007ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު އިސްތިއުމާލުކޮށްގެން ނުވާނެ
އެއިން މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމާއި އޭގެ ވިޔަފާރީގައި ވެސް ބައިވެރިކޮށްގެން ނުވާނެ
މިހާރު ވެސް އޮންނަ ގޮތަށް 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކައިގެން ނުވާނެ
މިކަމަށް އަމަލު ކުރަން ފެށުން އޮތީ އަންނަ ނޮވެމްބަރުން ފެށިގެން ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެހެންކަމުން، ބިލު ގާނޫނަކަށްވެ، ނޮވެމްބަރުން ފެށިގެން ރާއްޖޭގައި މިހާރު އުމުރުން 18 އަހަރުން ދަށުގެ ޖީލުގެ ހުރިހާ މީހުންނަށް ދުންފަތް ބޭނުން ކުރުމާއި ވިއްކުން އެއްކޮށް މަނާވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ