ގެދޮރުވެރިކަމުގެ ހާލަތު ހުރިގޮތުން ގެއަޅައި ނިމޭއިރު ކައިވެނި އޮންނަނީ ރޫޅިފަ: ނަޝީދު

ގެދޮރުވެރިކަމުގެ ހާލަތު ހުރިގޮތުން ގެއަޅައި ނިމޭއިރު ކައިވެނި އޮންނަނީ ރޫޅިފައިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އއ. ބޮޑުފުޅަދޫގައި މިއަދު ކުރިއަށް ދިޔަ އެމްޑީޕީ މަޖިލީހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އަނބިދަރިންނާއެކު އުޅުމަށް ބިނާކުރާ ގެ ހަދައި ނިމޭއިރު ގިނަފަހަރަށް ކައިވެނި އޮންނަނީ ރޫޅިފައި ކަމަށެވެ. އަދި ކައިވެނިކޮށްގެން މަންމަ ނުވަތަ ބައްޕަގެ ގޭގައި އުޅޭއިރު އާއިލާތައް އެކުވެ ބޭނުންވާ ގޮތަށް ދަރިން ތަރުބިއްޔަތު ނުކުރެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިއަދުގެ ޖީލަކީ މާ ތަންދޮރު އެނގޭ، މާތައުލީމީ އަދި ތަނަވަސް ޖީލެއް ކަމަށެވެ. އަދި މިއަދުގެ ޖީލަށް އެމީހުންގެ ދަރިން ތަރުބިއްޔަތުކުރަންވީ ގޮތް އެނގޭކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ސަބަބުތައް ގިނަ ކަމަށެވެ. ރައްޔިތުން ބޭނުންވާ ކަންކަން އެމްޑީޕީގެ އެޖެންޑާ 19ގައި ހިމަނާފައި ވަނީ ރައްޔިތުން ކައިރިއަށް ގޮސްގެން ރައްޔިތުންގެ ބޭނުންތައް އަހައިގެން ކަމަށެވެ. އެހެން ކަމުން ރައްޔިތުން އެދޭ ހުރިހާ މައްސަލައަކަށް އެޖެންޑާ 19އިން ހައްލު ހޯދައިދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެހެން ޕާޓީ ތަކުގެ މެންބަރުން ވެސް ވަޑައިގަންނަވަންވީ އެމްޑީޕީއާ އެކު އެމްޑީޕީގެ ކެންޑިޑޭޓު ހޮވަން ކަމަށެވެ. ރާއްޖެ މި ބޭނުންވާ ކަންކަން ހަގީގަތުގައި ހާސިލުކުރެވޭނީ އޭރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ