ސުޕްރީމް ކޯޓް ރިސެސްއަށް ގޮސްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިސެސްއަށް ގޮސްފި އެވެ.
ސުޕްރީމް ކޯޓުން ބުނީ ކޯޓުތަކުގެ ގާނޫނުގެ 7 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.
އަދި އެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ހާލަތުގެ އިތުރަށް ގާނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން ވަކި ކަމެއް، ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހިފައިވާ ޙާލަތެއްގައި ފިޔަވައި، އެ އަހަރެއްގެ ދައުރު ނިމުމަށްފަހު އަނެއް އަހަރުގެ ދައުރު ފެށުމާދެމެދުގެ ރިސެސްގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެ ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.
މީގެއިތުރުން އެ ކޯޓުން އިތުރަށް ބުނީ ހަމަ އެ ގާނޫނުގެ 7 ވަނަ މާއްދާގެ (ޅ) ގައި ބުނާ ފަދައިން ސުޕްރީމްކޯޓުގެ ރިސެސްގެ މުއްދަތުގައި ޝަރީޢަތުގެ އަޑުއެހުމެއް ނުބޭއްވި ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ކުރިޔަށްދާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިސެސްއަށް ގޮސްފައިވާއިރު އެ ކޯޓުން މިއަހަރު ތެރޭގައި، ހާއްސަކޮށް މިއަހަރުގެ ފަހުކޮޅު ވަނީ ބޮޑެތި މައްސަލަތަކެއްގެ ހުކުމް އިއްވާފައެވެ.
އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކޮށް އަލުން ސުޕްރީމް ކޯޓުން ކަނޑައަޅާއި ގައިޑްލައިންތަކެއްގެ ދަށުން އިންތިހާބު ބޭއްވުމަށް ކުރި ހުކުމެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ދެ ގޮނޑިއެއް ގެއްލުނު ކަމަށް ކަނޑައަޅައި ވެސް ސުޕްރީމް ކޯޓުން ހުކުމް ކުރި އެވެ. އެއީ އަލިފުށީ ދާއިރާގެ ގޮނޑި އާއި މެދު ހެންވޭރު ދާއިރާގެ ގޮނޑި އެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގައި ހުންނަވާ މެންބަރަކު ކޯޓަށް ވެސް އަދި އެއްވެސް މުއައްސަސާއަކަށް ހާޒިރުކޮށްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހާއްސަ އިމްތިޔާޒުތަކެއް ލިބިދޭ ގާނޫނުގައި ބުނާ މާއްދާ އާއި އިތުރު ތިން މާއްދާއެއް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ