މިގައުމުގެ ރައްޔިތުން އެންމެ ބޭނުންވާ ކަމަކަށް މިއޮތީ އަމާންކަމާއި، ރައްކާތެރި މާހައުލެއް މުޅި ރައްޔިތުންނަށް ލިބުންކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސލް ނަސީމް މިހެން ވިދާޅުވީ، އދ އަތޮޅަށް މިހާރު ކުރައްވަމުންދާ ކެމްޕޭން ދަތުރުފުޅުގައި އދ ދަނގެއްޗަށް މިއަދު ވަޑައިގެން އެރަށުގައި ހަދާފައިވާ ޖަގަހައެއް ހުޅުއްވައިދެއްވުމަށްފަހު އެތަނަށް ޖަމާވެފައިތިބި އާންމު ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ފައިސަލް ނަސީމްގެ ވާހަކަފުޅުގައި ވިދާޅުވީ، މިދިޔަ ދެތިންއަހަރު ރާއްޖޭގައި ވަރަށް ހިތާމަވެރި ކަންތައްތައް ހިނގާފައިވާ ކަމަށާއި، އެކަންކަމުގެ ސަބަބުން ދިވެހި ރައްޔިތުންގެ އެތައްބަޔަކު ރޮއްވާލާފައިވާ ކަމަށެވެ.
"މިއަދަކީވެސް އެފަދަ ހަނދާނެއް އާކުރާ ދުވަހެއް. ވަރަށް މަސައްކަތްތެރި، ވަރަށް ހީވާގި، ވަރަށް އުންމީދީ ޒުވާނެއް ވަރަށް އަނިޔާވެރި ގޮތަކަށް ދުނިޔެ ދޫކޮށްލިތާ އެއްއަހަރު ފުރޭދުވަސް. އަނަސްއަށް އަދިވެސް އިންސާފު ނުލިބޭ. އަނަސްގެ ވާހަކަ ދައްކާއިރު ހަނދާން އާކުރަންޖެހޭ ޑރ. އަފްރާޝީމު، ނޫސްވެރިޔާ ރިޟްވާން، މިގޮތަށް ލިސްޓް ކިޔާކަމަށް ވަންޏާ ވަރަށް ދިގުވެގެންދާނެ" ފައިސަލް ނަސީމް ވިދާޅުވިއެވެ.
މިރާއްޖޭގައި އަމަންއަމާންކަން ގާއިމްކުރުމުގެ ޒިންމާ މަތިކޮށްފައި އޮންނަނީ ފުލުހުންނާއިކަމުން، އެކަމަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވީ، ރައްޔިތުންދޭ ފުރުސަތުގައި ކޯލިޝަންގެ ހަތަރު ޕާޓީގެ ލީޑަރުން ގުޅިގެން ކުރައްވާ މަސައްކަތުން، ދިވެހި ފުލުހުންނަކީ އެއްވެސް ހާލެއްގައި ސިޔާސީ ފަރާތްތަކުގެ ފަހަތުންދުވާ ބައެއްގެގޮތުގައި، އެހާ ދަށުދަރަޖައިގެ ކަންތައްތައް ކުރާ ބައެއްގެގޮތުގައި ދޫކޮށް ނުލައްވާނެ ކަމަށެވެ. ފުލުހުން ތިބޭނީ އިއްޒަތާއި ކަރާމާތާއެކު ޝަރަފްވެރިކަމާއެކު އެބޭފުޅުން އަސްލު ކުރަންޖެހޭ މަސައްކަތުގަ މަސްއޫލުވެގެން ކަމަށްވެސް ވިދާޅުވިއެވެ.
"އަމާންކަން ގާއިމްކުރުމަށްޓަކައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ބައެއްގެ ގޮތުގައި ރައްޔިތުންގެ ލޯބި ލިބިފައިވާ ބައެއްގެ ގޮތުގައި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބައެއްގެގޮތުގައި ފުލުހުން ހެދުމަކީ އަޅުގަނޑުމެންގެ ވައުދެއް" ފައިސަލް ވިދާޅުވިއެވެ.
"އަނިޔާވެރިކަމުގެ ވާހަކަ ދައްކާ ކަމަށްވަންޏާ މިއަދު ކޮޅުންލާކަށްނެތް. ގައުމުގެ ކޮންމެ ހިސާބަކަށް ބަލާލި ނަމަވެސް، ވަކިން ޚާއްސަކޮށް އދ އަތޮޅުގެ ރައްޔިތުންނަށް ކުރިމަތިވެފައި މިވަނީ އިންތިހާ ދަރަޖައިގެ ބޮޑު ހިތާމައެއް. އެންމެ ޚިދުމަތްތެރި، އެންމެ އޯގާތެރި، މުޅި ގައުމާއި ރައްޔިތުންނަށް އެންމެ އަޅާލާ އޮނަރަބްލް ގާސިމް އިބްރާހިމްވެސް ޖަލުގޮޅީގަ. މިލިސްޓްވެސް ދަންނަވާ ކަމަށްވަންޏާ މިއަދަކު މިކަމަކަށް ނިމުމެއްނެތް" ފައިސަލް ނަސީމް ވިދާޅުވިއެވެ.
އެހެންކަމުން، މިފަހަރުގެ އިންތިޚާބުގަ ކުރި ހޯދުމަށްޓަކައި އެހެންޏާ ދުވަހަކުވެސް ނުކުރާ މިންވަރަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، ހުރިހާ ރައްޔިތުން އަތުގުޅާލައިގެން އަނިޔާވެރިކަން ނިންމުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމަށްވެސް، ފައިސަލް ވިދާޅުވިއެވެ.
އަތޮޅުތެރޭގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވީ، މިއީ ރައްޔިތުންގެ ޚިޔާލު ހޯދައި، ރައްޔިތުން ބޭނުންވާ ކަންތައްތައް ބަލައި، ރައްޔިތުންގެ އަޑުއެހުމަށްޓަކައި ކުރަމުންގެންދާ ދަތުރުތަކެއް ކަމަށެވެ.
ކޯލިޝަން ސަރުކާރެއްގެ އެންމެބޮޑު މަގްސަދަކީ، މަސައްކަތް ކުރުމުގަ އަމާޒަކަށް ވެގެންދާނީ ރައްޔިތުން ބޭނުންވާ ކަންތައްތައް، ރައްޔިތުން ބޭނުންވާ ގޮތަށް ކުރުމުގަ ވިސްނުން ގެންގުޅުން ކަމަށާއި، ކޯލިޝަން ސަރުކާރުގައި ރައްޔިތުން މާޔޫސްވާގޮތަށް އެއްވެސްކަމެއް ނުކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދާނީ މުޅި ގައުމަށާއި، މުޅި ރައްޔިތުންނަށް އެންމެ ފައިދާވާގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުން އެންމެ ބޭނުންވާ ކަމަކަށް މިއޮތީ އަމާންކަމާއި، ރައްކާތެރި މާހައުލެއް ލިބުން: ފައިސަލް ނަސީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ