ދިވެހިރާއްޖެއިން އޮމާނަށް ކަނޑައެޅުއްވި ނޮން ރެޒިޑެންޓް ސަފީރު މުހައްމަދު ޚަލީލު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، އޮމާންގެ ރަސްގެފާނު ސުލްތާނު ހައިތަމް ބިން ތާރިކްއަށް އަރުވައިފިއެވެ.
ޚަލީލު، ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނަށް އަރުވާފައިވަނީ އެކަމަށްޓަކައި އޮމާންގެ ވެރިރަށް މަސްކަޓްގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މިބައްދަލުވުމުގައި އެމްބެސެޑަރ ޚަލީލުވަނީ އޮމާންގެ ރަސްގެފާނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އާއި ދިވެހި ރައްޔިތުންގެ ފަރާތުން މަރުޙަބާ ދަންނަވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި ރަސްމިއްޔާތުގައި އޮމާންގެ ރަސްގެފާނު ވަނީ އެމްބެސެޑަރ ޚަލީލަށް މަރުޙަބާ ވިދާޅުވެ، ރައީސްއަށް ވެދުން އަރިސްކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ސަފީރުކަމުގެ ފަތްކޮޅުގެ ރަސްގެފާނަށް އެރުވުމުގެ ކުރިން، އެމްބެސެޑަރ ޚަލީލު ވަނީ އެފަތްކޮޅުގެ ކޮޕީއެއް، އޮމާންގެ ޚަރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައިދީއަށް މިމަހުގެ 15 ވަނަ ދުވަހު ފޮނުއްވާފައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި އޮމާންގެ ފަރާތުން އެގައުމުގެ މާލީ ވަޒީރު އަދި ޚާރިޖީ ވަޒީރު އިތުރަށް ހެޑް އޮފް ރޯޔަލް ޕްރޮޓޮކޯލް، ކޮމާންޑަރ އޮފް ރޯޔަލް ގާޑް އަދި ރަސްގެފާނުގެ މިލިޓަރީ އެއިޑް ވަނީ ބައިވެރިވެވަޑާއިގަންނަވާފައެވެ.
ދިވެހިރައްޖޭގެ ފަރާތުން ސަފީރުގެ އަރިހުގައި މިބައްދަލުވުމުގައި ބައިވެރިވީ ރިޔާދުގައި ހުންނަ ދިވެހި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ހުސައިން ސިނާހުއެވެ.
ސަފީރުކަމުގެ ފަތްކޮޅު، އޮމާންގެ ރަސްގެފާނަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ