ބުޅާ މަދުވާ ސަބަބު ހޯދަން ފުލުހުން ނުކުމެއްޖެ, ވަކިކަމެއް އަދި ފާހަގައެއް ނުކުރެވޭ

ވަކި މީހެއްގެ ހަވާލުގައި ނުވާ ބުޅާ, ވަރަށް ގިނަ ވެފައިވާ މާލެއިން ބުޅާ މަދުވާ ކަމުގެ ޝަކުވާ ހުށަހެޅުމުން އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. ބުޅާތަކަށް އެހީތެރިކަން ދޭ ޖަމިއްޔާއެއް ކަމަށްވާ ފީލައިން ވެލްފެއާ އޮގަނައިޒޭޝަނުން ވަނީ، ވާ ގޮތެއް ނޭނގި، މާލެއިން ބުޅާ ގެއްލޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުން, ބުޅާ ގެއްލޭތާ ހަތަރު ހަފުތާއަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. އެގޮތުން އެ ޖަމިއްޔާއިން ބުނާ ގޮތުގައި މާލޭގައި އުޅޭ, އަށްޑިހަ އިންސައްތައަށް ވުރެ ގިނަ ބުޅާ މިހާތަނަށް ވަނީ ގެއްލިފައެވެ. އެހެންވެ، ބުޅާތައް ގެއްލޭ ސަބަބު ހޯދައިދިނުމަށް ކަމާ ބެހޭ އިދާރާތަކަށް އެޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. އެފަދަ މައްސަލައެއް ބަލާތޯ 'ސަން'އިން ސުވާލުކުރުމުން ފުލުހުން ބުނީ، މާލެއިން ބުޅާ މަދުވާ ސަބަބު ހޯދުމުގައި އެހީތެރިވުމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ސިޓީއަކުން އެ އިދާރާގައި އެދިފައިވާ ކަމަށެވެ. މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކެއް: މާލެއިން ބުޅާ ގެއްލޭ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައި --- ސަންފޮޓޯ/ ފަޔާޒު މޫސާ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިނިސްޓްރީއާ ގުޅިގެން ބަލަމުން އަންނަ ކަމަށާއި މާލެ ތެރެ ޕެޓްރޯލްކުރާއިރު، އެކަމަށް ޚާއްސަ ސަމާލު ކަމެއް ދީގެން ބަލާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، މިހާތަނަށް ބެލިބެލުމުން ބުޅާ މަދުވާ ސަބަބު ދެނެގަނެވިފައިނުވާ ކަމަށް އެ ޚިދުމަތުން ބުންޏެވެ. މިކަމާ ގުޅުން ހުރި އެއްވެސް މައުލޫމާތެއް އާއްމު ރައްޔިތަކަށް ލިބިފައިވާ ނަމަ، ފުލުހުން ނުވަތަ މިނިސްޓްރީއާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މާލޭގެ މަގުތަކުގައި ބުޅާތައް ގިނަވެފައިވާ މައްސަލަ ހައްލުކުރުމަށް 'އޮޅު ހިޔާ'ގެ ނަމުގައި ހުޅުމާލެ ފަރުކޮޅު ފުށީގައި މާލޭ ސިޓީ ކައުންސިލުން ވަނީ ފެސިލިޓީއެއް ހަދައިފައެވެ. ސިޓީ ކައުންސިލުން އެތަން ހެދީ ބުޅަލުގެ މައްސަލަ ހައްލު ކުރަން ސިޓީ ކައުންސިލުން އެތަން ބަލަހައްޓާ ގޮތަށެވެ. ނަމަވެސް ފަހުން، މިދިޔަ ފެބްރުއަރީ މަހު 26ގައި މިނިސްޓްރީން ވަނީ ފެސިލިޓީއާ ހަވާލުވެ، 15 ބުޅާ އެތަނަށް ގެންގޮސްފައެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ މިހާތަނަށް 30 ބުޅާ އެތަނަށް ގެންގޮސްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ފުލް އޮކިއުޕަންސީގައި ބުޅާ ފެސިލިޓީ ހިންގާއިރު، ނޮން ރިކަރަންޓު ޚަރަދުގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. https://sun.mv/206001 އަދި އެ ފެސިލިޓީގައި 2،000 ބުޅާ ގެންގުޅެން, މަހަކު 700،000 (ހަތް ލައްކަ) ރުފިޔާ ޚަރަދުވާނެ ކަމަށާއި، ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. ބުޅާ ފެސިލިޓީއާ މިނިސްޓްރީން ހަވާލުވި ނަމަވެސް މާލެއަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައަށް އެއްވެސް ހައްލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އަދި ގިނަ އަދަދެއްގެ ބުޅާ އަދިވެސް އުޅެނީ ހަމަ މަގުމަތީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ