އެކްސިޑެންޓު ވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށް، ބަންދަށް ހަތް ދުވަސް
ދެ ސައިކަލާއި ކާރެއް ޖެހި މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހުޅުމާލޭގައި އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. މަޑުއްވަރީ، ކޮކްނެޓްވިލާ، އާދަމް ޒަޔާން މުޙައްމަދު (26އ)އެވެ. ފުލުހުން މިއަދު ބުނީ އޭނާއަކީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި މީހާ ކަމަށެވެ. އެ އެކްސިޑެންޓު ހިނގާފައިވަނީ، އެ ދުވަހުގެ ހަވީރު، ހުޅުމާލެ ރީތިގަސް މަގާއި ކަށިމާ ހިނގުން ގުޅޭ ހިސާބުގައެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ، އެކްސިޑެންޓުގައި ހިމެނޭ އަނެއް ސައިކަލު ދުއްވި މީހާއަށެވެ. އެއީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ޓްރީޓޮޕް ހޮސްޕިޓަލުގައި އެ މީހާއަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެ މީހާގެ ފައި ތިން ތަނަކުން ބިންދައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ދުއްވި މީހުންނަކީ ވެސް އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހުން ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކޯޓު އަމުރެއްގެ ދަށުން އާދަމް ޒަޔާން މުޙައްމަދު ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. މަގުމަތީގައި ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި، ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާ މީހުންނަށްދޭ އަދަބު މިހާރަށް ވުރެ ހަރުކަށިކުރަން ޖެހޭ ކަމަށް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން އަސްލަހު ވަނީ މީގެ ކުރިން 'ސަން' ގެ 'އެޑިޓަރު ސުވާލު ޕްރޮގްރާމްގައި ވިދާޅުވެފައެވެ. އަދި މާލެ ސަރަހައްދުގައި ޓްރެފިކް އެކްސިޑެންޓުތައް އިތުރުވާން މެދުވެރިވާ މައިގަނޑު ސަބަބުތަކަކީ، ސަރަހައްދަށް އެކަށީގެންނުވާ ވަރަށް ވެހިކަލްތަކުގެ އަދަދު ގިނަވުމާއި، އެ ވެހިކަލްތައް ދުއްވާ ފަރާތްތަކުގެ ފަރުވާކުޑަ އަމަލުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ