ޓްރެފިކް މޮނިޓާކުރަން 3،628 ދަރިވަރުން ތަމްރީނު ކޮށްފި

މިހާތަނަށް 3،628 ދަރިވަރުން ޓްރެފިކް މޮނިޓާސް ޕްރޮގްރާމްގައި ތަމްރީނުކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ. ށ. މިލަންދޫގައި ބޭއްވި ޓްރެފިކް މޮނިޓާސް ޕްރޮގްރާމްގެ 115 ވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ނަވީން ވިދާޅުވީ ޓްރެފިކް މޮނީޓަރުން މަގުމަތީގައި ނަމޫނާ ދައްކާނެ ކަމަށެވެ. އަދި އެފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ނަވީން ވިދާޅުވީ އެ ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރު ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓާ ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ފެށި ޕްރޮގްރާމެއް ކަމަށެވެ. އަދި މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރެވޭނީ ހުރިހާ އެންމެންގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޕްރޮގްރާމް ފެށުނު ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ނަވީން ވިދާޅުވީ، އެއީ ފުލުހުންނާ ގުޅިގެން ސްކޫލް ކުދިންނަށް ހިންގޭ އެކްސްޓްރާ-ކަރިކިއުލާ އެކްޓިވިޓީއެއްގެ ގޮތުގައި ފެށި ޕްރޮގްރާމެއް ކަމަށެވެ. އޭރު ބެލެނިވެރިންނާއި ޓީޗަރުންގެ ފަރާތުން ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެކަންކަން މަޝްވަރާކޮށް ވާހަކަ ދައްކައިގެން ހައްލުކުރެވި، މިއަދު އެ ޕްރޮގްރާމް މިވަނީ ކާމިޔާބު ޕްރޮގްރާމަކަށް ވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. މި ކުދިން މިއަދުން ފެއްޓިގެން ދައްކާނީ ނަމޫނާ. ރައްޓެހިންނަށް، ކުދިބޮޑު އެންމެނަށް، އާއިލާ މީހުންނަށް، އަދި ރަށަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް. ސްކޫލު ވަގުތު، ޓްރެފިކް މޮނީޓަރުން ސްކޫލުން ހަމަޖައްސަވާ ފަރާތްތަކާއެކު އެއީ ކޯޑިނޭޓަރުންނާއި ޓީޗަރުންނާ އެކު އަދި ފުލުހުންގެ އެހީތެރިކަމާ އެކު ސްކޫލަށް އަންނަ މި ކުދިންގެ ރައްޓެހިން ކްލާސްމޭޓުން އަދި އެކުގައި ކިޔަވާ ހުރިހާ ކުދިންނަށް ނަމޫނާ ދައްކާނެ، ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ނަވީން ވިދާޅުވީ މަގުގައި ދުއްވާފައިދާ އަދި ހިނގައިބިނގާވާ ހުރިހާ މީހުންނަށް އިރުޝާދު ދިނުމާއި، ޒިބްރާކުރޮސިންއިން މަގު ހުރަސްކުރާ މީހުންނަށް ތަން ދެއްކުމާއި، ސްކޫލްގެ ގޭޓު ކައިރީގައި ޕާކް ނުކުރުމަށް ނަސޭހަތްތެރިވުން ފަދަ ކަންކަން އެ ކުދިން ކުރާނެ ކަމަށެވެ. އަދި އެ ޕްރޮގްރާމަކީ، އިސްނަގައި ރިވެތި ބަހުން މުއާމަލާތްކޮށް، ޒިންމާދާރު އަދި ބަސްއަހާ ޒުވާނުންތަކެއް ބިނާކުރުމަށް ކޮށޭ މަގެއް ކަމަށް ވިދާޅުވިއެވެ. ނަވީން ވަނީ ބެލެނިވެރިން އެ ކުދިންނަށް ހިތްވަރު ދިނުމަށް އިލްތިމާސްކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ