އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި ޕާކިސްތާނުގެ 13 ސިފައިންގެ މީހަކު މަރާލައިފި

އަފްގާނިސްތާނާއި ޕާކިސްތާނުގެ ބޯޑަރު ކައިރީގައި އަމިއްލައަށް މަރުވެގެން ޕާކިސްތާނުގެ އަސްކަރީއާގެ ގާފިލާއަކަށް ދިން ބޮމުގެ ހަމަލާއެއްގައި ޕާކިސްތާނުގެ 13 ސިފައިން މަރާލާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.
ޕާކިސްތާން އަސްކަރިއްޔާ އިން ބުނީ އެ ގާފިލާއަށް ހަމަލާދީފައި ވަނީ އުތުރު ވަޒީރިސްތާން ޑިސްޓްރިކްޓްގެ މީރު އަލީ ސަރަހައްދުގައި ކަމަށެވެ.
"އެ ހިތާމަވެރި އަދި އަނިޔާވެރި ހާދިސާގައި ކުށެއް ނެތް އާންމުންގެ ތިން މީހަކަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ އިރު، އޭގެ ތެރޭގައި ދެ ކުޑަކުދިންނާއި އަންހެނަކު ވެސް ހިމެނޭ،" ޕާކިސްތާނު އަސްކަރިއްޔާއިން ބުންޏެވެ.
 ޕާކިސްތާނު އަސްކަރިއްޔާއިން ރައްދުގައި ދިން ހަމަލާތަކުގެ އޮޕަރޭޝަނެއްގައި 14 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ވެސް އެ އަސްކަރިއްޔާ އިން ބުންޏެވެ.
ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ އެ ހަމަލާ ކުށްވެރިކުރައްވައި އެއީ ފިނޑި އަމަލެއް ކަމަށް ސިފަކުރައްވައިފަ އެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު ވިދާޅުވީ ޕާކިސްތާނުގެ ދާހިލީ ހަމަޖެހުން ބަލިކަށި ކުރުމަށް ކުރާ ކޮންމެ މަސައްކަތަކަށް އަވަސް އަދި ހަރުދަނާ ބަދަލުހިފުމުން ރައްދު ދޭނެ ކަމަށެވެ.
އެއީ ވަރަށް ބާރު ގަދަ ގޮވުމެއް ކަމަށް އެ އަވަށުގެ އެޑްމިނިސްޓްރޭޓަރަކު ރޮއިޓާސްއަށް ވިދާޅުވި އެވެ. އަދި އެ ތަނުން ވަރަށް ބޯކޮށް ދުން އަރަމުން ދިޔަ ތަން އެ ރަށުގެ ރައްޔިތުންނަށް ފެނުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަކު ބުނި ގޮތުގައި، ގޮވުމުގެ ސަބަބުން ކައިރީގައި ހުރި ގޭގޭގެ ބިއްލޫރިތައް ހަލާކުވެ ބައެއް ފުރާޅުތައް ބިމާ ހަވަމަވި އެވެ.
މިހާތަނަށް އެ ހަމަލާގެ ޒިންމާ އެއްްވެސް ފަރާތަކުން އުފުލާފައެއްް ނުވެ އެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާ އިން ބުނީ އެ ހަމަލާގެ ފަހަތުގައި ވަނީ އެ މީހުންގެ ޒަމާންވީ ވާދަވެރި އިންޑިއާއަށް ތާއީދުކުރާ ހަނގުރާމަވެރިން ކަމަށެވެ. ނަމަވެސް އިންޑިއާ އިން އެކަން ދޮގުކުރެ އެވެ.
ގާނޫނާ ހިލާފު ގިނަ ކަންކަން ހިނގާ އެ ސަރަހައްދަކީ ޒަމާނުއްސުރެ ބޯޑަރުގެ ދެ ފަރާތުގައި ހަރަކާތްތެރިވާ ތަފާތު ފިކުރުގެ އިސްލާމީ ހަނގުރާމަވެރި ޖަމާއަތްތަކުގެ މެދުގައި ހަމަނުޖެހުން ހިނގަމުންދާ ސަރައްހައްދެކެވެ.
ޕާކިސްތާނުން ބުނާ ގޮތުގައި، ހަނގުރާމަވެރިން އަފްގާނިސްތާނުގައި ތަމްރީން ކޭމްޕްތައް ހިންގަނީ ޕާކިސްތާނުގެ އެތެރޭގައި ހަމަލާތައް ދިނުމުގެ ބޭނުމުގަ އެވެ. އަފުގާނިސްތާނުން އެކަން ދޮގުކޮށް ބުނީ ހަރުކަށި ހަނގުރާމަވެރިންގެ މައްސަލައަކީ ޕާކިސްތާނުގެ ދާހިލީ މައްސަލައެއް ކަމަށެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބުނީ ވަޒީރިސްތާނުގައި ދިން ހަމަލާގެ ޒިންމާ އިންޑިއާ އިން އުފުލަން ޖެހޭ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނާ ބުނުމަކީ ދޮގެއް ކަމަށެވެ.
ޕާކިސްތާނުގެ ތަހްރީކޭ ތާލިބާންގެ ނަމުން ނަން ދީފައިވާ ތާލިބާން ޖަމާއަތަކީ ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ އިސްލާމީ ހަނގުރާމަވެރި ޖަމާއަތްތަކުގެ އިއްތިހާދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ