އޮޅުވާލައިގެން ފައިސާ ހޯދާ ކޯލުތަކެއް، ބޭންކުން އެދުނީ ސަމާލުވާން!

ބައެއް ކުންފުނިތަކުގައި ނަމުގައި އާއި އަދި ޝަޚްސު އޮޅުވާލައިގެން ނަންނަމުގައި ފޯނުން ގުޅައިގެން އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުވައި މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ ޝަކުވާތައް އަނެއްކާވެސް އިތުރުވަމުންދާތީ އާންމުން މިކަމަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެ އެވެ.އެގޮތުން، ސޯޝަލް މީޑިއާ އެކައުންޓްތަކުގެ އެކްސެސް ހޯދައި، ރައްޓެހިންނަށް މެސެޖްކޮށް އެ އެކައުންޓު ބޭނުން ކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބީއެމްްއެލުން ބުންޏެވެ."އެ ކޯލްތަކުގައި ކަސްޓަމަރުންނަށް އޮޅުވާލުމުގެ ގޮތުން ވާހަކަދައްކަމުންދަނީ ވަރަށްވެސް ގަބޫލުކުރެވޭ ފަދަ ގޮތަކަށް. އަދި މީގެ އިތުރުން ބޭންކާއި އަދި ބަައެއް އެހެން ކުންފުނިތަކުގެ ނަމުގައި ގުޅައިގެން ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކިންގއާ ގުޅޭ މައުލޫމާތު ހޯދައި އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް އެކައުންޓުން މުއާމަލާތްކޮށްފައިވާ ކަމުގެ ޝަކުވާ ކަސްޓަމަރުން ހުށަހަޅާފައިވޭ." ބީއެމްއެލުން ބުންޏެވެ.މިފަދަ ހާލަތްތަކުގައި ބައެއް މީހުން އޯޓީޕީ ހިއްސާ ކޮށްފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ބޭންކުން ބުންޏެވެ.އޮޅުވާލައިގެން ފައިސާ ހޯދުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ މީހުންގެ ފައިސާ މުއާމަލާތް ކުރުމުގައި އިތުރަށް ސަމާލުވުމަށް ބޭންކުން ވަނީ އިލްތިމާސް ކޮށްފަ އެވެ."ނުދަންނަ ފަރާތްތަކުން ގުޅައި ފައިސާ ފޮނުވައި ދިނުމަށް އެދި ކުރާ ކޯލްތަކަށް ޖަވާބު ނުދެއްވުމަށް ވެސް އެދެން އަދި އެކި ނަންނަމުގައި ކުރާ ފޯނު ކޯލުތައް މެދުވެރިކޮށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކް އެކައުންޓް، އިންޓަނެޓް ބޭންކިން އަދި ކާޑުގެ އެއްވެސް މައުލޫމާތެއްގެ އިތުރުން އޯޓީޕީ ހިއްސާ ނުކުރެއްވުމަށްވެސް ދަންނަވަން." ބީއެމްއެލް އިން ބުންޏެވެ.ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން ދަނީ އެކި ގޮަތްގޮަތަށް އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންނެވެ. އެހެންވެ ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކާ އެކު ފައިސާ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވުމަށް ބޭންކިން ތަކުރާރުކޮށް އެދިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ