ރިޔާސީ ލޯންޗުކޮޅު ގޮއްވާލީ އަދީބު، އެ ހަގީގަތް އޮޅުވައެއް ނުލެވޭނެ- އުމަރު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު ގޮއްވާލީ އޭރު ނައިބު ރައީސް ކަމުގައި ހުންނެވި އަހުމަދު އަދީބު އަބްދުލް ޣަފޫރު ކަމަށާއި އެ ހަގީގަތް އޮޅުވައެއް ނުލެވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެ.ރިޔާސީ ލޯންޗްކޮޅުގައި ބޮންގޮއްލި މައްސަލައިގައި މީޑިއާއަކަށް މައުލޫމާތު އެ ހާދިސާ ހިނގިއިރު ހޯމް މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި އުމަރު ނަސީރު ވިދާޅުވީ ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އައިއީޑީއެއް ގޮއްވާލީ އަދީބު ކަމާއި މެދު ސުވާލު އުފެއްދުމުގެ އެއްވެސް ޖާގައެއް ނެތްކަމަށެވެ.އުމަރު ނަސީރު ވިދާޅުވީ އެކަމުގައި އެއްވެސް ޝައްކެއް ނެތް ކަމަށާއި، ރިޔާސީ ލޯންޗުކޮޅު ގޮއްވާލުމުގެ އަޑީގައި ހުންނެވީ އަދީބުކަމަށެވެ. އަދި ފުލުހުން ވަނީ އެކަން ވަރަށް ފުރިހަމަޔަށް ތަހުގީގުކޮށްފައި ކަމަށާއި، އެކަން ކުރީ އަދީބު ކަމަށް އެ ތަހުގީގުން ހާމަވެފައިވާކަމަށެވެ. އުމަރު ނަސީރު އެފަދައިން ވިދާޅުވިއިރު އޭނާ އަކީ ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލަ ބެލުމަށް އެކުލަވާލި ރިޔާސީ ކޮމިޝަން ޗެއާ ކުރެއްވި ބޭފުޅާއެވެ. ލޯންޗުކޮޅު ގޮއްވާލި މައްސަލައާ ގުޅިގެން އަދީބު ކުރިން ވިދާޅުވެފައި ވަނީ އެއީ އޭނާ ސަރުކާރުން ދުރުކުރުމަށް ރައީސް ޔާމީން ކުރެއްވި ކަމެއް ކަމަށެވެ. ނަމަވެސް އުމަރު ނަސީރު ވަނީ އެކަން ދޮގުކުރައްވާފައެވެ. އުމަރު ވިދާޅުވީ އަދީބު އެހައްދަވަނީ އިތުރުފުޅެއް ކަމަށެވެ. އެމައްސަލައިގައި ތަހުގީގު ވަނީ ވަރަށް ފުރިހަމަޔަށް ހިންގާފައި ކަމަށާއި، އެތަހުގީގުގައި އެފްބީއައި އާއި ސައުދީގެ އެހީތެރިކަންވެސް ހޯއްދެވިކަމަށް އުމަރު ވަނީ ވިދާޅުވެފަ. އުމަރު ވިދާޅުވީ ލޯންޗުކޮޅުގައި ގޮއްވާލި އައިއީޑީ އަދީބުގެ އޯޑަރަށް ތައްޔާރު ކުރީ ކާކުކަމާއި އަދި ލޯންޗުކޮޅު ގޮއްވާލި ދުވަހުގެ ކުރީ ދުވަހުގެ ރޭ އަދީބު އޭގެން ދަތުރެއް ކުރެއްވި ކަމާއި، އެ ދަތުރުމަތީގައި ފެނިގެންދިޔަ އާދަޔާ ޚިލާފު ކަންތައްތަތަކީ ކޮބައިކަން ޝަރީއަތުގެ މަޖިލީހުގައި ހެކީން ކިޔައިދީފައިވާ ކަމަށެވެ.ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ