އަދީބަށް ބޭސްފަރުވާ ފޯރުކޮށްދިނުމަށް މައުމޫން ގޮވާލައްވައިފި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާ ފޯރުކޮށްދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވަލައްވައިފިއެވެ.
ކޮރަޕްޝަން އަދި ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ އަދީބު ޖަލުގައި ތިން އަހަރު ހޭދަކުރެއްވިކަން ފާހަގަކުރައްވާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ގައިދީންނާމެދު ވެސް އަމަލު ކުރަން ޖެހޭނީ އިންސާނިއްޔަތުކަމާ އެކު ކަމަށެވެ.
"ޑޮކްޓަރުން ލަފާ ދެއްވި ގޮތަށް [އަދީބަށް] ބޭރުން ބޭސްފަރުވާ ލިބޭނެ ގޮތް ހަދަންޖެހޭ. އަމަލު ކުރަން ޖެހޭނީ އިންސާނިއްޔަތުކަމާ އެކީ" މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
އަދީބުގެ ބަލި ހާލަތާއި ގުޅިގެން އާއިލާއިން ބުނަމުން ދަނީ ފުރާނައަށް ނުރައްކާވާ މިންވަރަކަށް އަދީބުގެ ބަލި ހާލަތު ދައްވެފައި ވާކަމަށެވެ. އަދި ވީހާވެސް އަވަހަށް އެކަށީގެންވާ ފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާ ދީފައި ވާއިރު، ލަސްވެއްޖެ ނަމަ ފުރާނައަށް ނުރައްކާ ވެދާނެކަމަށް ޑޮޮކްޓަރުން ބުނެފައިވާކަމަށް އަދީބުގެ އާއިލާން ބުނެއެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައާއި ރައީސް އަބްދުﷲ ޔާމީންގެ ރަސްމީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލަން އުޅުނު މައްސަލައިގައި 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުގެ ލޮލުގެ ފެނުން ދަށްވެ، ލޮލަށް ގްލުކޯމާ ޖެހުމާއި، އެތެރެހަށީގައި ސިސްޓެއް އުފެދި ކެންސަރަަށް ބަދަލުވެދާނެކަމަށް އާއިލާއިން އަންނަނީ ބުނަމުންނެވެ.
އަދީބުގެ ވަކީލު މޫސާ ސިރާޖް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަދީބުގެ ސީޓީ ސްކޭނުން ދައްކާގޮތުން އެތެރެ ހަށީގައި އިތުރު ސިސްޓެއް އަދި ހިލަތަކެއް އުފެދި ސިއްހީ ހާލު މާބޮޑަށް ގޯސްވެފައި ވާތީ ގޭބަންދަށް ބަދަލުކޮށް ފަރުވާ ދިނުމަށް ޑޮކްޓަރު ލަފާދީފައިވާ ކަަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ