ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ކްރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައަކީ ސީރިޔަސް މައްސަލައެއް ކަމުގައި ނުފެންނަ ކަމަށް އެމްްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ކޯޓުގެ ބެންޗުގެ ސައްހަކަން ކަނޑައަޅައިދިނުމަށް އެދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީއަތާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން އިންތި ވިދާޅުވީ ރައީސް ނަޝީދާއި އެއް ދައުވާއެއް ހުށަހެޅިފައިވާ ކާނަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލަށް ޑިފެންސް މިނިސްޓަރ ކަމުގެ މަޤާމު ދެއްވުމަކީ ސަރުކާރަށް އެ މައްސަލަ އެއްވެސް ވަރަކަށް ސީރިޔަސް ނޫން ކަމުގެ ހެއްކެއް ކަމަށެވެ.
"ރައީސް ނަޝީދާއި އެކު ދައުވާ ލިބޭ އެހެން ފަރާތްތަކެއްވެސް ވާކަން. އޭގެ ތެރެއިން ބައެއް ބޭބޭފުޅުން މިހާރު ދައުލަތުގެ ބޮޑެތި ވުޒާރާތަކުގެ ވަޒީރުކަން މި ސަރުކާރުން މިވަނީ ދެއްވާފައި. މިކަމުންވެސް ފިލާވަޅުތަކެއް އެބަ ލިބޭ. ޙަޤީޤަތުގައި މި މައްސަލައަކީ އެއްވެސް ވަރަކަށް ސީރިޔަސްކަން ނެތް މައްސަލައެއް ކަމަށް ސަރުކާރުންވެސް ރައީސް ޔާމީނުވެސް ދެކެވަޑައިނުގަންނަވާކަން ރައީސް ނަޝީދާއި އަދި ރައީސް ނަޝީދާއި އެކުގައި މި ދައުވާތައް އުފުލުނު ދައުވާތައް އުފުލާފައި މިވަނީ ސީރިޔަސް ނުވަތަ އޭގައި އެއްވެސް އޮށްޓަރެއް ހުރި ދައުވާތަކެއް ނޫންކަން. މި ކަންތައްތަކުން އެބަ ދަލީލު ކޮށްދޭ." އިންތި ވިދާޅުވިއެވެ.
މީގެ އިތުރުން ޤާނޫނު އަސާސީއާއި، ޢަދުލު އިންސާފާއި ދުރުން ސަރުކާރުން ބޭނުންވާ ގޮތަށް ޝަރީޢަތްތައް ނިންމަމުން އަންނަ ކަމަށްވެސް އިންތި ވަނީ ތުހުމަތު ކުރައްވާފައެވެ. އަދި ސަރުކާރުން ދެކޮޅު ނުޖެހޭ ކަންކަން ކުރުން އިތުރުވެފައި ވާކަމަށްވެސް އިންތި ވިދާޅުވިއެވެ.
"ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި މިވަނީ ރައީސް ނަޝީދާއި އެކު ދައުވާ އުފުލުނު ބޭފުޅެއް. އެހެންވީމަ މި ދައުވާގެ ސީރިޔަސްކަން އޮތް ނަމަހީ ނުވަތަ މިއީ ޙާޤީޤަތެއް ނަމަ، ފެކްޗުއަލް އަސްލެއް އޮތް ކަމެއް ކަމަށް ސަރުކާރުން ޤަބޫލު ކުރާނަމަ މިފަދަ ސީރިއަސް ދައުވާއެއް އުފުލިފައިވާ
ބޭފުޅަކުން ނުގެންްނާނެކަން އަޅުގަނޑުމެންނަށް އެބަ އިނގޭ"، އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ރައީސް ނަޝީދާއި ދެކޮޅަށް ޝަރީޢަތްތައް ކުރިއަށް ދަނީ އެމަނިކުފާނަށް އަންނަ ރިޔާސީ އިންތިޚާބުގައި ކުރިމަތި ނުލެވޭނެ ގޮތް ހަދައި، ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ކުރުމުގައި ކުރިމަތިވެދާނެ ހުރިހާ ހުރަހެއް ނައްތާލުމަށް ކަމަށެވެ. އޭގެ އިތުރުން ޖޭޕީގެ ލީޑަރުގެ ޤާސިމް އިބްރާހިމަށްވެސް އިންތިޚާބުގައި ކުރިމަތި ނުލެވޭ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމުގައި އިންތި ވަނީ ވިދާޅުވެފައެވެ.
"ރާއްޖޭގެ އެންމެ މަޤްބޫލު ސިޔާސީ ލީޑަރުގެ ކެނޑިޑެންސީ ދުއްވާލުމަށްޓަކައި ކުރައްވާ ކަމެއްގެ ގޮތުގައި މި ޝަރީޢަތްތައް މިހާރު ކުރިއަށް ދާކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭތީ ތިޔަބޭފުޅުންނާ މިކަން ހިއްސާ ކޮށްލުމަށް ބޭނުންވަނީ"، އިންތި ވިދާޅުވިއެވެ.
ހަމައެއާއެކު މިހާރުގެ ސަރުކާރުގެ އިސް ބޭބޭފުޅުންނާއި، އެބޭފުޅުންނާއ އާއިލީ ގޮތުން ގުޅުން ހުންނަ ފަރާތްތަުގެ މައްޗަށް ދައުވާ އުފުލި ޝަރީޢަތްތައް ނިމިފައި ވަނިކޮށްވެސް އަނބުރާ ގެންދަވާ ކަމަށާއި، ސަރުކާރުން ނާއިންސާފު އިސްކޮށް، ހަމަހަމަ ކަމެއްނެތި ޝަރީޢަތްތައް ނިންމަމުން ގެންދަވާ ކަމަށް އިންތި ވިދާޅުވިއެވެ.
އަބްދުﷲ ޣާޒީ ހައްޔަރު ކުރި މައްސަލަ ސަރުކާރަށް ސީރިޔަސް އެއް ނޫން - އިންތި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ