ފަނޑިޔާރުން ނިންމާ ނިންމުންތަކާ އެއްޗެއް ބުނުމުން ސުޕްރީމް ކޯޓުން ނުކުތުމަކީ މޭކަރާނެ ކަމެއް ނޫން: އިބްރާ

ފަނޑިޔާރުން ނިންމާ ނިންމުންތަކާ އެއްޗެއް ބުނުމުން ސުޕްރީމް ކޯޓުން އެކަމާ ދެކޮޅަށް ނުކުތުމަކީ މޭކަރާނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މާލޭ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައްޔިތުންގެ ވެރިކަން ސަރުކާރަށް އައިސްފައިވާ ކަމަށާއި އެހެން ނަމަވެސް އެ ވެރިކަން ކޯޓުތަކަށް އަދި ނާންނަ ކަމަށެވެ.
"އަޅުގަނޑުމެން ސަލާމަތްވާން ޖެހޭ އެއް ކަން އެބައޮތް. ރައްޔިތުންގެ ބާރު އައިސްފައި މިއޮތީ ސަރުކާރު ހިންގުމުގައި މިހާރު. ރައްޔިތުންގެ ނިންމުން އަދި ނާދޭ ކޯޓުތަކަށް،" އިބްރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިބްރާހިމް ނާސިރުގެ ވެރިކަމުގައި ފަނޑިޔާރު މަނިކުފާނު ސިޔާސަތާ ބެހިވަޑައިގެންނެވުމުގެ ކުރިން ފަނޑިޔާރުންގެ ބާރު އޮތީ މިނިވަންކަން މަތީ ކަމަށެވެ. އަދި އޭރު ސަރުކާރުގެ ނުފޫޒު ފަނޑިޔާރުން ނިންމާ ނިންމުންތަކަށް ވަންނަލެއް ކުޑަކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިބްރާހިމް ނާސިރު ފަނޑިޔާރު މަނިކުފާނަށް ވިދާޅުވި ކަމަށް ވަނީ ތިމަންނާ ވެސް ޝަރީއަތާ ނުބެހެމޭ. ފަނޑިޔާރު މަނިކުފާނު ވެސް ސިޔާސީ ކަންތައްތަކާ ނުބެހޭށޭ. މިއަދު މިއޮތީ އަޅުގަނޑުމެންނަށް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންނަށް ދަންނަވަން ޖެހިފައި ސިޔާސީ މައިދާނަކީ އަޅުގަނޑުމެންގެ ތަނެކޭ ތިބޭފުޅުން އަދުލްވެރިކަމާ އެކު ހުކުމް ކުރައްވަން ތިބޭށޭ،" އިބްރާ ވިދާޅުވި އެވެ.
އިބްރާ ވިދާޅުވީ ސުޕްރީމް ކޯޓުން ސިޔާސީ ކަންކަމުގެ ތެރެއަށް ދިޔައީ މަޑުމަޑުން ވަންނަމުން ކަމަށެވެ. އަދި ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެ ބަޔާން ނެރޭ ހިސާބުން ކޯޓު ގޯސްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިބްރާ ވިދާޅުވީ ރަނގަޅު ފަނޑިޔާރުންނަކީ ރައްޔިތުންނަށް ނޭނގޭ ގޮތަށް އުޅެންޖެހޭ ބައެއް ކަމަށެވެ. އަދި އިރުއިރުކޮޅާ ނޫސްބަޔާން ނެރެ މެޑެލް ދިނުމަކީ ކޯޓުތަކުގެ ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުން މަޖިލީހާއި ރައީސް ކުރައްވަންޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކޯޓުތަކުން ސިޔާސީ ކަންކަމާ ބެހޭ ނަމަ "ހަމަހިލާ ތިއިން އެކަކު ވެސް އެތާ ތިބޭކަށް ނުކެރޭނެ" ކަމަށާއި "ދައުލަތުގެ މުއައްސަސާއެއް ނެތިއްޔާ މައުމޫނު ވެރިކަމުން ބޭލި ރައްޔިތުން ވެސް އެބަތިބި" ކަމަށް އޭނާ ވިދާޅުވި އެވެ.
އިބްރާ ވިދާޅުވީ މި ރާއްޖޭގައި މިއަދު މިއޮތީ ރައްޔިތުންގެ ވެރިކަމެކޭ ބުނެވިދާނެ ކަމަށެވެ. އަދި ކުރީ ޒަމާނުގައި އޮތް ވެރިކަމާ މިހާރު އޮތް ވެރިކަމަކީ އެކައްޗެއް ނޫން ކަމަށާއި މި ނޫނީ ދައުލަތުގެ ބާރު ވަކިކުރެވިގެން އައި އެއްވެސް ވެރިކަމެއް ރާއްޖޭގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ