ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިން ހައްޔަރު ކުރުމުގައި ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ފަރުދީ ގޮތުން ޒިންމާ ނަންގަވަން ނުޖެހޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި މައްސަލައަކީ އަބްދުﷲ މުހައްމަދު ހައްޔަރު ކޮށްފައިވާ މައްސަލަ އޭނާގެ ވަކީލުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ މައްސަލައިގެ އަޑުއެހުމަށް ހާޒިރުވުމަށް ޗީފް އޮފް ޑިފެންސް ފޯސްގެ މައްޗަށް އަމުރު ނެރުނު މައްސަލަ އެވެ. އެ އަޑުއެހުމަށް މޫސާ އަލީ ޖަލީލު ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ. އަދި އަމުރު ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ އަމުރަށް އަމަލު ކުރުން ފަސް ކުރުމަށް އެ ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.
މިއަދުގެ ޝަރީއަތުގައި އިސްތިއުނާފީ މައްސަލަ ހުށަހަޅުއްވަމުން ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އެ މައްސަލައަކީ ފުލުހުންގެ އެދުމުގެ މަތިން އެމްއެންޑީއެފްގެ ފަރާތުން އަބްދުﷲ މުހައްމަދު ހައްޔަރު ކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. ވަކީލު ވިދާޅުވީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ފަރުދީ ގޮތުން ޒިންމާ ނަންގަވަން ނުޖެހޭނެ ކަމަށެވެ. އެހެންކަމުން އޭނާއާ ސީދާ ގުޅުމެއް ނެތް މައްސަލައެއްގައި ކޯޓަށް ހާޒިރުވުމަށް ނޭންގޭނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
އެމީހަކާ ގުޅުމެއް ނެތް މައްސަލައެއްގައި ކޯޓަށް ހާޒިރު ނުކުރެވޭނެ ކަމަށް މީގެ ކުރިން ހައި ކޯޓުން ނިންމާފައިވާ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ. އެއީ ކޮމިޝަނާ އޮފް ޕޮލިސް ކޯޓަށް ހާޒިރުވުމަށް 2009 ވަނަ އަހަރުގެ ތެރޭގައި ސިވިލް ކޯޓުން ނެރުނު އަމުރެއްގެ މައްސަލަ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
އަބްދުﷲ މުހައްމަދުގެ ހައްޔަރުގެ މައްސަލައަކީ އެމްއެންޑީއެފްގެ ފަރާތުން ނިންމި ނިންމުމެއް ކަމަށް ވަކީލު ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލައިގައި ޗިޓު ފޮނުވަންޖެހޭނީ އެ މުއައްސަސާއަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ކޯޓަށް ހާޒިރުވާންޖެހޭ ފަރާތަކީ ބަންޑާރަ ނައިބު ކަމުން އެފަދަ މައްސަލައެއްގައި ކޯޓަށް ޖަވާބުދާރީވާނީ ބަންޑާރަ ނައިބުގެ އޮފީހުން ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ބަންޑާރަ ނައިބުގެ އޮފީހާ ވަރަށް ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފަ އެވެ. އެގޮތުން އެފަދަ މައްސަލައެއްގައި ސީދާ ސިފައިންގެ ޗީފް ހާޒިރު ނުކުރެވޭނެ ކަމަށް ކޯޓުގައި ބުނާނީ ކޮން ފަރާތެއްތޯ ސުވާލު ކުރެއްވި އެވެ. އުޝާމް ވިދާޅުވީ އެ ޖަވާބު ދޭނީ ބަންޑާރަ ނައިބުގެ އޮފީހުން ކަމަށެވެ. ދެން ބެންޗުން ސުވާލުކުރެއްވީ ކޯޓުގެ އަމުރުތަކަށް ހުރިހާ ފަރާތްތަކުން ކިޔަމަންވާނެ ކަމަށާއި ކޯޓުތަކަށް އެއްބާރުލުން ދޭންވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު ކޯޓުގެ އަމުރަށް އިހުތިރާމް ކުރުމުގެ ގޮތުން ކްރިމިނަލް ކޯޓަށް ހާޒިރުނުވީ ކީއްވެގެންތޯ އެވެ. އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވާ ވަކީލު ވިދާޅުވީ ކްރިމިނަލް ކޯޓުގެ އަމުރަށް އަމަލު ކުރުން ފަސް ކުރުމަށް ހައި ކޯޓުން އަމުރެއް ނެރެފައިވާ ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލެއްވީ މައްސަލަ ދިރާސާ ކުރެއްވުމުގެ ތެރޭގައި އިތުރު ކަމެއް ސާފު ކުރަންނުޖެހިއްޖެ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް އިއުލާނުކުރައްވަމުންނެވެ.
ކްރިމިނަލް ކޯޓަށް ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު ހާޒިރު ކުރުމަށް ވެސް އަމުރު ކުރި އެވެ. އެ އަމުރަށް އަމަލު ކުރުން ފަސް ކުރުމަށް ވެސް ހައި ކޯޓުން ވަނީ އަމުރު ނެރެފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ހައި ކޯޓުގައި ވަނީ ޝެޑިއުލްކޮށްފަ އެވެ.
އިސް ގާޒީ ހައްޔަރު ކުރުމުގައި ފަރުދީ ގޮތުން ޗީފް އޮފް ޑިފެންސް ފޯސް ޒިންމާ ނަގާކަށް ނުޖެހޭ: އޭޖީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ