އުކުޅަހު ރައްޔިތުން ނުކުމެ ރަށު އޮފީހާއި ކޯޓާއި ސްކޫލް ބަންދުކޮށްފި

އެކަށީގެންވާ ގޮތަށް ހިދުމަތް ނުދޭ ކަމަށް ބުނެ، އއ. އުކުޅަހު ރައްޔިތުން ނުކުމެ އެ ރަށު އޮފީހާއި ކޯޓާއި ސްކޫލް މިއަދު ބަންދުކޮށްފި އެވެ.
އުކުޅަހުން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ، ޒުވާނުން އިސްނަގައިގެން އޮފީހާއި ކޯޓާއި ސްކޫލް ބަންދުކުރީ، އެ ތަންތަނުގެ ހިންގުން ވަރަށް ބޮޑަށް ދޯދިޔާވެ، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ނުކުޅެދިފައިވާތީ ކަމަށެވެ.
"އެ މައްސަލައިގައި ސްކޫލުގެ ކުދިން ގެއަށް ފޮނުވާލައި ރަށު އޮފީހުގެ މުވައްޒަފުން ކައިރީ ނުކުންނާށޭ ބުނުމުން، ކޯޓުގެ މުވައްޒަފުން ވެސް ނުކުމެގެން ދިޔައީ،" އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ރަށު އޮފީހުން "ކިތަންމެ ކުޑަ ހިދުމަތެއް" ހޯދަން ދިޔަ ނަމަވެސް އަހަރެއް ނުވަތަ ދެ އަހަރެއް ނުވަނީސް އެކަންތައް ފުރިހަމަކޮށެއްނުދެ އެވެ.
"ކުއްޖެއްގެ ރަޖިސްޓްރީ ހައްދަން ވެސް ދެ އަހަރު އެބަނަގާ،" އޭނާ ބުންޏެވެ. "މީގެ އިތުރަށް ވެސް ރަށު އޮފީހުގެ ވެރިންގެ ސަބަބުން ރައްޔިތުންގެ އިންޖީނުގެ ދަނީ ބަނގުރޫޓްވަމުން. މިދިޔަ މަހު އެކަނި ވެސް 20،000ރ. ގެއްލުން އިންޖީނުގެ އަށް ވެފައި ވަނީ."
ކަރަންޓް ފީގެ ގޮތުގައި ކުރިން ޔުނިޓަކަށް ނަގަމުން އަންނަ ހަތަރު ރުފިޔާގެ ބަދަލުގައި ތިން ރުފިޔާ އަށް ބަދަލުކޮށްދޭން އެދުމުން "އަތްފޯރާފަށަށް ކަރަންޓް ގެނެސްދޭނެ ކަމަށް ބުނެ" ޔުނިޓަކަށް ރަށު އޮފީހުން ހަމަޖައްސައިފައި ވަނީ ދެ ރުފިޔާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ޖެއްސުންކުރުމުގެ ގޮތުން އެހާ ބޮޑަށް ފީ ދަށްކުރީމަ އިންޖީނުގެއަށް ގެއްލުންވާން ފެށީ،" އޭނާ ބުންޏެވެ.
އޮފީހުގެ އިތުރަށް ދަރިވަރުން ގެއަށް ފޮނުވާލައި ސްކޫލް ބަންދުކުރީ، ސްކޫލުގެ މެނޭޖްމަންޓްގެ ހިންގުން ވަރަށް ބޮޑަށް ދޯދިޔާވެ، ދަރިވަރުންގެ އަހުލާގު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން ކަމަށް އޭނާ ބުންޏެވެ.
ރައްޔިތުންގެ ފަރާތުން ވާހަކަ ދައްކަމުން އޭނާ ބުނިގޮތުގައި ފުޅިއެއްގެ ތެރެއަށް އެލްމިނިއަމް ފޮއިލްލައި އެސިޑް އަޅައި "ބޮން" ހަދައިގެން ބޮންގޮއްވުމާއި ފިރިހެން ކުދިން އަންހެން ކުދިންނާ ފޮށުން ސްކޫލްތެރޭގައި ވަނީ އާއްމުވެފަ އެވެ.
"މިދިޔަ ހަފުތާގައި ވެސް ކުދި ބަޔަކު ވަނީ ސްކޫލްތެރޭގައި ބޮމެއް )ފުޅިއަކަށް އެސިޑް އަޅައިގެން( ގޮއްވާފައި. ފިރިހެން ކުދިން އަންހެން ކުދިންގެ ބުރުގާ ނެގުން ފަދަ ކަންތައް ކުރާތީ ސްކޫލް މެނޭޖްމަންޓަށް ބެލެނިވެރިން ހުށަހެޅުމުން ބުނަނީ އެކަމުގައި ކުރާނެ ކަމެއް ނެތޭ،" އަށް ސަތޭކެއެއްހާ މީހުން ދިރިއުޅޭ ރަށުގެ ރައްޔިތަކު ބުންޏެވެ.
މީގެ އިތުރުން ވެސް މޮޅެތި ޓީޗަރުން ދަށް ގްރޭޑްތަކަށް ކިޔަވައިދޭގޮތަށް ބަދަލުކުރުން ފަދަ ކަންތައް ސްކޫލް މެނޭޖްމަންޓުން ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.
އުކުޅަހު އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި ކަތީބު މުހަންމަދު ހާލިދު ވިދާޅުވީ، ސަރުކާރުގެ މުއައްސަސާތައް ބަންދުކުރި މައްސަލައިގައި އަތޮޅު ކައުންސިލަރު ރަށަށް ވަޑައިގެން ރައްޔިތުންނާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ބަޔަކު ނުކުމެ ރަށު އޮފީހާއި ކޯޓުގެ އިތުރުން ސްކޫލް ބަންދުކުރި ސަބަބެއް އޭނާ އަށް އެނގިވަޑައިނުގަންނަވަ އެވެ.
05: 11
އއ. އުކުޅަހު ރަށު އޮފީހާ ރަށު ކޯޓާ ސްކޫލް ހިންގަމުން ދާ ގޮތާމެދު ހިތްހަމަނުޖެހިގެން އެރަށު ރައްޔިތުން ނުކުމެ އެ ތިންތަން މިއަދު ހެނދުނު ބަންދު ކޮށްފި އެވެ.
ނަން ހާމަ ނުކުރަން ޝަރުތު ކޮށް އުކުޅަހުން ވާހަކަ ދެއްކި މީހަކު ބުނީ ރައްޔިތުން ނުކުމެ އޮފީހާ ސްކޫލާ ކޯޓުގެ މުވައްޒަފުން ގެއަށް ފޮނުވާލާފައި ވާ ކަމަށެވެ. އަދި ހެނދުނު ސްކޫލަށް ދިޔަ ދަރިވަރުން ވެސް ގެއަށް ފޮނުވާލާފައި ވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ އޮފީހާ ސްކޫލާ ކޯޓު ހިންގަމުން ގެންދަނީ ރައްޔިތުން އެދޭ ގޮތަށް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން ބަދަލު ކޮށްލަން. އެ ކަން ނުކުރަނީސް މި ތަންތަން ހުޅުވާނެ އެއްވެސް ގޮތެއް ނޯންނާނެ. އަޅުގަނޑުމެން ވަރަށް ގިނަ ފަހަރު ސަރުކާރަށް ދަންނަވައިގެންވެސް ހިންގުމުގެ ކަންތައް ރަނގަޅު ނުކޮށްގެން މިކަން ކުރަން މި ޖެހުނީ،" އުކުޅަހުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އޭނާ ބުނީ އެ ތިންތަން ތަޅުލުމަށް ފަހު ރައްޔިތުންގެ ތެރެއިން 300 އެއްހާ މީހުން އެތަންތަން ކައިރިއަށް އެއްވެފައި ވާ ކަމަށެވެ. އެ ތިންތަނުގައި ތިއްބެވި އިސް ވެރިން އިސްތިއުފާ ނުދެއްވާހާ ހިނދަކު އެއިން އެއްވެސް ތަނެއް ނުހުޅުވާނެ ކަމަށް އޭނާ ބުންޏެވެ. އަދި ރަށުގެ ދެ ކަތީބުން އިސްތިއުފާ ނުދެއްވައިފި ނަމަ ސިއްހީ މަރުކަޒު ވެސް ބަންދު ކުރާނެ ކަމުގެ އިންޒާރު އޭނާ ދިނެވެ.
"ރަށު އޮފީހުގެ ދަށުން ހިންގާ މި ރަށު އިންޖީނުގޭގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ އެންމެ ބޮޑީ. ރކ. ކޮމިޓީވެސް ބަދަލު ކުރަން ބޭނުން ވަނީ. އެތަންވެސް އޮންނަނީ ދެ ކަތީބުންގެ ބާރުގެ ދަށުގައި."
އަށްސަތޭކަ މީހުންގެ އާބާދީއެއް އޮންނަ އުކުޅަހު ބޮޑުކަތީބު މުހައްމަދު ހާލިދު މިއަދު ވިދާޅުވީ ރައްޔިތުން ގޮސް ރަށުއޮފީހާ ރަށު ކޯޓާ ސްކޫލް ބަންދު ކުރުމުން އަތޮޅު އޮފީހަށް އެ ކަން އަންގަވާފައި ވާނެ ކަމަށެވެ.
"އަތޮޅު އޮފީހަށް އެންގީމަ މި އަތޮޅުގެ ސިވިލް ސާވިސްގެ އެންމެ އިސް ބޭފުޅާ ވިދާޅުވީ ގެއަށް ދާށޭ. އެހެންވެ ގެއަށް ދިޔައީ،" ބޮޑުކަތީބު ވިދާޅުވި އެވެ.
ރައްޔިތުން އެދޭ ކަންތައްތަކާ ބެހޭގޮތުން އެމީހުންނާ މަޝްވަރާ ކުރެއްވިންތޯ ދެންނެވުމުން އޭނާ ވިދާޅުވީ މަޝްވަރާ ނުކުރައްވާ ކަމަށެވެ. އަދި އެކަންތައްތަކާ ބެހޭގޮތުން ވިދާޅުވަނީ ކީކޭތޯ ދެންނެވުމުން ވިދާޅުވީ "އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނެތް" ކަމަށެވެ.
* މިހަބަރާ ގުޅުންހުރި ފޮޓޯތައް 2323 އަށް "އެމް އެމް އެސް" ކުރެއްވުން އެދެމެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ