އިމާރާތްކުރުމުގެ ދާއިރާގެ މީހުންނަށް އިންޝުއަރެންސް ސްކީމެއް މަސީން ތައާރަފުކޮށްފި

އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން އިންޝުއަކުރުމަށް އަމާނާ ތަކަފުލްއާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ )މަސީ( އިން އިންޝުއަރެންސް ސްކީމެއް ތައާރަފުކޮށްފި އެވެ.
މަސީގެ މެންބަރު ކުންފުނިތަކަށް ހާއްސަކޮށް މި ސްކީމް ތައާރަފު ކުރުމަށްޓަކައި އެ ޖަމިއްޔާ އާއި އަމާނާ ތަކަފުލް އާ ދެމެދު ބުރާސްފަތި ދުވަހު )މިއަދު( ވަނީ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން )އެމްއޯޔޫ( އެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި މަސީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް އަދި އެލިސަން ސާވިސަސްގެ ސީއީއޯ މުހައްމަދު އަލީ ޖަނާހު )ޖަނާ( އެވެ. އަމާނާ ތަކަފުލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ލޯކަލް ޑިރެކްޓަރު ހަސަން މަނިކެވެ.
މަސީން ބުނި ގޮތުގައި "ގްރޫޕް ޕާސަނަލް އެކްސިޑެންޓް އިންޝުއަރެންސް" ސްކީމްގެ ދަށުން، އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުން އިންޝުއަ ކުރެވޭނީ އެކަމަށް ޝައުގުވެރިވާ މެންބަރު ކުންފުނިތައް މެދުވެރިކޮށެވެ.
ޖަނާ ވިދާޅުވި ގޮތުގައި މަސީގެ މެންބަރު ކުންފުނިތަކުން އަމާނާ ތަކަފުލް އަށް ދައްކަން ޖެހޭނީ އަހަރަކު ބޮލަކަށް 7.56 އެމެރިކާ ޑޮލަރު ) ގާތްގަނޑަކަށް 100ރ.( އެވެ. އިމާރާތް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް މީހަކު މަރުވެއްޖެ ނަމަ ނުވަތަ ދާއިމީކޮށް ނުކުޅެދޭ މީހަކަށް ވެއްޖެ ނަމަ 2،500 ޑޮލަރު ) 32،125ރ.( އެ މީހަކަށް އިންޝުއަރެންސް ކުންފުނިން ލިބޭނެ ކަމަށް ޖަނާ ވިދާޅުވި އެވެ. މި ސްކީމްގެ ދަށުން ބޭސް ފަރުވާ އަށް 1،500 ޑޮލަރު ) 19،275ރ.( އަހަރަކު ގިނަވެގެން ލިބިދޭނެ އެވެ. މަސައްކަތް ނުކުރެވޭ ވަރުގެ އަނިޔާއެއް ވެގެން ގޭގައި މަޑުކުރަން ޖެހޭ ދުވަސްތަކުގައި ދުވާލަކު 50 ޑޮލަރު ) 642.5ރ.( ލިބޭނެ އުސޫލަކާއި ދުވާލަކު 15 ޑޮލަރު ) 192.75ރ.( ލިބޭނެ އުސޫލެއް ވެސް މި ސްކީމްގައި ހިމެނެ އެވެ. އަދި ސިއްހީ ފަރުވާ ލިބެން ނެތް ތަނެއްގައި މަސައްކަތް ކުރަނިކޮށް ކަމެއް ދިމާވެއްޖެ ނަމަ ދަތުރުފަތުރަށް 300 ޑޮލަރު ) 3،855ރ.( އާދި 500 ޑޮލަރު ) 6،425ރ.( ލިބޭނެ އޫސުލުތައް ވެސް މި ސްކީމްގައި ހިމެނެ އެވެ. މި ސްކީމްގެ ދަށުން އިންޝުއަ ކުރެވެނީ އުމުރުން 55 އަހަރުން ދަށުގެ މީހުންނެވެ.
އަމާނާ ތަކަފުލް އިން ބުނީ މި ސްކީމްގެ ދަށުން ބޭސްކޮށްދޭނީ އޮފީސް ބަންދު ނޫން ހަތް ދުވަހުގެ ތެރޭގައި ބިލްތައް ހުށަހެޅުމުން އެ އަށް ފައިސާ ދީގެންނެވެ. އަދި އަހަރު ތެރޭގައި އެއްވެސް ފަރުވާ އެއް މި ސްކީމުގެ ދަށުން ކުރަން ނުޖެހިއްޖެ ނަމަ، ބޮލަކަށް އަހަރަކަށް ދައްކާ 100ރ. ގެ ތެރެއިން ބައެއް އެ ކުންފުންޏަށް އަނބުރާ ލިބޭނެ ކަމަށް އަމާނާ ތަކަފުލް އިން ބުންޏެވެ.
މަސީގެ ނައިބު ރައީސް އަދުނާނު ހަލީމް ވިދާޅުވީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 123 މެންބަރު ކުންފުންޏަށް މި ސްކީމާ ބެހޭ މައުލޫމާތު ދޭނެ ކަމަށެވެ.
ޖަނާ ވިދާޅުވި ގޮތުގައި މި ސްކީމްގެ ފައިދާ ބޮޑަށް ކުރާނީ އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކަށްވުރެ ބޮޑަށް މެދު ސައިޒުގެ އާއި ކުދި ކުންފުނިތަކަށެވެ.
"މިއީ އަޅުގަނޑުމެން އަމިއްލަ އަށް އިސްނަގައިގެން ކުރާ ކަމެއް. ކުރިއަށް އޮތްތަކުގައި މި ސްކީމް އިތުރަށް ފުޅާ ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
މަސީގެ ރައީސް ކަމާ ޖަނާ ހަވާލެވަޑައިގަތުމަށް ފަހު، މި އަހަރުގެ މޭޑޭ ގައި )މިއަދު( މި ސްކީމް ތައާރަފު ކުރައްވާނެ ކަމަށް އޭނާ ވަނީ ވައުދުވެވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ