ޑީއާރުޕީއާއި ދެކޮޅަށް ޕީޕީއެމުގެ ނައިބު ލީޑަރަކު ދައުވާ ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން: އުމަރު

ޑީއާރުޕީއާއި ދެކޮޅަށް އެޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ކުރައްވާފައިވާ ދައުވާ އަނބުރާ ނެންގެވީ އެއީ މިހާރުގެ ހާލަތަށް ބަލާއިރު ދެކޮޅު ޖެހޭ ކަމަކަށް ނުވާތީ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ސީއެންއެމަށް ދެއްވި އިންޓަވިއުއެއްްގައި އުމަރު މިއަދު ވިދާޅުވީ އޭރައި މިހާރު ވަރަށް ތަފާތުވެފައިވާ ކަމަށާއި ހަގީގަތް ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އަދި މިހާރު މިއޮތީ އޭރު އޮތް ސިޔާސީ ހާލަތު ނޫން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
" އަޅުގަނޑު ދައުވާ އަނބުރާ ގެނައީ، ޑީއާރުޕީއަކީ އިރެއްގައި އެންމެ ބޮޑު ޕާޓީއަކަށް ވިޔަސް މިހާރު އެކަން ވެސް ބަދަލުވެއްޖެ. އެހެންވެ ޕީޕީއެމް ކަހަލަ ޕާޓީއަކަށް ބަލާއިރު ޑީއާރުޕީހާ ކުޑަ ޕާޓީއެއް ގޮވައިގެން ކޯޓުގައި އުޅުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން."އުމަރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ މައްސަލަ ދޫކޮށްލެއްވީ ކާމިޔާބު ނުވެދާނެ ކަމުގެ ބިރު ހީވެގެން ނޫން ކަމަށާއި އެމައްސަލައާއި ގުޅިގެން ހައިކޯޓުގައި ކުރިއަށް ދިޔަ މައްސަލާގައި ވެސް ކުރި ހޯއްދަވާފައިވާނެ ކަމަށެވެ.
" އެއްގޮތަކަށް ވެސް ވިން ނުވެދާނެތީއެއް ނޫން. އެކަމަކު މިއަދުގެ ހާލަތަށް ބަލާ އިރު، ބަޔަކަށް ނުވާ ބަޔަކު ގޮވައިގެން ކޯޓުގައި އުޅުމަށް ވުރެ އަޅުގަނޑުމެން އެންމެން ވެސް އިސްކަން ދޭން ޖެހޭ ކަންތައްތައް އެބަަހުރި.އެއަށް ވުރެ ގައުމަށް މުހިއްމު ކަންކަން އެބަހުރި" އުމަރު ވިދާޅުވިއެވެ.
ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރަކަށް ހުންނަވަނިކޮށް އެޕާޓީގެ އުސޫލުތަކާއި ހިލާފުވެވަޑައިގެންނެވި ކަމަށް ބުނެ އުމަރު ވަކިކޮށްފައިވާ މައްސަލާގައި އޭނާ ކުރައްވާފައިވާ ދައުވާ މިއަދުވަނީ އަނބުރާ ގެންދަވާފައެވެ. އުމަރު މިހާރު ހުންނެވީ ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރަކަށެވެ. އަދި ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ޝައުގުވެރިކަން ވެސް އުމަރު ގެންދަވަނީ ފާލު ކުރައްވަމުންނެވެ. ނަމަވެސް ޕްރައިމަރީގައި ވާދަ ކުރުމާއި މެދު އަދި ވަކި ގޮތެއް ނުނިންމަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ