ޓޫރިޒަމް މިނިސްޓަރަކަށް ޒިޔަތު، ޔޫތު މިނިސްޓަރަކަށް ބައްސާމް އައްޔަން ކުރާނެ ކަމަށް އުންމީދު ކުރަން: މެމްބަރު ރިފާއު

ޓޫރިޒަމް މިނިސްޓަރަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރަކަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް އައްޔަންކުރާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށް މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ރިފާއު މިއަދު ވިދާޅުވެއްޖެ އެވެ. އޭނާ އެހެން ވިދާޅުވިއިރު ނައިބު ރައީސް ކަމުން މުހައްމަދު ޖަމީލް އަހުމަދު ވަކިކުރުމަށް ފަހު އެ މަގާމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އައްޔަން ކުރަން ބޭނުންވާ ކަމަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އަދީބުގެ ބަދަލުގައި އޭނާގެ އެންމެ ގާތް އެއް ބޭފުޅާ ކަމަށްވާ ޒިޔަތު ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރައްވަން ރައީސް އަބްދުﷲ ޔާމީން އުޅުއްވާ ކަމުގެ އަޑުވަނީ ގަދަވެފަ އެވެ. އެގޮތަށް ވާހަކަ ދައްކަވަމުން ގެންދަވަނީ ވެސް ވެރިކަންކުރާ ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުންނެވެ. ޓޫރިޒަމް މިނިސްޓަރަކަށް ޒިޔަތު އަދި ޔޫތު މިނިސްޓަރަކަށް ބައްސާމް ރައީސް އައްޔަން ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރިފާއު ވިދާޅުވީ ވިލިމާފަންނު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ނިހާން، ޒިޔަތާއި ބައްސާމާ އެކު ލ. އަތޮޅަށް ކުރައްވާ ދަތުރުގައި ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. With @ziyathu and @phe_nomeno on board Island Aviation heading towards Laamu Kadhoo @Ahmed_Adeeb Dhenvaanee Kihineh? pic.twitter.com/47YasKvw97 — Ahmed Nihan (@ahmed_nihan) July 17, 2015 ނިހާންގެ ޓްވީޓް އަދީބާ އެކު ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކަށް ފެއްޓެވި ދަތުރުގައި މަތިންދާބޯޓުގައި އިންނަވައިގެން ޒިޔަތާއި ބައްސާމާއެކު ނެންގެވި ފޮޓޯއަކާ އެކު ކުރެއްވި ޓްވީޓެއްގައި ނިހާން ސުވާލު ކުރެއްވީ "ދެން ވާނީ ކިހިނެއްތޯ" އެވެ. އޭގެ ޖަވާބުގައި ރިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެން ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާނީ ޒިޔަތު އަދި ޔޫތު މިނިސްޓަރަކަށް އައްޔަންކުރައްވާނީ ބައްސާމް ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. @ahmed_nihan Hope to be the Next Tourism Minister & Youth Minister @ziyathu @phe_nomeno @Ahmed_Adeeb #ISupportAdeeb4VP — Abdulla Rifau Bochey (@RifauMP) July 17, 2015 ރިފާއުގެ ޓްވީޓް އެ ޓްވީޓާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ރިފާއު "ހަވީރަ"ށް ވިދާޅުވީ ޒިޔަތަށް ޓޫރިޒަމް މިނިސްޓަރުކަން އަދި ބައްސާމަށް ޔޫތު މިނިސްޓަރުކަން ދިނުމަކީ ގިނަ ޒުވާނުންތަކެއްގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. "އެ އުންމީދު އަޅުގަނޑުގެ ކިބައިގައި ވެސް އޮތީމާ ކުރި ޓްވީޓެއް އެއީ،" އަދީބު އިސްވެ ހުންނަވައިގެން ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި މިއަދު ހަވީރު ބޭއްވި ސައިކަލް ބުރަށް އެ އަތޮޅަށް ވަޑައިގެން ހުންނެވި ރިފާއު ވިދާޅުވި އެވެ. ޒިޔަތުގެ އިތުރުން ބައްސާމަކީ ވެސް އަދީބުގެ ވަރަށް ގާތް ބޭފުޅެކެވެ. ކްލަބް ވެލެންސިއާގެ ކުރީގެ ވައިސް ޗެއާމަންގެ މަގާމު ވެސް އަދާކުރެއްވި ބައްސާމަކީ ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. ކުރިން ޔޫތު މިނިސްޓަރުކަމުގައި ހުންނެވި މުހައްމަދު މަލީހް ޖަމާލް މަގާމުން ވަކިކުރެއްވުމަށް ފަހު، ރައީސް ޔާމީން އެ މަގާމަށް އަހުމަދު ޒުހޫރު އައްޔަން ކުރެއްވީ މިދިޔަ މޭ 20 ވަނަ ދުވަހު އެވެ. ޒުހޫރުގެ ބަދަލުގައި އެ މަގާމަށް ބައްސާމް އައްޔަން ކުރައްވަން އުޅުއްވާ ކަމުގެ ވާހަކަތައް ޕީޕީއެމްގެ މަޖިލިސް މެމްބަރުން ދައްކަވާ އިރު، މި ސަރުކާރުގެ ކޮންމެ މަގާމެއްގައި ވެސް ޒުހޫރު ހުންނަވަނީ ވަރަށް ކުރު މުއްދަތަކަށްކަން ފާހަގަކުރެވެ އެވެ. މިހާރުގެ އަޑުތަކާ ބެހޭ ގޮތުން ސަރުކާރުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ