އޭވައިއެލް އަތުން ބަލިވެ ވީބީ އަށް ވެސް ސީޒަން ނިމިއްޖެ

ބީފިފްޓީޓޫ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ އޭވައިއެލް އަތުން 2-1އިން ބަލިވެ ވީބީ އަށް ސީޒަން ނިމިއްޖެ އެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދި އޭވައިއެލް މުބާރާތުގެ ސެމީ ފައިނަލުގައި ބައްދަލުކުރާނީ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ވެލެންސިއާ އަތުން 1-0އިން މޮޅުވި ޗެމްޕިއަން މާޒިޔާއާ އެވެ.
މިރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ 15 ވަނަ މިނިޓްގައި ވީބީގެ ސިއަރަލިއޯނުގެ ފޯވަޑް އަބޫ ޑެސްމަންޑް މަންސާރީ އެވެ. އޭގެ ތިން މިނިޓް ފަހުން ވީބީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. އަދި މެޗުން މޮޅުވި ލަނޑު 87 ވަނަ މިނިޓްގައި އޭވައިއެލް އަށް ޖަހައިދިނީ ބަހުޖަތު އަބުދުލްއަޒީޒެވެ. އޭނާ ގެހި ބޯޅަ ގޯލަށް ވަނީ ވީބީގެ ޑިފެންޑަރު އަބުދުﷲ ހަނީފް (ބެންޖޯ)ގެ ފައިގައިޖެހިފަ އެވެ.
މި މެޗުން ބަލިވުމުން ވީބީ އަށް ސީޒަން ނިމުނުއިރު އެ ޓީމަށް އަންނަ އަހަރު ކުޅެން ޖެހޭނީ ދެ ވަނަ ޑިވިޝަނުގަ އެވެ. އެފްއޭކަޕް ދެ ފަހަރު ހޯދާފައިވާ ވީބީ ރެލިގޭޓްވީ ރެލިގޭޝަނުގެ މުބާރާތުގެ ގަދަ ދެ ޓީމުގެ ތެރޭގައި ނުހިމެނުމުންނެވެ. މި އަހަރުގެ ދިރާގު ދިވެހި ލީގުގައި ވީބީ ލައްވާލީ އަށް ޓީމު ލީގު އުސޫލުން ދެ ބުރު ކުޅުނުއިރު ނުވަ ޕޮއިންޓާއެކު ޓޭބަލުގެ ފުލުގަ އެވެ. ނަމަވެސް ކުލަބުގެ ވެރިޔާ އަދި އެފްއޭއެމުގެ ރައީސްގެ އެޑްވައިޒަރު އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވީ އަންނަ އަހަރު ފުރަތަމަ ޑިވިޝަނަށް ވީބީ އެނބުރި އަންނާނެ ކަމަށާއި އެފްއޭކަޕް ވެސް ކާމިޔާބުކުރެވޭ ވަރުގެ ޓީމެއް ތައްޔާރުކުރާނެ ކަމަށެވެ.
އެފްއޭކަޕް ކުއާޓާ ފައިނަލާއެކު މި އަހަރުގެ ސީޒަން ވީބީއާ އެކު ދެން ނިމިފައިވަނީ ވެލެންސިއާ އަށެވެ. އަދި ވިކްޓަރީ އަށް ވެސް ގާތްގަނޑަކަށް ވަނީ ސީޒަން ނިމިފަ އެވެ. އެއީ މާދަމާ ރޭ ކުޅެން ޖެހޭ ކުއާޓާ ފައިނަލް މެޗު ނުކުޅެން އެ ޓީމުން ނިންމާފައިވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ