ނަޝީދު މާފަށް އެދިވަޑައިގެންނެވި ކަމަށް ގަބޫލެއް ނުކުރަން: މައުމޫން
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ހިންގި "ބަޣާވާތު" ގެ އަޑީގައި ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށް ނަޝީދު ވިދާޅުވުމަށް ފަހު އެ ވާހަކަ އަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިޔަސް އެއީ މައާފަށް އެދިވަޑައިގަތުން ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް މައުމޫން ވިދާޅުވެއްޖެ އެވެ. "ހަވީރަ" ށް ދެއްވި އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ ނަޝީދު އިހުލާސްތެރިކަމާ އެކު މާފަށް އެދިވަޑައިގެންފައި ނުވާކަން ނަޝީދު ނެރުއްވި ބަޔާނުން އެނގޭ ކަމަށެވެ. "އޭނާ ވިދާޅުވެފައި ވަނީ 7 ފެބްރުއަރީގެ "ބަޣާވާތު" ގައި އަޅުގަނޑު ބައިވެރިވެފައިނުވާ ނަމަ މާފަށް އެދި ވަޑައިގަންނަވަމެވެ. ހަގީގަތުގައި އެ ބަޔާނުގައި އޭނާ މަސައްކަތް ކުރައްވާފައި ވަނީ 7 ފެބްރުއަރީގައި ސަރުކާރު ބަދަލުވުމުގެ އަޑީގައި ހުރީ އަޅުގަނޑު ކަމަށް ވިދާޅުވެ އަޅުގަނޑުގެ ބޮލުގައި އަޅުވާ ދޮގު އިލްޒާމު ސާބިތުކޮށްދެވޭތޯ،" މައުމޫން ވިދާޅުވި އެވެ. "އެހެންވީމާ އޭނާ މާފަށް އެދިވަޑައިގަތީ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން." މައުމޫން ވިދާޅުވީ ނަޝީދުގެ ވެރިކަން ބަދަލުވީ މައުމޫން ރާވައިގެން ހިންގި ބަޣާވާތަކުން ކަމަށް ނަޝީދު ވިދާޅުވަމުން ގެންދެވީ ބޭރުގެ އެކި ޓީވީ ޗެނަލްތަކާއި ރާއްޖޭގެ މީޑިއާތަކުގެ ކުރިމަތީގައި ކަމަށެވެ. "ވީމާ އިހުލާސްތެރިކަމާއެކު މާފަށް އެދިވަޑައިގަންނަވާ ނަމަ އެކަން ކުރައްވަން ވާނީ ވެސް ހަމަ އެ ގޮތަށް،" މައުމޫން ވިދާޅުވި އެވެ. މައުމޫން އަރިހުން މާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ނަޝީދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ، "ބަޣާވާތު" ގެ އަޑީގައި މައުމޫން ހުންނެވި ކަމަށް ވިދާޅުވީ އެ މަނިކުފާނު ވިދާޅުވެފައިވާ ވާހަކަފުޅުތަކަށާއި އާއިލާގެ ބައެއް ބޭފުޅުންގެ އިތުރުން މައުމޫންގެ ގާތް ބޭފުޅުން ދައްކަވާފައިވާ ވާހަކަތަކަށް ބުރަވެ ކަމަށެވެ. އަދި އެފަދަ ވާހަކަތަކާއި ކޮށްފައިވާ ކަންކަން ނަޝީދުގެ ބަޔާނުގައި ފާހަގަ ކުރައްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ