ރިޔާސީ އިންތިހާބުގެ އެންމެ ފަހުގެ ކެމްޕޭންތައްފޯރިއާއެކު ކުރިއަށް!

އެމެރިކާގެ ރިޔާސީ އިންތިހާބުގެ އެންމެ ފަހުގެ ކެންޕޭންތައް ރައީސް ބަރަކް އޮބާމާ އާއި އިދިކޮޅު ރިޕަބްލިކަން ކެންޑިޑޭޓް މިޓް ރޮމްނީ ފައްޓަވައިފިއެވެ.
ރޮމްނީ އިއްޔެ އޭނާއަށް ތާއީދު ބޮޑު ސްޓޭޓެއް ކަމަށްވާ ޕެންސިލްވާނިޔާގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގައި އުޅުއްވިއިރު އޮބާމާ އުޅުއްވީ ނިއު ހަމްޕްޝައިރު އާއި ފްލޮރިޑާ އާއި އޯހީއޯ އަދި ކޮލަރާޑޯގައި ބޭއްވި ކެންޕޭން ރެލީތަކުގައެވެ.
އިންތިހާބު މޮނީޓާ ކުރާ ފަރާތްތަކުން ބުނާގޮތުގައި މި އިންތިހާބު ވެގެންދާނީ އެމެރިކާގެ ތާރީހުގައި ބޭއްވޭނެ އެންމެ ވާދަވެރި ރިޔާސީ އިންތިހާބު ކަމަށެވެ.
އެންމެ ފަހުގެ ހިޔާލު ހޯދުމުގެ ވޯޓުތަކުންވެސް އޮބާމާ އުޅުއްވަނީ ރޮމްނީއަށްވުރެ ހަތަރު އިންސައްތައިގެ ކުރިއެރުމެއްގައެވެ. އެންމެ ފަހުން ނަތީޖާ އާންމުކުރި އޯހީއޯ ކޮލަންބަސް އިން ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި އޮބާމާއަށް 52 އިންސައްތަ ލިބިފައި ވާއިރު ރޮމްނީއަށް ލިބިފައިވަނީ 48 އިންސައްތައެވެ.
އޯހޭރާގެ ވޯޓުން އޮބާމާ ކުރީގައި އުޅުއްވި ނަމަވެސް ވޮޝިނަޓަން ޕޯސްޓުން ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އާއި އެކު އިންތިހާބު ކާމިޔާބު ކުރައްވާނެ ކެޑިޑޭޓަކާއި ބެހޭގޮތުން ކުރެވޭ ބަހުސްތައްވެސް މިހާރު ވަނީ އިތުރުވެފައެވެ. ވޮޝިންޓަން ޕޯސްޓުގެ ހިޔާލު ހޯދުމުގެ ވޯޓުން ދައްކާގޮތުގައި އޮމްނީ އާއި އޮބާމާއަށްވެސް ލިބިލައްވާފައިވަނީ 48 އިންސައްތައިގެ ވޯޓެވެ.
އެމެރިކާގެ ސިޔާސީ ތަޖުރިބާކާރުން ބީބީސީގައި ރިއާސީ އިންތިހާބުގެ ނަތީޖާ ލަފާކޮށްފައި ވާއިރު އޭގެ ތެރެއިން ގިނަ ބަޔަކުވެސް ވަނީ އޮބާމާ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ބޭރު ދުނިޔޭގެ ތާއީދު ރޮމްނީއާއި އަޅާބަލާއިރު އޮބާމާއަށް އެތައް ގުނައެއް ބޮޑު ކަމަށްވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ނަގާ ހިޔާލު ހޯދުމުގެ ވޯޓު ތަކުގެ ނަތީޖާއިން ހާމަވެއެވެ.
މާދަމާ އެމެރިކާގެ ރިޔާސީ އިންތިހާބު ފަށާއިރު މިހާރު ކެންޑިޑޭޓުންގެ ކެންޕޭންތައް ނިންމާލަން ތައްޔާރު ވަމުން އަންނަ ކަމަށް މިޑިޔާ ރިޕޯޓްތައް ބުނެއެވެ. އަދި މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ނަތީޖާތައް ވަގުތުން އާންމު ކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ