ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ސައްހަ ކޯޓެއްކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިފި
ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސްޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައިފިއެވެ. ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ރައުޔު ދެއްވާފައިވަނީ އަބުދުއްﷲ ސައީދާއި އަލީ ހަމީދު މުހައްމަދާއި،އާދަމް މުހައްމަދު އަބުދުއްﷲއާއި ޑރ.އަހުމަދު އަބުދުﷲ ދީދީއެވެ.
މިމައްސަލާގައި ހިޔާލު ތަފާތުވެފައިވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސާއިނާއި އަބުދުﷲ އަރީފު އަދި މުއުތަސިމް އަދުނާނުއެވެ.
ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ ހުޅުމާލެއާއި ވިލިމާލެއަކީ މާލޭގެ ބައެއް ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ހުޅުމާލެއަކީ ވެސް ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން ގެންދާ ވަކި ރަށަކަށްވެފައި، އެރަށުގައި މިހާތަނަށް އައި އިރު ވެސް ސްޕީރިއަރ ކޯޓުތަކުގެ ޑިވިޝަން ތަކެއް ގާއިމު ކުރެވިފައި ނުވާތީއާއި އެރަށުގެ ރައްޔިތުން އިންސާފު ހޯދަން އެހެން ރަށެއްގައި ހުންނަ ކޯޓަކަށް ދާން ޖެހުމަކީ އަދުލުވެރި ގޮތަކަށް ނުވާތީ ހުޅުމާލޭ ކޯޓު ސައްހަ ކަމަށް ކަނޑައެޅި ކަމަށެވެ.
އަދި ލާމަރުކަޒީ ގާނޫނުގައި ވިލިމާލެއާއި ހުޅުމާލެއަކީ މާލޭގެ ބައެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް ހުޅުމާލެއަކީ މާލޭ ދައިރާގެ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅާ ކަމަށް ވެސް ސްޕްރީމް ކޯޓުން މިއަދު އިއްވިހުކުމުގައި ބުނެފައިވެއެވެ.
މިމައްސަލާގައި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި އަބުދުﷲ އަރީފު ހުށަހަޅުއްވާފައިވަނީ މުއުތަސިމް އަދުނާނާއި ތަފާތު ރައުޔެކެވެ. ތިންބޭފުޅުންގެ ރައުޔުތަކުގައި ތަފާތު ނުކުތާތަކެއް ފާހަގަ ކޮށްފައި ވީނަމަވެސް ޖުމްލަކޮށް ތިން ބޭފުޅުން ވެސް ވިދާޅުވެފައިވަނީ ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ނޫން ކަމަށެވެ.
ތިންބޭފުޅުންގެ ރައުޔުގައި ވެސް މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ ކޯޓުތައް އުފައްދަން ޖެހޭނީ ކޯޓުތަކައި ބެހޭ ގާނޫނުގެ ދަށުން ކަމަށާއި ހުޅުމާލޭ ކޯޓަކީ އެގާނޫނުގެ ދަށުން ސައްހަ ކޯޓެއް ނޫން ކަމަށެވެ.
ރައީސް ނަޝީދުގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ، ހުޅުމާލެއަކީ މާލޭގެ ބަޔަކަށްވާއިރު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ޤާއިމް ކުރެވިދާނެ ކޯޓެއް ނޫންކަމަށް އުއްތަމަ ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވެފައިވާކަމަށެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ސައްހަ ކޯޓެއްކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ