ސިޓީ ކައުންސިލުގެ ދަށުން ޕްރީ ސްކޫލް ވަކިކުރުމުގެ ބިލާއެކު މަޖިލިސް ހުއްޓުމަކަށް!

މާލޭ ސިޓީ ކައުންސިލުގެ ދަށުން ޕްރީ ސްކޫލުގެ ހިދުމަތް ވަކިކޮށް އެޑިޔުކޭޝަނުގެ ދަށަށް އެހިދުމަތް ދިނުން ބަަދަލުކުރުމަށް ގަލޮޅޫ ދެކުނު ދާއިރާގެ މެމްބަރ އަހުމަދު މަހުލޫފު ހުށަހެޅުއްވި ބިލަށް ބަހުސްކުރަން ހުޅުވާޅުމާއެކު މަޖިލިސް ހޫނުވެގެން ޖަލްސާ މެދު ކަނޑާލައިފިއެވެ.
ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މަހުލޫފު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލުން ދެމުންދާ ހިދުމަތްތަކުގެ ތެރެއިން ޕްރީ ސްކޫލުގެ ހިދުމަތް އެޑިކޔުކޭޝަން މިނިސޓްރީގެ ދަށަށް ބަދަލު ކުރަން ޖެހޭނެކަމަށެވެ.
މިިދިޔަ އަހަރުގެ ޑިސެމްބަރު މަހު މައުލޫފު ހުށަހެޅުއްވި ބިލަށް ބަހުސްކުރުމުގެ ފުރުސަތު ރިޔާސަތުން ނާއިބު ރައީސް އަހުމަދު ނާޒިމް ހުޅުވާލެއްވުމާއެކު އެމްޑީޕީ މެމްބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވާ އެއީ ގާނޫނު އަސާސީއާ ހިލާފު ބިލެއްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ހަމަހަމަކަމާއެކު ހިދުމަތް ދޭން ޖެހޭނެކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު މާލޭ ސިޓީ ކައުންސިލުގެ އަތްދަށުން ޕްރީ ސްކޫލް ވަކިކުރުމަށް ފަހު އެޑިޔުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަކީ ތަފާތު ކުރުމެއް ކަމަށާއި އެހެންކަމުން އެކަން އެގޮތަށް ނުކުރެވޭނެކަމަށް ވިދާޅުވެ ނިޒާމީ ނުކުތާ ނަންގަވަން ފެއްޓެވުމާއެކު ރިޔާސަތުވަނީ ދެ ފަހަރެއްގެމަތިން ޖަލްސާ މެދު ކަނޑާލާފައެވެ.
ނިޒާމީ ނުކުތާގައި ވާހަކަ ދައްކަވަމުން ބައެއް މެމްބަރުން ވިދާޅުވީ މަހުލޫފުގެ އިސްލާހަކީ އަތޮޅުތެރެއާއި މާލެއާ ތަފާތުކުރުމަށް ހުށަހަޅުއްވާފައިވާ ބިލެއްކަމަށާއި ހަމައެކަނި މާލޭގައި ދައުލަތުން ހިންގާ ޕްރީ ސްކޫލްތައް އެޑިޔުކޭޝަނުގެ ދަށަށް ބަދަލުކުރުމަކީ ތަފާތު ކުރުމެއްކަމަށެވެ.
"އެއީ ތަފާތުކުރެމެއް. އަތޮޅުތަކާއި މާލެއާ ތަފާތެއްނުކުރެވޭނެ. މާލޭ ސިޓީ ކައުންސިލުން ޕްރީ ސްކޫލް ހިންގުން ވަކިކޮށް އެޑިޔުކޭޝަނުގެ ދަށަށް ގެންދާ ނަމަ ހުރިހާ ޕްރީ ސްކޫލެއް އެގޮތަށް ބަދަލުވާންެ ޖެހޭނެ. އެންމެ ކުޑަ މިނުން ސިޓީގެ ދަރަޖަ ދީފައިވާ ހުރިހާ ތަނެއްގައި އެއްހަމައެއް ގެންގުޅެން ޖެހޭނެ،" މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބުދުﷲ އަބުދުލް ރަހީމް ވިދާޅުވިއެވެ.
މެމްބަރުންގެ ނިޒާމީ ނުކުތާތަކަށް ޖަވާބު ދެއްވަމުން ނާއިބު ރައީސް ވިދާޅުވީ އެބިލް ބަހުސްއަށް ގެނެސްފައިވަނީ ގާނޫނީގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށް ފަހުގައި ކަމަށާއި އެހެންކަމުން ބިލަށް ބަހުސްކުރެވޭނެކަމަށެވެ. ނަމަވެސް ރިޔާސަތުގެ ނިންމެވުމަށް ދެކޮޅު ހެއްދެވުމަށް ދެވަނަ ފަހަރަށް ޖަލްސާ މެދު ކަނޑާލުމަށް ފަހު ތިން ވަނަ ފަހަރަށް ޖަލްސާ ފެށިއިރު އެޖެންޑާގައި އޮތީ ނުނިމި ހުރި މައްސަލަތަކާމެދު ބަހުސްކުރުމެވެ.
އެގާރަ ޖެހިއިރު ޖަލްސާ ފެށިއިރު ރިޔާސަތުގައި އިންނެވީ ވެލިދޫ ދާއިރާގެ މެމްބަރ އަލީ މުހައްމަދެއެވެ. ރިޔާސަތުން އަލީ މުހައްމަދު އެޖެންޑާ އިއުލާނުކުރުމާއެކު ބިލަށް ތާއިދުކުރައްވާ މެމްބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވާ ބިލަށް ބަހުސްކުރުމަށް ކަނޑައަޅާފައިވާ އެއްގަޑިއިރު، ހަމަނުވަނީ އެބިލުގެ މަސައްކަތް ފަސްކުރައްވާ އެހެންމަސައްކަތަކަށް ނުދެވޭނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. މަހުލޫފާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރ އަހުމަދު އާމިރާއި ވިލުފުށި ދާއިރާގެ މެމްބަރ ރިޔާޒު ރަޝީދު ނިޒާމީ ނުކުތާ ނަންގަވާ ވާހަކަ ދެއްކެވި ނަމަވެސް ރިޔާސަތުން ވަނީ އެޖެންޑާއާއެކު ކުރިއަށް ދަނީ ގަވާއިދާ އެއްގޮތަށް ކަމަށް ވިދާޅުވެ ރޫލިން ދެއްވާފައެވެ. ނަމަވެސް އެހިސާބުން ބިލަށް ތާއިދުކުރައްވާ މެމްބަރުންވަނީ ފުލުފުލުގައި ވާހަކަ ދައްކަވާ ޖަލްސާކުރިއަށްގެންދެވުމަށް ހުރަސް އަޅުއްވާފައެވެ. އެހިސާބުން ރިޔާސަތުން އަލީ މުހައްމަދު ވަނީ ޖަލްސާ މެދު ކަނޑާލެއްވިކަން އިއުލާނު ކުރައްވާފައެވެ.
މަހުލޫފު ވިދާޅުވީ ސިޓީ ކައުންސިލުގެ އަތްދަށުން ޕްރީސްކޫލު ހިންގުން ވަކިކުރަން ހުށަހެޅުއްވީ މާލޭގެ ރައްޔިތުން އެކަމަށް އެދި އިހުތިޖާޖުކުރުމުން ކަމަށާއި އެކަންކުރައްވަން ހުށަހެޅުއްވީ ހެޔޮނިޔަތުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ