ޑްރަގް މައްސަލައެއްގައި އުމުރަށް ޖަލަށްލި މީހަކު ސުޕްރީމް ކޯޓުން މިނިވަންކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށްލާން ކޮށްފައިވާ ހުކުމެއް ބާތިލްކޮށް، އެ މީހާ ސުޕްރީމް ކޯޓުން އިއްޔެ މިނިވަންކޮށްފި އެވެ. ސ. ފޭދޫ ރައިހާނުގޭ އަބްދުﷲ އުނައިސް އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ މެއި 2012 ގައި އޭނާގެ ޖީބުން މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ. ސ. މަރަދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އުނައިސް ހައްޔަރުކޮށް، ފާސް ކުރުމުން އޭނާގެ ޖީބުން 14 ގްރާމަށް ވުރެ ގިނަ ޑްރަގްސް ފެނުނު މައްސަލާގައި އޭނާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް 2013 ގައި ވަނީ ތާއީދުކޮށްފަ އެވެ. ނަމަވެސް އުނައިސްގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން އިއްޔެ ވަނީ އޭނާ އުމުރަށް ޖަލަށްލާން ކޮށްފައިވާ ހުކުމް ބާތިލްކޮށް، އޭނާ މިނިވަންކޮށްފަ އެވެ. ޖަލުގައި ދެ އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރި ފަހުން ސުޕްރީމް ކޯޓުން އޭނާގެ ހުކުމް ބާތިލްކުރީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ އިއްތިފާގުންނެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އުނައިސާ ދެކޮޅަށް ހެކިބަސް ދިން ފުލުހުންގެ ތެރެއިން އެކަކީ އުނައިސްގެ ޖީބުން ފެނުނު ކަމަށް ބުނާ މަސްތުވާތަކެތި އޭނާގެ ޖީބަށް އެޅި މީހާ ކަމަށް އުނައިސްގެ ފަރާތުން ފާހަގަ ކުރުމުން ވެސް އެކަމަށް ދަށު ކޯޓުން ރިއާޔަތްކޮށްފައިނުވާ ކަމަށެވެ. އެ ހާލަތުގައި އެ ފުލުސް މީހާގެ ފިންގަޕްރިންޓް ނަގައި، އެ މަސްތުވާތަކެތި އަޅާފައި ހުރި ސިޓީ އުރާގައި އެ ފުލުސް މީހާގެ ފިންގަޕްރިންޓް ހުރިތޯ ބަލަންޖެހޭއިރު އެކަން އެގޮތަށް ކޮށްފައިނުވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. މީގެ އިތުރުން ހެކި ހުށަހެޅުމުގެ ހައްގު ހަމަހަމަކަމާ އެކު ދެ ފަރާތަށް ވެސް ލިބެންޖެހޭއިރު އުނައިސްގެ ފަރާތުން ދިފާއުގައި ހެކި ހުށަހަޅަން އެކަށީގެންވާ މަގު ތަނަވަސްވެފައިނުވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އޭނާއަކީ އޭރު ބަންދުގައި ހުރި މީހެއް ކަމުން ހެކިންގެ މައުލޫމާތު ކޯޓަށް ފޯރުކޮށްދޭން މަގު ތަނަވަސްވެފައިނުވާ ކަމަށް އޭނާގެ ފަރާތުން ބުންޏަސް ދަށު ކޯޓުން އެކަމަށް ވެސް ބަލާފައިނުވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. އުނައިސަށް ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ލިބިފައި ނެތް ކަމަށް އޭނާގެ ފަރާތުން ބުނި ބުނުމަށް ވެސް ދަށު ކޯޓުން ބަލާފައިނުވާ ކަމަށް އެ ހުކުމުގައިވެ އެވެ. މިއީ އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި މީހަކު ސުޕްރީމް ކޯޓުން މިނިވަންކުރި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ