ޑިޒާސްޓާގެ 24 މިލިއަން ރުފިޔާ ޚިޔާނާތުގެ ތުހުމަތުކުރެވޭ މީހާ ފުރުމުގެ ހުއްދަ ހައި ކޯޓުން ވެސް ނުދިން
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގެ 24 މިލިއަން ރުފިޔާގެ ޚިިޔާނާތުގެ ތުހުމަތުގައި ފުލުހުން ކުރިން ހައްޔަރުކުރި މީހަކު ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ހައި ކޯޓުން ދަމަހައްޓައިފި އެވެ. ހައި ކޯޓުން ދަމަހައްޓާފައިވަނީ ގދ. ހޯޑެއްދޫ ފޭރުމާގޭ އަބްދުﷲ ސައީދު މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ފުރުން މަނާކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެކެވެ. އެ އަމުރުގެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ ސައީދުގެ ފަރާތުންނެވެ. އެ މައްސަލައިގައި ސައީދުގެ އިތުރުން އިތުރު އަށް މީހެއްގެ މައްޗަށް ޖިނާއީ ދައުވާކުރަން ފުލުހުން ވަނީ ޕީޖީ އަށް ވެސް ފޮނުވައިފަ އެވެ. ހައި ކޯޓުން ހުކުމުގައިވަނީ ދަތުރުފަތުރު ކުރުމަކީ ވަކި ހައްދެއް ނެތި ދޫކޮށްލެވިފައިވާ މިނިވަންކަމެއް ނޫންކަމާއި މީހަކު ރާއްޖެ އިން ބޭރަށް ފުރުން މަނާކުރުމުގެ އަމުރު ނެރުމުގެ ބާރު އިމިގްރޭޝަންގެ ގާނޫނު ދަށުން ޝަރުއީ ކޯޓުތަކަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން ސައީދު ފުރުން މަނާކޮށް ކޯޓުން ނެރެފައިވާ އަމުރަށް ބަދަލު ގެންނަންނުޖެހޭ ކަމަށް ކަނޑައަޅާފައިވަނީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ. އެ މީހުންގެ މައްޗަށް ހިޔާނާތުގެ ތުހުމަތުކޮށްފައިވަނީ ވަނީ ސުނާމީގައި ގެއްލުން ލިބުނު ރަށްތަކަށް ކޮންސްޓްރަކްޝަން މެޓީރިއަލް ހޯދުމަށް 2005 ވަނަ އަހަރު އެލޮކޭޓް ބިޒްނަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް )އޭބީސީ(ގެ ނަމުގައި ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ދޫކޮށްފައިވާ ކްރެޑިޓް މުދާ ގަތުމަށް އެދޭ ފޯމުތަކަށް އެޕޯލޯ ކުންފުނިން ހަމަ އެ އަހަރު އިންވޮއިސް ހުށަހަޅައިގެން ފައިސާ ނަގާފައިވަނިކޮށް، އޭބީސީ ކުންފުނިން 2009 ވަނައަހަރާއި 2010 ވަނައަހަރު އެ ފޯމުތަކުގެ ފޮޓޯ ކޮޕީ އަށް ހަދާފައިވާ އިންވޮއިސްތަކަށް ދައުލަތުގެ މާލިއްޔާ އިން 24 މިލިއަނަށްވުރެ ގިނަ ރުފިޔާ ނެގި މައްސަލައިގަ އެވެ. އެއީ މަކަރާއި ހީލަތުން އޮޅުވާލައިގެން ނެގި ފައިސާ ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ