އިންޖީނެއްގެ ހޮޅިއެއް ފަޅައިގެން ގޮސް ކަރަންޓް ކެނޑި، އައްޑޫގެ ބޮޑު ބައެއް ކަނު އަނދިރީގައި
އައްޑޫގެ ގުޅިފައިވާ ހިތަދޫ އާއި މަރަދޫ އާއި މަރަދުފޭދޫ އާއި ފޭދޫއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އިންޖީނެއްގެ ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން މެންދުރުން ފެށިގެން ކަރަންޓު ކެނޑެމުން ގޮސް އެންމެ ފަހުން މި ހަތަރު ރަށުގެ ގިނަ ބަޔަކު މިރޭ ކަނު އަނދިރީގައި ތިބެން ޖެހިއްޖެ އެވެ. ސަދަން ޔޫޓިލީސް ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޒުހައިރު ވިދާޅުވީ ކަރަންޓު ކެނޑެމުން ދަނީ މަރަދޫގައި ހުންނަ ހަ އިންޖީނުގެ ތެރެއިން އެއް އިންޖީނުގެ ހޮޅިއެއް ފަޅައިގެން ގޮސް ތެޔޮ ލީކުވުމުގެ ސަބަބުން އިންޖީނު މަރާމާތު ކުރަން ބައެއް އިންޖީނުތައް ނިވާލަން ޖެހިފައިވާތީ ކަމަށެވެ. އޭނާ ވިދާޅުވީ ހޮޅިއެއް ފަޅައިގެން ދިޔަ އިންޖީނު މަރާމާތު ކުރެވެންދެން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭނެ ކަމަށާއި އެހެންކަމުން މަދުން ކަރަންޓު ބޭނުން ކުރަން އިލްތިމާސް ކުރާ ކަމަށެވެ. "މަރާމާތު ކުރުމުގެ މަސައްކަތް ކުރާތީ ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް،" ޒުހައިރު ވިދާޅުވި އެވެ. ކަރަންޓް ކެނޑޭތީ އައްޑޫގެ ގިނަ ރައްޔިތުންނަށް ދަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންނެވެ. ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނީ މިރޭގެ މިހާތަނަށް ހައެއްކަ ފަހަރު ކަރަންޓު ކެނޑިފައިވާ ކަމަށާއި މިކަމުގެ ސަބަބުން ގިނަ ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. "މިއަދު ވެސް ހައެއްކަ ފަހަރު ކަރަންޓު ކެނޑިއްޖެ. ކަރަންޓު ކެނޑިފަ ކަރަންޓު އަންނަނީ ގަޑިއެއްހާ އިރު ފަހުން. އެހެންވެ ވަރަށް ދަތިވޭ،" އޭނާ ބުންޏެވެ. ޒުހައިރު ވިދާޅުވީ ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ މަރުކަޒީ އިންޖީނު ގޭގެ ހަ އިންޖީނު އެކަށީގެންވާ ވަރަށް މަރާމާތުކޮށް، ސާވިސް ކުރެވިގެން ކަމަށާއި އެކަމަށް ބޭނުންވާ ސްޕެއާ މާލެ އާއި ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ފެނަކަ އިން ކުރަމުންދާ ކަމަށެވެ. "އިންޖީނުތަކަށް އެވަރުވީ ތިން އަހަރެއްހާ ދުވަހު އެ އިންޖީނުތައް އެއްވެސް ވަރަކަށް ސާވިސް ނުކޮށް އޯވަހޯލް ވެސް ކޮށްފައި ނުވާތީ،" ޒުހައިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާރު ވެސް ދެ އިންޖީނެއް ހަލާކުވެ، ނުހެދި އެބަހުރި ކަމަށާއި އެ އިންޖީނުތައް ރަނގަޅު ވެއްޖެނަމަ ޖުމްލަ އަށް އިންޖީނެއް ބޭނުންކޮށްގެން ކަރަންޓު ދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ