އާސަންދަ ނިޒާމުގެ ދަށުން ދެވޭ ހިދްމަތް ތަކުން ރައްޔިތުން އަތުން ފައިސާ ނަގަން ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި

މުހައްމަދު ފަޒީން
އެމްޑީޕީ ސަރުކާރުން ފޯރުކޮށްދެމުންއައި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާކުރެވޭ ނިޒާމު އާސަންދަ އަށް ބޮޑެތި ބަދަލުތަކެއް ގެންނައުމަށާއި ދިވެހި ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ކުރެވޭ ނިޒާމުން ރައްޔިތުން އަތުން ފައިސާގެ ބައެއް ނެގުމަށް ހެލްތު މިނިސްޓަރ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މިމަހުގެ 5 ވަނަ ދުވަހު ހެލްތު މިނިސްޓަރ ޑރ.އަހުމަދު ޖަމްޝީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައިވަނީ އަމިއްލަ ހޮސްޕިޓަލް ތަކާއި ކްލިނިކްތަކުން ހޯދާ ހިދުމަތުގެ އަގުގެ ވަކި ޕަސެންޓެއް ބަލިމީހާ ހިއްސާކުރާ ގޮތަށް އާސަންދަ ބަދަލުކޮށް އަމިއްލަ ތަންތަނަށް ހަމަހަމަ ގޮތެއްގައި އާސަންދަ ހުޅުވާލުމަށެވެ. މިގޮތުން އެފަދަ ތަންތަނުން ކުރެވޭ ތަހުލީލުތަކާއި އެޑްމިޓްކޮށްގެން  ދެވޭފަރުވާގެ %20 ބަލިމީހާ ހިއްސާކުރުމަށެވެ.
މީގެ އިތުރުން ޑޮކްޓަރަށް ދައްކަންޖެހޭ ފީގެ ބައެއް ބަލިމީހާ ދައްކަން ޖެހޭގޮތަށް މިސިޓީގައި ވެއެވެ. އެއީ ޑޮކްޓަރަށް ދެއްކުމަށް ދައްކަންޖެހޭ ފައިސާއިން ސްކީމުން ހިއްސާ ކުރާ މިންވަރަކީ ސްޕެޝަލިސްޓުންނަށް 100 ރުފިޔާ އަދި ނޮންސްޕެޝަލިސްޓުންނަށް 50 ރުފިޔާ އެވެ. ނަމަވެސް ސަރުކާރުގެ ހުރިހާ ސިއްހީ ހިދުމަތްދޭ ތަންތަނުން މީގެކުރިންވެސް ދެމުންއައި ގޮތަށް ހިލޭ ބޭސް ކުރެވޭ ގޮތަށް ހުށަހަޅާފައިވާއިރު ސަރުކާރުގެ ތަންތަނުންނާއި އަމިއަލަ ތަންތަނުން ބަލި މީހާއަށް ދޭ ބޭސް ސިޓީއަށް އަމިއްލަ ޖީބުން 40 ރުފިޔާ އާއި 60 ރުފިޔާ އާއި ދެމެދުގެ އަދަދެއް ދެއްކުމަށްވެސް މިހާރުގެ ސަރުކާރުން ހުށަހަޅާފައިވެއެވެ. ނަމަވެސް އެޑްމިޓް ކޮށްގެން ދެވޭ ބޭހަށް އެއްވެސް ފައިސާއެއް ބަލިމީހާގެ އަތުން ދައްކާކަށް ނުޖެހެއެވެ.
ސަރުކާރުން އަލަށް ހުށަހެޅުނު އިސްލާހުގެ ސަބަބުން އާސަންދައިގެ ދަށުން އައިނު ހެއްދޭނީ ހުއްދަ ދެވޭ ބަޔަކަށް ކަމަށާއި އަދި އާސަންދައިގެ ދަށުން ރާއްޖޭން ބޭރުގައި ބޭސްފަރުވާ ކުރާނަމަ %15 އަމިއްލައަށް ދަންކަންޖެހެއެވެ.
ހެލްތު މިނިސްޓަރުގެ ސިޓީގައިވަނީ އާސަންދަ ނިޒާމް ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދޭން ބޭނުން ކަމުގައިވަނީނަމަ މިހާރު އާސަންދަ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށާއި، މިހާރު މިހިނގާ ގޮތަށް އާސަންދަ ނިޒާމްގެ ހަރަދު ދެކޮޅު ނުޖެހޭނެކަމަށެވެ.
މިހާރުގެ ސަރުކާރުން އާސަންދަ ނިޒާމަށް މިހާބޮޑެތި ބަދަލުތަކެއް ގެނައުމުން އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މިއަދު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެވެސް ހިމެނިވަޑައިގަންނަވާ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ އާސަންދަ ހުއްޓާލަން ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. 
މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި 720 މިލިއަން ރުފިޔާ އާސަންދަ ހިންގުމަށް ފާސްކޮށްފައިވާނެކަމަށާއި އާސަންދަ ނިޒާމަކީ އެމްޑީޕީ ސަރުކާރުން ވަރަށް ރަނގަޅަށް ހިންގަމުންއައި ނިޒާމެއްކަމަށާއި މިހާރުގެ ސަރުކާރުން ގަދަކަމުން ސަރުކާރާ ހަވާލުވެފައި އާސަންދަ ހިންގެން ނެތޭ ނުބުނެވޭނެކަމަށެވެ.
"720 މިލިއަން ރުފިޔާ ބަޖެޓެއް ފާސްކޮށަފައި އެބައޮތް އާސަންދަ ހިންގުމަށް. މި ސަރުކާރުން ބުނަނީ މި 720 މިލިއަން ރުފިޔާއަކުންވެސް ނެތޭ މިކަން ކުރެވޭކަށް. އެހެންނަމަވެސް އަޅުގަނޑުމެންގެ ސަރުކާރުން ބުނިން އަޅުގަނޑުމެންނަށް އެގޮތައްެއެކަން ކުރެވޭނެކަމަށް. އެގޮތައް އަޅުގަނޑުމެން ކުރަމުން ދިޔައީވެސް. އެހެންނަމަވެސް އެމީހުން ގަދަކަމުން އައިސް ހަވާލުވެފަ މިބުނަނީ ނެތޭ އެކަން ކުރެވޭކަން." އިލްޔާސް ލަބީބް ވިދާޅުވިއެވެ.
އާސަންދަ ނިޒާމަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ހިލޭ ބޭސްފަރުވާގެ ހިދްމަތް ލިބޭ ނިޒާމެކެވެ. މި ސިއްހީފަރުވާގެ ނިޒާމުން ދިވެހި ކޮންމެ ރައްޔިތަކަށްވެސް އަހަރަކު އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ