އަލްހާނަށް ހަމަލާދިން މައްސަލަ ޕީޖީ އަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އަށް ހަމަލާދިން މައްސަލައިގައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފި އެވެ. އަލްހާނަށް ހަމަލާދިން މައްސަލާގައި ހައްޔަރުކޮށްފައި ތިބީ މުހައްމަދު ސަމީހު ނަމަކަށް ކިޔާ ފުވައްމުލަކު މީހަކާއި ސ. ހިތަދޫ މުހައްމަދު ނަސީމް ކިޔާ މީހެކެވެ. އެ ދެ މީހުންގެ މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށާއި އަދި މައްސަލަ ދިރާސާކުރަމުން އަންނަކަން ޕީޖީ އޮފީހުގެ އޮފިޝަލަކު ވަނީ "ހަވީރަ"ށް ކަށަވަރުކޮށް ދެއްވައިފަ އެވެ. އަލްހާނަށް ހަމަލާ ދިން މައްސަލާގައި ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވާއިރު އެ ދެ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ ފަސް ފަހަރެއްގެ މަތިން އިތުރުކޮށްދީފަ އެވެ. މިހާރު ވެސް ސަމީހާއި ނަސީމް ތިބީ ފުލުހުންގެ ބަންދުގަ އެވެ. އަލްހާނަށް ހަމަލާ ދިނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ، އާޓިފިޝަލް ބީޗުގައި ހުންނަ ބްރޭކްވޯޓާ ރެސްޓޯރެންޓްގައި އޭނާ ކޮފީއެއްގައި އިންނަވަނިކޮށެވެ. އަލްހާންގެ ބުރަކަށްޓަށް ދިން ހަމަލާގައި މައިބަދަ އަށް ގެއްލުންވެ، ވާތު ފައިން ވާގި ނެތުނެވެ. ލަންކާއިން ފަރުވާ ހޯދުމަށް ފަހު އޭނާ މިހާރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ