ވިލިނގިލީ ކަރަންޓް މައްސަލަ ދެތިން ދުވަސްތެރޭ ހައްލުވާނެ: ފެނަކަ

ގއ. ވިލިނގިލީން ކަރަންޓް ކެނޑެނީ އެ ރަށުގައި ބޭނުންކުރާ 800 ވޮޓްގެ ޖަނަރޭޓަރަށް މައްސަލައެއް ދިމާވެގެން ކަމަށާއި ދެތިން ދުވަހުގެ ތެރޭގައި އެކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ރޭ ބުނެފި އެވެ. އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީކް ގަޑިތަކުގައި ލޯޑު ނުހިފެއްޓޭތީ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުން ގެންދާ ކަމަށެވެ. އަދި އެ ރަށަށް ކަރަންޓް ދޭން ބޭނުންކުރާ 800 ކިލޯވޮޓްގެ ޖަނަރޭޓަރު މަރާމާތުކުރަން ރަށްރަށުން އިންޖިނިއަރުންގެ ޓީމެއް ގޮސް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބަޔާނުގައި ބުނެފައި ވެ އެވެ. "އިންޖިނިއަރުން މައުލޫމާތު ދެއްވާ ގޮތުގައި ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ގއ. ވިލިނގިލީގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ އަށް ދާއިމީ ހައްލެއް ލިބިގެންދާނެ،" ބަޔާނުގައި ބުނެފައި ވެ އެވެ. ވިލިނގިލީގައި މިހާރު ކަރަންޓު ދެނީ 360 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި 400 ކިލޯވޮޓްގެ ދެ ޖަނަރޭޓަރުންނެވެ. އިއްޔެ އިން ފެށިގެން ޅ. ނައިފަރުން ވެސް ކަރަންޓް ކެނޑިފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެ އެވެ. އެކަން ދިމާވީ، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެ ރަށުގެ މަގުގައި ބައްތި ޖަހަން ހަވާލުކޮށްފައިވާ ފަރާތުން އާތު ރޮޑުގެ މައްޗަށް އެޗްވީ ކޭބަލް ޖެހުމާ ގުޅިގެންނެވެ. "އާތު ރޮޑް އެޗްވީ ކޭބަލް މައްޗަށް ޖެހުމުގެ ސަބަބުން ކޭބަލް ފަރާތައް ވަނީ ބުރިވެފަ އެވެ،" ބަޔާނުގައި ބުނެފައި ވެ އެވެ. ނައިފަރަށް ކަރަންޓް ދޭން ބޭނުންވާ ތަކެތި ރޭ އެ ރަށަށް ފޮނުވާފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ