ސާފް ޗެމްޕިއަންޝިޕް ފަސްކޮށްދިނުމަށް ނިއު އިން އެދިއްޖެ

މި އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ޑިސެމްބަރު މަހަށް ފަސްކޮށްދިނުމަށް އެދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކުޅިވަރާ ބެހޭ މިނިސްޓްރީ އަދި އޭއެފްސީގެ އެކްސްކޯ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް އަށް ނިއު ރޭޑިއަންޓުން ރަސްމީކޮށް ހުށަހަޅައިފި އެވެ. ނިއު އިން ސާފް ޗެމްޕިއަންޝިޕް ފަސްކޮށްދިނުމަށް އެދުނީ އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލްގައި ކުވޭތުގެ ކުވޭތު ސްޕޯޓްސް ކްލަބާ ދެކޮޅަށް ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހާއި ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ކުޅެންޖެހޭތީ އެވެ. ކުރިން ސެޕްޓެމްބަރު 20 އިން 31 އަށް ސާފް ޗެމްޕިއަންޝިޕް ބާއްވަން ޝެޑިއުލްކޮށްފައި އޮތް ނަމަވެސް، ސެޕްޓެމްބަރު މަހުގެ 1 އިން 11 އަށް މުބާރާތް އަވަސްކުރީ ނިއު އާއި އިންޑިއާގެ އީސްޓް ބެންގާލް އޭއެފްސީ ކަޕްގައި ވާދަކުރާތީ އެވެ. ނިއުގެ ޑައިރެކްޓާ އޮފް ފުޓްބޯލް އަންވަރު އަލީ މިއަދު ވިދާޅުވީ ނިއު އިން މުބާރާތް ފަސްކުރަން އެދުނު އެންމެ ބޮޑު ސަބަބަކީ ނިއުގެ ގިނަ ކުޅުންތެރިންތަކެއް ގައުމީ ޓީމުގައި ހިމެނޭތީ ކަމަށެވެ. "އަޅުގަނޑުމެން ވެސް މި ނުކުންނަނީ ގައުމު ތަމްސީލްކުރަން އަދި ކުއާޓާ ފައިނަލް ފަހަނަޅައި ދާން އަޅުގަނޑުމެން ބޭނުން. ފަސްކުރަން އެދުނު އެންމެ ބޮޑު އެއް ސަބަބަކީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ނިއުގައި ތިބުން. ގައުމީ ޓީމުގެ ސްކޮޑުގެ ބޮޑު ބައެއް ނިސްބަތްވާނީ ނިއު އަށް. އަދި ފުރަތަމަ 11 އަށް ބެލިޔަސް، ބޮޑު ބައެއް ނިސްބަތްވާނީ ނިއު އަށް،" އަންވަރު ވިދާޅުވި އެވެ. ނިއުގެ ކުއާޓާ ފައިނަލް މެޗު ކުރިއަށް އޮއްވައި، ސާފް ޗެމްޕިއަންޝިޕަށް ކުޅުންތެރިން ދޫކޮށްލަން ޖެހޭތީ ނިއުގެ ކޯޗު ވެލީޒާ ޕޮޕޯފް ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. "އަހަންނަކަށް ނޭނގޭ އެއްވެސް ބަޔަކު މި ވާހަކަ ނުދައްކަނީ ކީއްވެ ކަމެއް. އެކަމަކު ނިއު އަށް ބޮޑު މެޗެއް އޮއްވައި، އެންމެ މުހިންމު ދުވަސްކޮޅު ގައުމީ ޓީމަށް ކުޅުންތެރިން މި ދޫކުރަންޖެހެނީ. ނިއު ވެސް މި ނުކުންނަނީ ރާއްޖެ އަށް ރީތި ނަމެއް ހޯދައިދޭން. ގައުމީ ޓީމުގެ މުބާރާތް ނިންމާފައި ކުޑަ ދުވަސްކޮޅެއް މެޗަށް ތައްޔާރުވާން ލިބެނީ. ކިހިނެއް މިކަން ގަބޫލްކުރާނީ،" ނޫސްވެރިންނާ ވާހަކަދައްކަމުން މިދިޔަ ހަފުތާގައި ޕޮޕޯފް ބުންޏެވެ. ނިއު އިން ވަނީ އޭއެފްސީގެ ކަޕްގެ ކުއާޓާގައި އެންމެ ފަހުގެ ޗެމްޕިއަން ކުވޭތު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެންޖެހޭ މެޗަށް ސްކޮޑް ވަރުގަދަކުރުމުގެ ގޮތުން ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އަކުރަމް އަބްދުލް ގަނީ އާއި އިސްމާއިލް އީސާ (މެސީ) ގެނެސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ