ކޯޓުތަކުގައި ކްލަބް ޖަމްއިއްޔާ ހެދުން ސުޕްރީމް ކޯޓުން މަނާކޮށްފި

ކޯޓަކުން އެއްވެސް ނަމެއްގައި ކްލަބެއް ނުވަތް ޖަމާއަތްތައް ހަދައިގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު އަންގައިފި އެވެ. ސުޕްރީމް ކޯޓުން މިއަދު ނެރުނު އާންމު ސިޓީއެއްގައިވަނީ ކޯޓުތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރަން އިޖްތިމާއީ ހަރަކާތްތައް ހިންގިދާނެ ކަމަށާއި އެފަދަ ހަރަކާތްތައް ހިންގަން ވާނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް މައުލޫމާތު ދީގެން ކަމަށެވެ. ނަމަވެސް ކޯޓުތަކުން ޖަމްއިއްޔާ ނުވަތަ ކްލަބްތައް އުފެއްދުމަކީ ހުއްދަ ކަމެއް ނޫން ކަމަށް އަންގާ ކަމަށް އެ ސިޓީގައިވެ އެވެ. "އެއްވެސް ކޯޓެއްގައި އެއްވެސް ނަމެއްގައި ކްލަބެއް ނުވަތަ ޖަމާއަތެއް ހެދުމަކީ ހުއްދަ ކުރެވިފައިވާ ކަމެއް ނޫންކަން އެންގީމެވެ،" އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއި ކުރައްވާފައިވާ އެ ސިޓީގައިވެ އެވެ. ސުޕްރީމް ކޯޓުން އެގޮތަށް އެންގިއިރު މާލޭގެ ބައެއް ކޯޓުތަކުގައި މިހާރު ވެސް ކްލަބްތައް ހިންގަމުންދެ އެވެ. މީގެކުރިން މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ވަނީ ކޯޓުތަކުން ކްލަބް ޖަމްއިއްޔާތައް ހިންގަންވާނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ޑީޖޭއޭގެ ބެލުމުގެ ދަށުން ކަމަށް އަންގައި ސާކިއުލާއެއް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ