ފެރީ: ހުޅުމާލެ އަށް ދާން ބޭނުން ނުވާ އެންމެ ބޮޑު ސަބަބު

ހުޅުމާލެ ހިތްފަސޭހަ އެވެ. ހިމޭންވެފައި ހިތްގައިމެވެ. އެކަމަކު ހުޅުމާލެ އާއި މާލެއާ ދެމެދު ކުރަންޖެހޭ ދަތުރުތައް ސިފަކުރަން ޖެހޭނީ މީގެ އަނެއް ކޮޅަށެވެ. ދަތުރުކުރަންޖެހޭ މުހިންމު ކޮންމެ ވަގުތެއްގައި ޓާމިނަލްތައް ތޮއްޖެހެ އެވެ. ނާލު ބައްތެލިތަކެއް ފަދަ ފެރީތަކުގައި ކޮޅަކަށް ވިއްސަކަށް މިނެޓް ހޭދަކުރަންޖެހޭ ދަތުރުތަކުގައި ތިބެންޖެހެނީ ރޯފިލާހާ ގަދަ ހޫނުގެ ތެރޭގަ އެވެ. ފިތި ބާރުވެފަ އެވެ. ފެރީގެ ގޮނޑިތައް ފުރިގެން އެއް ބަޔަކު ކޮޅަށް ތިބެންޖެހޭ ފަހަރު އަންނަނީ ވެސް މަދެއްކޮށެއް ނޫނެވެ. ސައިކަލް ހިފައިގެން ދަތުރުކުރަން ވިސްނާ ނަމަ، މަދު ވަގުތެއްގައި ނޫނީ ގޮސް އިންނަން ޖެހޭނީ ކޮޅު ނުފެންނަ ދިގު ކިއޫއެއްގަ އެވެ. މި ހިތްދަތި ދަތުރުން ސަލާމަތްވާން އޮތީ އެންމެ މަގެކެވެ. އެއީ ދޯނީގައި ދަތުރުކުރުމަށް ވުރެ ފަސް ގުނަ އަގު ބޮޑު އެކްސްޕްރެސްގެ ހިދުމަތް ބޭނުންކުރުމެވެ. އެކަމަކު ކޮންމެ ދުވަހަކު ދަތުރުކުރަންޖެހޭ މީހަކު ނަމަ އެކަމަށް ދުވާލަކު 50ރ. ހަރަދުކުރަން ޖެހެ އެވެ. އެހެންވެ މިއީ ކުޅަދާނަ ކަމަކަށް ނުވެ އެވެ. ކޮންމެ ދުވަހަކު މި ދަތުރުކުރަންޖެހޭތީ ހަމަ ކޮންމެ ދުވަހަކު ވެސް މި ޝަކުވާކުރާ އަޑު އިވެ އެވެ. ފެރީ ޓާމިނަލް ތެރޭގަ އާއި ފެރީ ތެރޭގައި ތާށިވާ ކޮންމެ ވަގުތަކު މި ހިތްހަމަނުޖެހުންތަކުގެ އަޑު އިވެ އެވެ. ދެން އިވޭނީ ބްރިޖް އެޅުމުން ނޫނީ މިކަން ހައްލު ނުވާނެ ކަމަށް ބުނާ އަޑެވެ. ހަމަ ކޮންމެ ދުވަހަކުހެން މި އަޑުތައް އިވެ އެވެ. "ކިތަންމެ ގިނަ ފެރީއެއް ބޭއްވިޔަސް ދެން މި ކަމެއް ހައްލެއް ނުވާނެ. ކޮންމެ ދުވަހަކު ހުޅުމާލެ އަށް ބަޔަކު ބަދަލުވާއިރު އެތަނަށް މީހުން ގިނަވާ ވަރަށް ކިހިނެއް ފެރީތައް ބާއްވާނީ. ހައްލަކީ ބްރިޖެއް،" ފެރީން ދަތުރުކުރުމުގެ އުނދަގޫތަކާ ބެހޭ ގޮތުން ދެ މީހަކު ފެރީތެރޭ ތިބެގެން ދެއްކި ވާހަކަތަކެއްގެ ތެރޭގައި އެކަކު ބުނާ އަޑު އިވުނެވެ. އެ މީހަކު އެ އިޝާރާތްކުރަނީ ހެނދުނު އޮފީހަށް ދާ ވަގުތާއި އޮފީސް ނިމިގެން މީހުން އެނބުރި ގެއަށްދާ ވަގުތު ފެރީ ޓާމިނަލްތަކަށް މީހުން ތޮއްޖެހުމަށެވެ. އަދި އަމުދުން ސްކޫލް ބަންދު ދުވަސްވަރެއް ނަމަ ހުޅުމާލެ އަށް ގޮސް އުޅޭ މީހުން އެތައް ގުނައަކަށް އިތުރުވެގެން ދާއިރު މީހުން އުފުލަނީ މުދާ އުފުލާ ބީދައިންނެވެ. ފެރީއަށް މީހުން އަރަން އުޅެނީ ރޭހެއްގަ އެވެ. ކޮންމެ ހާލެއްގައި ވެސް ކުރަންޖެހޭ ދަތުރަކަށް ވާތީ އެވެ. ގަދަ ވަޔާއި ވިއްސާރައިގެ ބިރުވެރިކަމުގެ ތެރޭގައި ގަދަ ކަނޑެއް ހުރަސްކުރަން ޖެހޭ ފަހަރު ވެސް އާދެ އެވެ. ހުޅުމާލޭ ފެރީ ޓާމިނަލްގައި ބަޔަކު ފެރީ ޓިކެޓް ގަންނަނީ. -- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް ފެރީތަކަށް ކުއްލި ގޮތަކަށް މިހާ ވަރަށް ބާރު ބޮޑުވާން ފެށީ އަލަށް ހެދި ފްލެޓްތަކުގައި މީހުން އުޅެން ފެށުމާ އެކުގަ އެވެ. ހުޅުމާލެ އާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ދޭ އެމްޓީސީސީ އިން ކުރިން ބުނެފައިވާ ގޮތުގައި މީގެ ކުރިން ފެރީތަކުން ދުވާލެއްގެ މައްޗަށް 14،000 މީހުން ދަތުރުކުރި ނަމަވެސް އެ އަދަދު މިހާރު ވަނީ 16،000 އަށް އިތުރުވެފަ އެވެ. އަދި ހުކުރު ދުވަހު މި އަދަދު 19،000 އަށް އަރާ ކަމަށްވެ އެވެ. ކުރިއަށް އޮތް ތަނުގައި އަދިވެސް މި އަދަދު އިތުރުވާނެ އެވެ. ސުވާލަކީ މިދާ ވަރުން ފެރީތަކަށް ކުޅަދާނަވާނެތޯ އެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ ފެރީގެ ހިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުން އަންނަ ކަމަށެވެ. "ފެރީގެ ހިދުމަތް ދޭ އެމްޓީސީސީން ވެސް ހިދުމަތް ރަނގަޅުކުރަން މަސައްކަތްތައް ކުރޭ. އެކަމަކު އެ ކުންފުންޏަށް ވެސް މާލީ ދަތިތަކާ، ފަޅު ކުޑަވުމުގެ މައްސަލަ ވެސް އެބަ އުޅޭ ބޮޑެތި ފެރީތައް ހޯދަން ވިސްނާއިރު،" ސުހެއިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފެރީތައް ގިނަކުރުމަކުން އެކަނި ވެސް މައްސަލަ އަށް އަންނާނެ ކަމަށް ބަލައިގެން ނުވާނެ ކަމަށާއި ފެރީ އަށް އޮންނަ ޑިމާންޑް ކުޑަކުރަން ވެސް ޖެހޭ ކަމަށެވެ. "އެހެންވެ އަޅުގަނޑުމެން އެބަ ހުޅުވާލަން މި އަހަރު ހުޅުމާލޭގައި އޮފީސް ބިލްޑިންގެއް ހަދަން. އޭރުން އެތަނުގައި އޮފީސްތައް ހިންގާނެ ޖާގަ ލިބޭނެ. ކުންފުނިތަކުން އެ ތަންތަނުގައި އޮފީސް ހިންގާ ނަމަ ހުޅުމާލޭގައި ވަޒީފާތައް އިތުރުކުރެވޭނެ،" ސުހެއިލް ވިދާޅުވި އެވެ. ހުޅުމާލޭގެ ބައެއް ވަަޒަންވެރިން ބުނަނީ ފެރީގެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ދިނުމަށް އެމްޓީސީސީ އަށް ވަގުތު ލިބިއްޖެ ކަމަށާއި އެކަމަކު މިހާ ދުވަސްވީއިރު ވެސް ބަދަލެއް ނައުމުން، ފެރީގެ ހިދުމަތް ވާދަވެރިކަމަށް ހުޅުވާލުން ވެސް ރަނގަޅު ކަމަށެވެ. މާލެ އިން ހުޅުމާލެ އަށް ބަޔަކު ފެރީގައި ދަތުރުކުރަނީ. -- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް "އެއީ ވެސް ހެދިދާނެ ގޮތެއް. އެކަމަކު އެމްޓީސީސީ އަކީ ސަރުކާރުގެ ކުންފުންޏަކަށް ވުމުން އެ ކުންފުންޏަށް ސަރުކާރުން އިސްކަން ދޭނެ. އެހެން ނޫނަސް އެމްޓީސީސީއާ އެކު ވެސް އެއްބަސްވުމެއް އޮވެގެން މިކަން ކުރަމުން އަންނައިރު ކުއްލިއަކަށް އެހެން ނުވެސް ހެދިދާނެ. އެކަމަކު ވާދަވެރިކަމަށް ހުޅުވާލުމަކީ ވެސް ހައްލަކަށް ވެދާނެ. އެއީ ކުރެވިދާނެ ކަމެއް،" ހުޅުމާލެ ބަލަހައްޓާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ. ހުޅުމާލޭގައި އެންމެ ކުރިން އުޅެން ފެށި މީހުން ބުނާ ގޮތުން، އޭރު ބޭނުން ކޮންމެ ފެރީއަކަށް ގޮސް އެރޭނެ އެވެ. އެކަމަކު މިހާރު އެއް ވަގުތެއްގައި ފުރަން ބޭނުންވާ މީހުންގެ އަދަދު ގިނަވުމުން ފެރީއަށް އެރޭނީ ކޮން އިރަކު ކަމެއް، ޓާމިނަލަށް ގޮސް ހުރި ނަމަވެސް ޔަގީނެއް ނުވެ އެވެ. އެހެންވެ ހުޅުމާލެ ކިތަންމެ ހިތްގައިމު ވެފައި އަރާމު ވިޔަސް އެތަނަށް ގޮސް އުޅުމަކީ ވޭނުން ފުރިގެންވާ ކަމަކަށް މިހާރު ވަނީ ވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ