އަލީ ވަހީދުގެ ކޮރަޕްޝަން މައްސަލައެއް އޭސީސީން ފުލުހުންނަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުގެ މައްސަލައެއް ތަހުގީގުކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންނަށް ހުށަހަޅައިފި އެވެ. ފުލުހުންގެ އޮފިޝަލަކު ވެސް "ހަވީރަ" ށް އެކަން ރޭ ވަނީ އެކަން ކަށަވަރު ކޮށްދެއްވައިފަ އެވެ. އެކަމަކު އެ މައްސަލައިގެ އެއްވެސް ތަފުސީލެއް އޮފިޝަލް ނުދެއްވަ އެވެ. އެހެން ނަމަވެސް "ހަވީރަ" ށް އެނގިފައިވާ ގޮތުގައި މިއީ އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދުގެ މަންމަ 7.9 މިލިއަން ރުފިޔާ އަށް އޮކްޓޫބަރު 2011 ގައި މާލެއިން ގޯއްޗެއް ގަނެފައިވާތީ އެކަމާ ގުޅޭ މައްސަލައެކެވެ. މ. އޯޝަނިކްވިލާ، އިބްރާހިމް އާރިފްގެ މ. އެންޒިއަން، އަލީ ވަހީދުގެ މަންއަށް 7،938،000ރ. އަށް ވިއްކުމާ އަލީ ވަހީދާ ގުޅުން އޮތީ ކިހާވަރަކަށް ކަމެއް ނޭނގެ އެވެ. އޭރު އެ ބިން ގަތުމަށް ފައިސާ ދެއްކީ އަލީ ވަހީދުގެ މަންމަގެ ފިރިމީހާ ކަމަށް އޭނާ މީޑިއާގައި ހަބަރު ފެތުރި ނަމަވެސް ފަހުން ހާމަވި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ގޯއްޗަށް ފައިސާ ދެއްކީ ޓެޕް ކޮންސްޓްރަކްޝަނުންނެވެ. ފުލުހުންގެ އޮފިޝަލް ވިދާޅުވީ އަލީ ވަހީދުގެ މައްސަލަ ބަލާނީ ފުލުހުންނާ އޭސީސީއާ ގުޅިގެން ކަމަށެވެ. އަލީ ވަހީދުގެ މަންމަގެ އިތުރުން އަލީ ވަހީދުގެ ދެކަނބަލުން ވެސް ހުޅުމާލެއިން ބީލަމުގެ އުސޫލުން ދެ ބިމެއް ކާމިޔާބު ކުރެއްވި އެވެ. އެއިން ކޮންމެ ބިމެއްގެ އަގު 4.6 މިލިއަން ރުފިޔާ އަށް އަރާއިރު އަލީ ވަހީދުގެ އަނބިކަނބަލުން ބައްލަވައިގެންނެވި ގޯތި ވަނީ ފައިސާ ނުދެއްކެވިގެން އެހެން ފަރާތަކަށް ލިބިފަ އެވެ. އަލީ ވަހީދުގެ ދެކަނބަލުން ބީލަމުގެ އުސޫލުން ދެ ގޯތި ކާމިޔާބުކުރެއްވި ހަބަރު މީޑިއާގައި ފެތުރުމުން އޭނާ ވިދާޅުވެފައި ވަނީ އެ ހަބަރު ފެތުރީ ޒާތީ ގޮތުން އޭނާ ބަދުނާމްކޮށް އެއީ ރިޝްވަތުގެ ފައިސާ ކަމަށް ރައްޔިތުންނަށް ދެއްކުމަށް ކަމަށެވެ. އަލީ ވަހީދު ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ތަނުގައި ވެސް ބިންވެރިކޮށް، ރިއަލް އެސްޓޭޓް ވިޔަފާރި ކުރައްވާނެ ކަމަށެވެ. އަލީ ވަހީދުގެ މަންމަ ގޯއްޗެއް ގަތީ އަލީ ވަހީދު އެހެން ވިދާޅުވިތާ ދުވަސްކޮޅެއް ފަހުންނެވެ. އަލީ ވަހީދުގެ ކޮރަޕްޝަންގެ ތުހުމަތުގެ މައްސަލައެއް އޭސީސީން ފުލުހުންނަށް ފޮނުވިއިރު ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ 24 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތުހުމަތުގައި ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ބަޔަކު ހައްޔަރުކޮށްފަ އެވެ. އެހެން ނަމަވެސް ފުލުހުން އެ މީހުން ހައްޔަރުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އޭގެ ތެރެއިން ބައެއް މީހުން ވަނީ ދޫކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ