އާބާދީގެ 82 ޕަސެންޓް މީހުން އަހަަރަކު އަށް ފަހަރު އާސަންދަ ހިދުމަތް ހޯދާ: ރިޕޯޓް
އާބާދީގެ 82 ޕަސެންޓް މީހުން 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު މަދުވެގެން އަށް ފަހަރު އާސަންދައިގެ ހިދުމަތް ހޯދާފައިވާ ކަމަށް އެ ދެ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ. އޮޑިޓަޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި މިދިޔަ އަންގާރަ ދުވަހު ނެރުނު އޮޑިޓް ރިޕޯޓުގައި، ބުނެފައި ވަނީ އާސަންދައިގެ ދަށުން އެންމެ ބޮޑު ހަރަދެއް 2012 އަދި 2013 ވަނަ އަހަރު ވެސް ހިނގާފައި ވަނީ އެޑްމިޓްނުކޮށް، ޑޮކްޓަރަށް ދެއްކުމާއި ތަހުލީލްތައް ހެދުމަށް ކަމަށެވެ. އޭގެތެރެއިން 82 ޕަސެންޓް މީހުން އަަހަރަކު އަށް ފަހަރު ޑޮކްޓަރަށް ދައްކައި ތަހްލީލްތައް ހެދުމާއި ބޭހަށް 2012 ވަނަ އަހަރު ޖުމްލަ 524.4 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. އަދި 2013 ގައި 509.3 މިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. "ދިވެހި ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ނިސްބަތުން ހަގު އަދި ޒުވާން އުމުރުގެ މީހުން ކަމަށްވާއިރު އާބާދީގެ 82 ޕަސެންޓް މީހުން ބަލިވެގެން އަހަރެއްގެ ތެރޭގައި މަދުވެގެން އަށް ފަހަރު އާސަންދައިގެ ހިދުމަތް ހޯދަން ޖެހުމަކީ ރާއްޖޭގެ އާބާދީގެ ސިއްހީ ދުޅަހެޔޮކަމާ މެދު ފުންކޮށް ވިސްނައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމެއް ކަމުގައި ދެކެމެވެ،" އޮޑިޓް ރިޕޯޓުގައިވެ އެވެ. އޮޑިޓް ރިޕޯޓުގައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، 2012 ވަނަ އަހަރު އެޑްމިޓްނުކޮށް ހޯދާފައިވާ ހިދުމަތްތަކަށް 387 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު ޖެހިގެން އައި އަހަރު 355 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ރާއްޖެ އިން ބޭރުން ބޭސްކުރަން 2012 ވަނަ އަހަރު 73 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު 2013 ގައި 88 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. ދިވެހި ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ނިސްބަތުން ހަގު އަދި ޒުވާން އުމުރުގެ މީހުން ކަމަށްވާއިރު އާބާދީގެ 82 ޕަސެންޓް މީހުން ބަލިވެގެން އަހަރެއްގެ ތެރޭގައި މަދުވެގެން އަށް ފަހަރު އާސަންދައިގެ ހިދުމަތް ހޯދަން ޖެހުމަކީ ރާއްޖޭގެ އާބާދީގެ ސިއްހީ ދުޅަހެޔޮކަމާ މެދު ފުންކޮށް ވިސްނައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމެއް ކަމުގައި ދެކެމެވެ.-- އޮޑިޓަ ޖެނެރަލް އެ ރިޕޯޓުން ދައްކާގޮތުގައި އާސަންދަ ހިދުމަތަށް 2012 ގައި ޖުމްލަ 844 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު 2013 ގައި 816 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އާސަންދަ ހެލްތު ސްކީމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްކުރެވޭ ނިޒާމަކަށްވާއިރު އިތުރު އިންޝުއަރެންސް ޕޮލިސީތަކަށް ދައުލަތުން ހަރަދުކުރާތީ އެ ރިޕޯޓުގައި އޮޑިޓަ ޖެނެރަލް ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. އެ ރިޕޯޓުގައި ބުނީ އާސަންދަ ސްކީމް ހިންގުމަށް އާސަންދަ ކުންފުންޏަށް ސަރުކާރުން ދައްކާ ޕްރިމިއަމް ފައިސާ ހިސާބުކޮށްފައި ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުން ހިމެނޭ ގޮތަށް ކަމަށެވެ. އެކަމަކު ސަރުކާރުގެ އެގްޒެކެޓިވް ބްރާންޗުގައި ހިމެނޭ އޮފީސްތަކާއި މުސްތަގިއްލު މުއައްސަސާތަކާއި ކައުންސިލްތަކުގެ އިސްވެރިންނަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މުސާރައިގެ އޮނިގަނޑުގެ ދަށުން އެ މަގާމްތައް ފުރުއްވާ ބޭފުޅުންނަށާއި އެ ބޭފުޅުންގެ އާއިލީ މެމްބަރުންނަށް ވަކިން މެޑިކަލް އިންޝުއަރެންސް ނިޒާމެއް ހަމަޖައްސާފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. "އެ ފަރާތްތަކަށް ވަކި އިންޝޫއަރެންސް ޕެކޭޖްތަކެއް ހަމަޖެއްސުމުން އެ އިދާރާތަކުގެ ބަޖެޓުން 2012 އަދި 2013 ވަނަ އަހަރު ހަރަދުކޮށްފައިވުމުންނާއި މީގެ އިތުރުން ބައެއް މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކުގެ މުވައްޒަފުންނަށް 2012 ވަނަ އަހަރު ވަކިން އިންޝުއަރެންސް ޕޮލިސީ ނަގާފައިވުމުން އާސަންދަ ހެލްތު ސްކީމް ހިންގުމަށް ދައުލަތުން ކޮށްފައިވާ ހޭދައިގެ އިތުރުން ސިއްހީ އިންޝުއަރެންސް ހަމަޖެއްސުމަށް ދައުލަތުގެ ބަޖެޓުން އިތުރު ހަރަދުތަކެއް ކޮށްފައިވެ އެވެ،" އޮޑިޓް ރިޕޯޓުގައިވެ އެވެ. އެ ރިޕޯޓުގައިވާ ގޮތުން އާސަންދަ ސްކީމް ހިންގަން ސަރުކާރުން ކުރާ ހޭދައިގެ އިތުރުން 16.8 މިލިއަން ރުފިޔާ 2012 ވަނަ އަހަރު ހަރަދުކޮށްފައިވެ އެވެ. އަދި 2013 ގައި 12.5 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހުނުކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ